ހަބަރު

މާލެތެރެ ސާފުކުރުން ވެމްކޯއާ ހަވާލުކޮށްފި

މާލޭގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކާއި ތަންތަނުގެ ކުނި ކަހައި ނައްތާލުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯގެ) ދަށަށް ބަދަލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މާލޭގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގެ ކުނި ނެގުމުގެ މަސައްކަތަކީ މީގެ ކުރިން ހައުސިން މިނިސްޓްރީގެ މޭންޑޭޓުން ކުރަމުން އައި މަސައްކަތެކެވެ. ނަމަވެސް އެ މަސައްކަތް ވެމްކޯގެ ދަށަށް ބަދަލުކޮށް، މިއަދު އިންޑަސްޓްރިއަލް ވިލެޖްގެ ވެމްކޯ ސައިޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.

މާލެ ތެރެ ސާފުކޮށް ބޭއްވުމުގެ ހުރިހާ މަސައްކަތެއް ރަސްމީކޮށް ވެމްކޯގެ ދަށަށް ބަދަލުވެގެން ދިއުމާ ގުޅިގެން ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި މާލޭގެ ވެއްޓަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މާލެ ހަޑިކުރުމުގެ ފުރުސަތު ދެން އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ. އެފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"ކަންކަން މަތީގަ ގަވާއިދުން ކުނި ބަހައްޓާ ސަރަހައްދުތަކެއް އެބަހުރި. އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓުން ވެސް މީގެ ފަހުން ވަރަށް ހަރުދަނާ ގޮތެއްގަ މަސައްކަތް ކުރާނަން. ތަންތަނަށް ކުނި އަޅައި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޕޮލިސް މެދުވެރިކޮށް ހަރުކަށި ފިޔަވަޅު އަޅާނަން. މަދު ބަޔަކު އެކަން އެގޮތަށް ކުރާތީ މާލޭގެ ރީތިކަން ގެއްލި ހަޑިތަނަކަށް މާލެ ބަދަލުވެގެން ދިޔަ ނުދޭނަން،" ތޯރިގް ވިދާޅުވި އެވެ.

މާލެތެރެ ސާފުކުރުމުގެ މަސައްކަތް ވެމްކޯއަށް ދީފައިވާއިރު، ވެމްކޯގެ މަސައްކަތް ފަށައިގަތުމަށް އެހީތެރިވުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ވަނީ "މާ ސާފު" ނަމުގައި މާލެ ސާފުކުރުމުގެ ހަރަކާތެއް ރާވާފަ އެވެ. 3000 އެއްހާ މީހުން ހޮނިހިރުދުވަހުގެ މި ހަރަކާތުގައި ބައިވެރިވާނެ އެވެ.

މާލެ ސާފުކޮށް ބޭއްވުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި ކުރުމަށް މކއަދު އެކުލަވާލި އެއްބަސްވުމާ ގުޅިގެން މިނިސްޓަރު މުއިއްޒުވެސް ވަނީ މިކަމުގައި ވެމްކޯއަށް އެއްބާރުލުން ދިނުމަށް މާލޭގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. ސަރުކާރުގެ ސިޔާސަތުތަކުން އެކަނި މައްސަލަތަކެއް ހައްލު ނުވާނެކަން ފާހަގަކުރައްވައި މުއިޒޒް ވަނީ ފަރުދީ ޒިންމާ އަދާކޮށް މާލެ ކުނިން ސަލާމަތްކޮށްދިނުމަށް އެހީތެރިވުމަށް އިލްތިމާސްކުރަައްވާފަ އެވެ.

މާލެ ތެރެ ސާފުކުރުން ވެމްކޯއަށް ދިނުމުން އިތުރު ވަޒީފާގެ ފުރުސަތު ހުޅުވައިލާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުންޏެވެ. އަދި މި ފުރުސަތުތައް ދޫކޮށްލާއިރު ބޮޑަށް އިސްކަންދޭނީ ދިވެހިންނަށް ކަމަށް ވެސް ބުންޏެވެ.