ރިޕޯޓް

ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން އަވަސް ފިޔަވަޅު ބޭނުން

ރާއްޖޭގެ އިގްތިސޯދީ ކަންކަން ހަމައިން ނެއްޓިފައިވާ ވާހަކަ ދައްކާތާ ދުވަސް ގަނޑެއްވެއްޖެ އެވެ. އެތައް އަހަރުތަކެއް ވަންދެން ފަރުވާލެއް ނުބަހައްޓައި ކުރެވުނު ކަންކަމުން އިގްތިސޯދުގެ މުހިންމު އަސާސްތައް ކަމަށްވާ ބޭރުގެ ފައިސާގެ ބާޒާރާއި އިންފްލޭޝަން އަދި ދައުލަތުގެ ދަރަނީގެ މައްސަ އޮތީ އެހާ ރަނގަޅަކަށް ނޫނެވެ.

އެކަން ހައްލުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަބަދުވެސް ގޮވާލާ އެއްކަމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމެވެ. ކޮންމެ ސަރުކާރެއް ވެސް އެކަމަށް ވައުދުވެ އެވެ. ނަމަވެސް އެކަމަށް އަމަލީ ފިޔަވަޅެއް ނޭޅެ އެވެ.

އިގްތިސާދީ މައްސަލަތަކުން އަރައިގަންނަން ކުރަންޖެހޭ މަސައްކަތްތަކަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމެވެ. އޭގެ ތެރެއިން އަހަރުމެންނަށް މަސައްކަތް ކުރެވެނީ އާމްދަނީ އިތުރު ކުރުމަށެވެ. ހަރަދު ކުޑަކުރުމުގެ ބައި އޮންނަނީ މުޅިން ކަހަލަ ގޮތަކަށް ދޫކޮށްލެވިފަ އެވެ. އެއީ އަދި އެއްވެސް ސަރުކާރަކަށް ނުވެ އޮތް ކަމެކޭ ބުނެވިދާނެ އެވެ.

"ހަރަދު ކުޑަކުރަން ހިފީމަ އެބަ ކުރިމަތިވޭ ބޮޑެތި ހުރަސްތަކެއް. އެއީ ކުރަން ވަރަށް އުނދަގޫ ކަމަކަށް ވެފައި އޮންނަނީ. އެއީ މީހުންގެ ހިތްހަމަނުޖެހުމައި ލިބޭ އެއްޗެއް ކުޑަވާން ބޭނުން ނުވުން މީގެ މައިގަނޑު މައްސަލައަކީ. އާމްދަނީ ލިބޭވަރު ރާއްޖެ އަށް މިހާރު ބަލާއިރު އެއީ މައްސަލައެއް ނޫން. މައްސަލައަކަށް ވަނީ ހަރަދުތައް،" ފިނޭންސްގެ ޕާމަނެންޓް ސެކްރެޓަރީ އިސްމާއިލް އަލިމަނިކު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ބަޖެޓްގެ ހަރަދު ކުޑަކުރުމުގެ ޗެލެންޖްތައް ފެށެނީ ވެރިކަމަށް އަންނަން ކެމްޕޭން ކުރާ ހިސާބުންނެވެ. ރާއްޖޭގެ ސިޔާސީ މައިދާން ބައްޓަންވެފައިވާ ގޮތުން އާންމުންގެ ތާއީދާ އެކު ވެރިކަމަށް އައުމަކީ އެކްޓިވިސްޓުންނާ ނުލައި ވާނެ ކަމެއް ނޫނެވެ. ނޫނީ އެ މީހުން ކޮންޓްރޯލްކުރާ މީހުންނާއި ގުޅުންހުރި މީހުން އަބަދުވެސް ކައިރީގައި ގެންގުޅެންޖެހެ އެވެ. އެ މީހުން ބޭނުންވާ ކަންތައްތައް އެ މީހުންނަށް ކޮށްދޭންޖެހެ އެވެ. ނަހަމަ ގޮތުގައި ކޮންޓްރެކްޓްތައް ދިނުމާއި އެކި ނަންނަމުގައި ކުންފުނި ހަދައި ބޯޑުތަކަށް އަރިސް ބޭފުޅުންނާއި އާއިލީ ގޮތުން ގުޅުން ހުރި ބޭފުޅުން އައްޔަން ކުރެއްވުމަކީ އަބަދުވެސް ވެރިކަމުގައި ކަންހިނގާ މަގެވެ. އޭގެ ސަބަބުން ހަރަދުތައް ބޮޑުވެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވެސް ހަރަދުތަކުގެ ބޮޑުބައެއް ބެހިގެންދެ އެވެ.

"ހަރަދުކުޑަކުރަން މަސައްކަތްތަކެއް ކުރެވުނަސް އެންމެ ފަހުން އެކި ނަންނަމުގައި ހަރަދުތައް ކުރެވިފައި އޮންނަނީ. އެއީ ކޮންޓްރޯލް ކުރަން އުނދަގޫ ކަމަކަށް ވެފައި އޮންނަނީ. އެއީ އެ ރޫހު އަޅުގަނޑުމެންގެ ތެރޭގައި ނެތީ،" އަލިމަނިކު ވިދާޅުވި އެވެ.

