ހަބަރު

ބައެއް ސަބަބުތަކާހުރެ ހައްގު ހޯދައިދޭން އުނދަގޫ: އެޗްއާރްސީއެމް

އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުގެ މުއައްސަސާތަކުގެ ސަބަބުން ހުރަސް ކުރިމަތިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސާ އާމިނަތު އީނާސް ވިދާޅުވެއްޖެ އެވެ.

އީނާސް މިހެން ވިދާޅުވެފައިވަނީ ނޭޕާލްގައި މިހާރު ކުރިއަށްދާ ނެޝަނަލް ހިއުމަން ރައިޓްސް އިންޓަނޭޝަނަލް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. އީނާސް ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ރާއްޖޭގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތަށް ދިމާވާން މެދުވެރިވަނީ ސަރުކާރުގެ ބައެއް މުއައްސަސާތަކުން އެތަންތަނުގެ ދައުރު އެކަށީގެންވާ ގޮތަށް އަދާ ނުކުރާތީ ކަމަށް ވިދާޅުވި އެވެ.

ނޭޕާލްގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ ކުރު ޓުވީޓުގައި ހިމަނާފައިވަނީ އެ ކޮންފަރެންސްގައި އީނާސް ދެއްކެވި ވާހަކަފުޅުގެ މުހިއްމު އެއް ޕޮއިންޓެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށް އީނާސް އެ ކޮންފަރެންސްގައި ފާހަގަކޮށްފައިވާއިރު، މިފަހުން ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އެކޮމިޝަނުން ބެލި ތަފާތު ކަންތައްތަކުގައި ވެސް ބައެއް މުއައްސަސާތަކުގެ މައްސަލަ ހުރިކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އިންސާނީ ހައްގު ހަމަހައަށް އެންމެނަށް ކަށަވަރުކޮށްދިނުމުގައި އެޗްއާރްސީއެމް ނާކާމިޔާބުވެފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑު އެ މުއައްސަސާއަށް ވަނީ އަމާޒުވެފަ އެވެ.