ވިޔަފާރި

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރަން މި އަހަރު ބޮޑު ވަފުދެއް!

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރަން ފުރަން ބޮޑު ވަފުދަކާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ތައްޔާރު ވެއްޖެ އެވެ.

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ބައިވެރިވަނީ އެރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގަ އެވެ. އޭޓީއެމްގައި މި އަހަރު ރާއްޖޭން ބައިވެރިވާ ވަފުދުގައި 68 ކުންފުނިން 128 މީހުން ހިމެނެ އެވެ.

އޭޓީއެމްގެ މައުލޫމާތު ދޭން، ވެލާނާގޭގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ މެދުއިރުމައްޗަކީ ޓޫރިޒަމަށް އުންމީދީ މާކެޓެއް ކަމަށާ، މި އަހަރުގެ ފެއާގައި ރާއްޖެ އަށް ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ރާއްޖޭގެ ސަމާލުކަން އިތުރު ކުރުމުގެ ގޮތުން، މެދުއިރުމަތީގެ މައި ހުރިހާ މީޑިޔާތަކާއި ގުޅިގެން ހަރަކާތް ތަކެއް ހިންގަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެދުއިރުމައްޗަކީ ރާއްޖެ އަށް މަގުބޫލު އަދި ލުކްފޯއަޑް ކުރާ މާކެޓެއް. މެދުއިރުމައްޗަކީ ހައި-އެންޑް ސެގްމަންޓް ވަރަށް ބޮޑު ސަރަހައްދެއް. ބޭރުގެ އެހެން ގައުމުތަކުގެ މީހުން ދިރިއުޅޭ ސަރަހައްދެއް. އެހެންވެ، މި ކުރާ ކެމްޕޭންތަކުގެ ސަބަބުން އެ މީހުންގެ ޝައުގުވެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ،" ހާރިސް ވިދާޅުވި އެވެ.

މެދުއިރުމައްޗަކީ ރާއްޖެ އަށް މަގުބޫލު އަދި ލުކްފޯއަޑް ކުރާ މާކެޓެއް. މެދުއިރުމަތީގައި ހައި-އެންޑް ސެގްމަންޓް ވަރަށް ބޮޑު ސަރަހައްދެއް. މި ކުރާ ކެމްޕޭންތަކުގެ ސަބަބުން އެ މީހުންގެ ޝައުގުވެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ
އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ | ހާރިސް މުހައްމަދު

"ބައިވެރިވާ ކުންފުނިތަކުން ތަފާތު ޕްރޮޑަކްޓްތައް ގެންގުޅޭ. މި ޕްރޮޑަކްޓްތަކުގައި ހުރި ހާއްސަ ކަންތައްތައް މެދުއިރުމަތީގެ ކޮމިއުނިޓީ އަށް ކިޔައި ދިނުމުގެ ފުރުސަތު މި ފެއާއިން ލިބޭނެ. ރާއްޖޭގައި ހައި- އެންޑަށް ޓާގެޓް ކޮށްގެން ހުޅުވާ ރިސޯޓުތަކުގެ ވާހަކަތައް ވެސް ކިޔައިދެވިގެން ދާނެ."

މިނިސްޓަރު ޒަމީރު ބައިވެރިވަޑައި ގަންނަވާނެ

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މި މަހުގެ 22-25 އަށް ކުރިއަށްދާ ފެއާގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ގަންނަވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މީގެ އިތުރުން މި ވަފުދުގައި އިސް ބޭފުޅުންގެ ގޮތުގައި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ހަސަން ނިޔާޒާއި އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސްގެ އިތުރުން ޑެޕިއުޓީ އެމްބެސެޑަރު އުސާމާ މުހައްމަދު ރަޝީދާއި ތާޑް ސެކްރެޓަކީ އިސްމާއިލް ނިޔާޒުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ހައްސާން އާއި އެމްއެމްޕީއާރުސީގެ ޑިރެކްޓަރު އިބްރާހިމް އާސިމް (އައިބީ) އަދި އެ ކުންފުނީގެ މާކެޓިން އެގްޒެކެޓިވް ރީޝާ ރަޝީދާއި އަހުމަދު އަމީން ވެސް ބައިވެރި ވަޑައިގަންނަވަ އެވެ.

ސްޓޭންޑުގައި ހާއްސަ ކަންތައްތަކެއް

އޭޓީއެމްގައި މި އަހަރު ރާއްޖޭން ހަދާ ސްޓޭންޑުގެ ބޮޑު މިނުގައި 209 އަކަމީޓަރު ހުންނާނެ އެވެ. ސްޓޭންޑް ފަރުމާކޮށްފައިވަނީ ރާއްޖޭގެ މަންޒަރުތަކާއި ރާއްޖޭގެ ކުލަތައް ފެންނާނެ ގޮތަށެވެ. މި ސްޓޭންޑުގައި ބައްދަލުވުން ތަކަށް ހާއްސަކޮށް 68 މޭޒާއި ވީއައިޕީ ބައްދަލުވުންތަކަށް ހާއްސަ އޭރިއާއެއް ހުންނާނެ އެވެ. އަދި ރާއްޖޭން ބައިވެރިވާ ވަފުދުގެ މެންބަރުންނަށް އިންޓަނެޓުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ހަތަރު ދުވަހަށް ކުރި އަށް ދާ އޭޓީއެމް ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ސޯޝަލް މީޑިޔާ ކެމްޕޭންތަކާއި "ވީއާރު ހެޑްސެޓް" ބޭނުންކޮށްގެން ރާއްޖޭގެ ރީތި މަންޒަރުތައް ޒިޔާރަތް ކުރާ މީހުންނަށް ދައްކާލާނެ އެވެ. މީގެ އިތުރުން ރާއްޖޭގައި ތައްޔާރު ކުރާ ދިވެހި ކާނާގެ ރަހަ ބެލުމުގެ ފުރުސަތު ވެސް މި ސްޓޭންޑުގައި އޮންނާނެ އެވެ.

ދުބާއީގައި އޮންނަ ޓޫރިޒަމް ރާއްޖޭން ބައިވެރިވާއިރު، މި އަހަރު އެ ގައުމުގައި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމެއްވެސް ބާއްވާފައިވެ އެވެ. އަދި ޔޫއޭއީ އިން ދަނީ ރާއްޖެއާ ސިޔާސީ ގޮތުން ވެސް ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.

މެދުއިރުމަތިން މިދިޔަ އަހަރު 49,193 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރު އައި 51,330 މީހުންނާ އަޅާ ބަލާއިރު 4.2 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހު އެ ސަރަހައްދުން 8،290 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 7،350 މީހުންނާ އަޅާބަލާއިރު 12.8 ޕަސެންޓް އިތުރުވުމެކެވެ.