ލައިފްސްޓައިލް

ރާއްޖެ އަށް އަންހެނުން ހިތް ކިޔަނީ ކީއްވެ؟

ރާއްޖޭގެ އަރާމު ހޫނުކަމުގައި "ޓޭން" ވެލަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. ޔޫރަޕުގެ ފިނި މާހައުލު ދޫކޮށް، ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކުގައި ފުރޮޅިލަން އަންނަނީ އެހެންވެ އެވެ. މިގޮތަށް ރާއްޖެ އަށް އެންމެ ގިނައިން އަންނަނީ އަންހެން ޓޫރިސްޓުންނެވެ. ސުވާލަކީ ރާއްޖެ އަށް އަންހެނުން ހިތް ކިޔަނީ ކީއްވެގެން ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އައި 1.3 މިލިއަން މީހުންގެ ތެރެއިން ބޮޑު ބަޔަކީ އަންހެނުންނެވެ. ޓޫރިސްޓުންގެ 52 ޕަސެންޓް ހިއްސާއަކީ އަންހެނުންނެވެ.އަދި ރާއްޖޭގައި ގިނަ އިން ޗުއްޓީ ހޭދަކުރަނީ ޒުވާން އުމުރާއި މެދު އުމުރުގެ މީހުންނެވެ.

"މިއިން އެނގެނީ އެ މީހުން [އަންހެން ޓޫރިސްޓު] ށް ރާއްޖޭގައި ރައްކާތެރިކަން އޮތް ވަރު. އަވަށްޓެރި ގައުމުތަކަށް ބަލާއިރު ފޮށުން ފަދަ ކަންކަން ދިމާ ވޭ. އެހެންވެ، އެބަހުރި އެ ގައުމުތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން ދަތުރު ކުރުކޮށްލާފަ ގޮސްފައި ވެސް. މިއީ ސަބަބެއް،" ގެސްޓްހައުސް މޯލްޑިވްސް ގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ތެރެއިން 722,256 މީހުންނަކީ އަންހެނުންނެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އައި 662,478 މީހުންނާ އަޅާ ބަލާއިރު ނުވަ ޕަސެންޓު އިތުރު އަދަދެކެވެ.

އެންމެ ފޮޓޯ ރީތި މަންޒިލް

ރާއްޖެ އަށް އަންހެން ޓޫރިސްޓުން ހިތްކިޔާ ސަބަބު ބަލަން ސީދާ ގޮތުން ދިރާސާއެއް ކުރެވިފައި ނެތެވެ. ނަމަވެސް ރާއްޖޭގެ ގުދުރަތީ ރީތި ފޮޓޯ ތަކަކީ ދުނިޔޭގެ ގިނަ ބަޔަކު ޝައުގުވެރިވާ އެއް ސަބަބެވެ. ރާއްޖެއާ ބެހޭ ރީތި ފޮޓޯތައް އާއްމު ކުރުމަކީ މި މީހުންގެ ރާއްޖެ އަށް ހިތްކިޔާ ސަބަބަކަށް ވެދާނެ އެވެ.

މިއިން އެނގެނީ އަންހެން ޓޫރިސްޓުންނަށް ރާއްޖޭގައި ރައްކާތެރިކަން އޮތް ވަރު. އަވަށްޓެރި ގައުމުތަކަށް ބަލާއިރު ފޮށުން ފަދަ ކަންކަން ދިމާ ވޭ. އެހެންވެ، އެ ބަހުރި އެ ގައުމުތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން ދަތުރު ކުރުކޮށްލާފަ ގޮސްފައި ވެސް
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް| އަހުމަދު ކަރަމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް ފެއާއެއް ބޭއްވި މޯލްޑިވްސް ގެޓަވޭސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޑރ. ސަނީ އުމަރު ވިދާޅުވީ އަންހެން ޓޫރިސްޓުން އިތުރުވުމުގެ އެއް ސޭފްޓީގެ ޔަގީންކަށް ކަމަށާ، ސޯލޯ ޓްރެވަލާސް އަންނަ ސަބަބަކީ މިއީ ކަމަށެވެ.

"ރާއްޖެ އެބަ ހިމެނޭ ދުނިޔޭގެ ޓޮޕް ފައިވްގައި އެންމެ ރީތި ގައުމުތަކުގެ ތެރޭގައި. ރާއްޖެއަކީ ފޮޓޯ ނަގައިލަން އެންމެ ހިތް ގައިމުއެއް މަންޒިލް. އެހެންވެ، އަންހެން ގިނަ ޓޫރިސްޓުން ރާއްޖެ އައިސް ފޮޓޯ ނަގައިލަން ބޭނުންވޭ،" ސަނީ ވިދާޅުވި އެވެ.