ހަރަދު ކުޑަނުކުރެވޭ އަނެއް ސަބަބު ގުޅިފައި ވަނީ މީހުންގެ ވިސްނުމާ އެވެ. ކޮންމެ ރައްޔިތަކަށްމެ ކޮންމެ އެއްޗެއް ހިލޭ ލިބޭ ގޮތްވުމެވެ. އެންމެ މުއްސަނދި މީހާ އަށް ކަރަންޓް ސަބްސިޑީ ލިބެ އެވެ. އާސަންދަ ވެސް ލިބެ އެވެ. އަދި މަސްވެރި މީހާ އަށް ވެސް ސަބްސިޑީދެވެ އެވެ. ހިލޭ ތައުލީމު ލިބެ އެވެ. ގައުމަކީ ވެލްފެއާ ސްޓޭޓަކަށް ވުމަކީ ގައުމަށް ދިމާވެފައިވާ ހަރަދު ބޮޑުވުމުގެ މައްސަލަ ޑަބަލް ކުރާ ކަމެކެވެ.

"އަޅުގަނޑުމެންގެ ތެރެއިން މިސާލަކަށް ވިސްނާލަމާ ހިނގާ އެންމެ ޒުވާން ކުއްޖާ އޭނަ އަތުގައި އޮންނާނެ އެންމެ ފަހުގެ ފޯނެއް، ވޮލެޓް އެންމެ އަގު ބޮޑު ލެދާ ވޮލެޓެއް. މުސާރައިގެ ދެބައިކޮށްފައި އެއްބައި ކޮފީ އަށް. އާ ސްޓޮކެއް ގެނެސްފިއްޔާ ހުސްވޭ، އެކަމަކު އެ އެންމެނަށް އެބަޖެހޭ ހިލޭ ބޭސްފަރުވާ ކަރަންޓް މިހެން ގޮސް ނަން ކިޔާނެ އެއްޗެއް ދޭން. އެކަމަކު ސަރުކާރަކަށް އެގޮތަކަށް އެކަމެއް ނުކުރެވޭ،" ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވެފައިވެ އެވެ.

ހަރަދު ކުޑަކުރުމުގެ މައްސަލަ އަށް ކޮންމެ މީހަކު ވެސް އަމިއްލަ ހައިސިއްޔަތަކުން ވިސްނަންޖެހެ އެވެ. ވިޔަފާރި އާއި އިގްތިސޯދުގެ ކަންކަން ވެސް ބިނާވެފައި ވަނީ ރައްޔިތު މީހާގެ ކިބައިން ކަންކަން ފެށޭ ގޮތަށެވެ.

"އަމިއްލަ ފަރުދުންނަށް ވެސް މިކަންކަން އެގޮތަށް ވިސްނައިދީ އިތުބާރު އުފެއްދުން މުހިންމު،" ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރެއްވުމަށް އައިއެމްއެފްއިން ވަޑައިގެން ޗީފް އެކޮނޮމިސްޓް ކޯޝީ މަތާއީ ވިދާޅުވެފައިވެ އެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު މި އަހަރުގެ ބަޖެޓްގެ ވެސް 70 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. މި އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު ވެސް ދަތުރުފަތުރަށް ކުރާ ހަރަދު މުވައްޒަފުންނަށް އަދި އެހެން ގޮގޮތުން ކުރާ ހަރަދު ވެސް 20 ޕަސެންޓް ބޮޑުވެ އެވެ. ނަމަވެސް ގައުމަށް އަންނަ އިގްތިސޯދީ ކުރިއެރުމެއް ނެތެވެ. އެކަމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރި ކަމަށް އެއްވެސް އަސަރެއް ނުކުރެ އެވެ.

ނަމަވެސް ބަޖެޓްގެ މައްސަލަ އެހެން ހުއްޓަސް ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެހާ ބޮޑަކަށް ނުފެނެ އެވެ. މިސާލަކަށް ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް އެކަމުގައި ހުރިހާ ބޭފުޅުންނަށް އެއްގަލަކަށް ނޭރުނެވެ. މުވައްޒަފުންގެ މުސާރަތައް ވަކި މިންގަނޑަކަށް ފެއްތުމުގައި ވެސް އަދި އޮތީ ކާމިޔާބެއް ނުލިބި އެވެ. އަދި ރިކަރަންޓް ހަރަދު ބޮޑުކޮށް ކެޕިޓަލް ހަރަދު ކުޑަކުރުމުގެ އަމަލީ މަސައްކަތް އަދި އެހާ ބާރަކަށް ނުކުރެވެ އެވެ.

"މީގެ ކުރިން ކޮންމެވެސް ވަރަކަށް އެބަހުރި ކަންނޭންގެ ބައެއް ކަންކަން ލޯމަރާލާފައި ކޮށްފައި ވެސް. ހަރަދުކުޑަކޮށް އިގްތިސާދު ރަނގަޅުކުރަން އެބަ ޖެހޭ ބައެއް ކަންކަން ލޯމަރާލާފައި ވެސް ކުރަން. އެއީ ހަރަދު ކުޑަކުރުމުގެ ކަންތައްތަކަކީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް. ފިޔަވަޅުތަކެއް ނާޅައެއް މިކަމެއް ނުހެއްޓޭނެ،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.

ހަގީގަތަކީ ހަރަދުކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެވެ. ހަރަދުބޮޑުކޮށް އެވަރަށް އާމްދަނީއެއް ހޯދަން ހިފާ ނަމަ އެއީ އަދި މާބޮޑު މައްސަލައެކެވެ. އެއަށް ވުރެ ދައުލަތުގެ ހަރަދުތައް ކުޑަކުރުން މާ މުހިންމެވެ. ނޫން ނަމަ ގައުމެއްގެ ނިސްބަތުން އަހަރުމެން ދެން ކުރިމަތިލާން ޖެހޭ ކަންކަން މާބޮޑުވާނެ އެވެ.