ހަބަރު

ކުޑަހުވަދޫ މީހުންނަށް ފެނުނީ އެމްއެޗް073 ކަމަށް ބެލެވޭ އެހެން ވާހަކައެއް

މި އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު ގެއްލުނު މެލޭޝިއާ އެއާލައިންގެ ފްލައިޓް އެމްއެޗް370 ވަނީ އެމެރިކާގެ ހަމަލާއެއްގައި ވައްޓާލައި، އެކަމާ ގުޅޭ ހުރިހާ ހެކިތަކެއް ފޮރުވާފައި ކަމަށް ފްރާންސްގެ އެއާލައިނެއްގެ ކުރީގެ ސީއީއޯ ތުހުމަތުކުރައްވައިފި އެވެ.

ދ.ކުޑަހުވަދޫ ބަޔަކަށް، މާޗް 8 ވަނަ ދުވަހުގެ ހެނދުނު ވަރަށް ތިރިން ދިޔަ މަތިންދާބޯޓެއް ފެނުނު ކަމަށް ބުނާތީ ޑުގޭން ވިދާޅުވެފައި ވަނީ އެ ރަށު މީހުންނަށް ފެނުނީ އެމްއެޗް370 ކަމަށް ވުން ގާތް ކަމަށެވެ. އަދި އެ ހިސާބަށް ބޯޓު ދަތުރުކޮށްފައި ވަނީ ބަޔަކު ރިމޯޓްކޮށް ބޯޓު ހައިޖެކް ކޮށް، ޑިއެގޯ ގާސިއާ އަށް ހަމަލާ ދޭން ކަމަށް ވެސް ވެދާނެ ކަމަށާއި ނުވަތަ ބޯޓުގައި ހާދިސާއެއް ހިނގުމުގެ ސަބަބުން ކަމަށް ވެސް ވެދާނެ ކަމަށެވެ. ބޯޓުގެ ކޮމިއުނިކޭޝަން ނިއްވާލާފައިވާ ކަމަށް ތަހުގީގަށް އެނގިފައި ވާއިރު ޑުގޭން ވިދާޅުވީ ބޯޓުގައި ރޯވުން ފަދަ ކަމެއް ހިނގައިފި ނަމަ ކޮމިއުނިކޭޝަން ނިއްވާލަފާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ބޯޓުގެ ބޭރުފުށަށް އެކަން ފެންނަން ނެތި ބޯޓު ދަތުރުކޮށްފައި ހިނގައިދާނެ ކަމަށް ވެސް ލަފާކުރައްވާފައިވެ އެވެ.

"އެއީ ވަރަށް ވަރުގަދަ އަސްކަރީ މަރުކަޒެއް. އެ ބޯޓުގެ ކުޑަ ނަމަވެސް ނިޝާނެއް އެމެރިކާ އަށް ނުފެނި ގެއްލުމަކީ ބޮޑު އަޖައިބެއް. ކޮންސްޕިރެސީ ތިއަރީތަކުގެ ތެރެއަށް ނުގޮސް ބުނެވިދާނެ، އެ ބޯޓު ވަނީ ވަކި ހިސާބަކުން އެމެރިކާ އިން ހުއްޓުވާފައި ކަމަށް،" ޑުގޭން ވިދާޅުވި އެވެ.

އޭނާ ވަނީ ޓެކްނޮލޮޖީގެ ޒަމާނުގައި، 63 މީޓަރުގެ ބޮޑު އެއްޗެއް އެއްވެސް ނިޝާނެއް ނެތި ގެއްލިގެން ހިނގައިދާނެތޯ ސުވާލު އުފައްދަވައިފަ އެވެ. އެހެންވެ ބޯޓު ގެެއްލުނު ހާދިސާގައި ބަޔަކު ގަސްދުގައި ހެކި ފޮރުވާފައިވާ ކަމަށް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހި އޮންނަނީ މިހާރު ބޯޓު ފެނޭތޯ ހޯދާ ތަނާ އުތުރުން 3000 މޭލު ދުރުގަ އެވެ. އެމެރިކާ އިން 1970 އިން ފެށިގެން ގާއިމުވެފައިވާ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ވަސީލަތްތައް ވަރަށް ވަރުގަދަ އެވެ. އެތަނުގައި އެމެރިކާގެ އަސްކަރީ 1700 މީހަކު ތިބެ އެވެ.