ގިނަ ތަފާސް ހިސާބުތައް އެއްކުރާ ސްޓެޓިކާގެ ހިސާބުތައް ދައްކާ ގޮތުގައި ސޯޝަލް މީޑިޔާގައި އުޅޭ ގިނަ ބަޔަކު ފޮޓޯތައް ހިއްސާކުރާ އިންސްޓަގްރާމްގެ ބޭނުންކުރާ މީހުންގެ 50.7 ޕަސެންޓަކީ އަންހެނުންނެވެ. ސަބަބަކީ މިއީ ފޮޓޯ ހިއްސާކުރަން އެންމެ އެކަށީގެންވާ ޕްލެޓްފޯމަށްވުމެވެ. ރާއްޖެ ފަދަ ރީތި މަންޒިލްތަކުގެ ޖަޒީރާ ރަށްތަކާއި މޫދުގެ ފޮޓޯތައް ސޯޝަލް މީޑިޔާއަށްލުމަކީ މި ކްރައުޑްގެ ލޮލުގައި މި ފޮޓޯތައް ޖެހޭ އެއް ސަބަބެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެމެރިކާގެ އަންހެނަކު ބުކިން ސައިޓް ޓްރިޕް އެޑްވައިޒާގައި ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އެކަހެރިކޮށް ދަތުރުކޮށްލަން އެންމެ ހިތްހަމަޖެހޭ އެއް މަންޒިލެވެ.

"ޓޭން ކޮށްލައިގެން ސްނޯކްލިންއަށް ގޮސް އަރާމުކޮށްލަން ރާއްޖެ ވަރުގެ ދެވަނަ ތަނެއް ދުނިޔޭގައެއް ނެތް. މިއީ އެކަނިކޮށް މަޑުކޮށްލައިގެން އަރާމުކޮށްލަން އެންމެ އެކަށީގެންވާ މަންޒިލް،" ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރި ޓޫރިސްޓު ބުނެފައިވެ އެވެ.

މަޝްހޫރު ތަރިންގެ ނުފޫޒު!

މިދިޔަ އަހަރު ރާއްޖޭގައި އަންހެން ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރު ރާއްޖެ އައި މަޝްހޫރު މީހުންގެ ތެރޭގައި ސޮނާކްޝީ އާއި ޕްރިޔާންކާ ފަދަ ގިނަ ތަރިން ހިމެނެ އެވެ. މި ފަދަ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދޫކޮށްލާ ރީތި ފޮޓޯތައް ވެގެންދަނީ ސޯޝަލް މީޑިޔާގައި އެ މީހުން ފޮލޯ ކުރާ އެތަށް މިލިއަން ބަޔަކަށް ބޮޑު އިންފުލުއެންސެއް ކުރާ ކަމަށެވެ.

މާލެ އަތޮޅު ރިސޯޓެއްގެ ޖީއެމްއެއް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިޔާ އަށް މަޝްހޫރު އަންހެން ތަރިންލާ ރީތި ފޮޓޯތަކުގެ ސަބަބުން ރާއްޖެ އަށް ޝައުގުވެރިވާ މީހުންގެ އަދަދު އިތުރުވުމަކީ ވެދާނެ ކަމެކެވެ.

"އެންމެ މުހިންމު އެއް ކަމަކީ ސޭފްޓީ. އަނެއް ކަމަކީ އިންސްޓްރަގްރާމް ފަދަ ސޯޝަލް މީޑިޔާގެ ޕްލެޓް ފޯމްތަކަށް އަންނަ ޓޫރިސްޓުންލާ ރީތި ފޮޓޯތައް. ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ފޮޓޯތައް. އެހެންވެހެން ހީވަނީ އަންނަ އަންހެން ޓޫރިސްޓުންގެ އަދަދު މި އިތުރު ވަނީ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އަދި، އިތުރު ކުރެވޭނީ ކިހިނެއް؟

ރާއްޖެ ޕްރޮމޯޓް ކުރުމަށް ގެނެސްފައިވާ އެއް ބަދަލަކީ ރީތި މަންޒަރުތައް ދައްކުގައިދިނުން ގިނަ ކުރުމެވެ. އަދި ވަކިން ހާއްސަ މާކެޓުތަކަށް ފޯކްސްކޮށް ރޭވިގެން މާކެޓު ކުރަން ފެށުމެވެ. މިއާއެކު ސޯޝަލް މީޑިޔާގައި މަގުބޫލު މީހުން ރާއްޖެ ގެނެސް އެ މީހުން ފޮލޯކުރާ މީހުންނާ ހަމަ އަށް މި މަންޒަރުތައް ދަނީ ފޯރުކޮށްދެމުންނެވެ. އަންހެން ޓޫރިސްޓުންނާ ހަމަ އަށް މި މަންޒަރު ފޯރުމަކީ އެ މީހުން ރާއްޖެ އަށް ހިތް ކިއުމުގެ ސަބަބަކަށް ވެދާނެ އެވެ. ދެން އޮތް ސުވާލަކީ މި ޓޫރިސްޓުން އިތުރު ކުރާނީ ކިހިނެއް ހެއްޔެވެ؟

ޓޫރިޒަމް ދާއިރާގެ މާހިރުން ދެކި ލައްވާ ގޮތުގައި އަންހެން ޓޫރިސްޓުން ރާއްޖެ އަށް އިތުރަށް އެޓްރެކްޓް ކުރެވޭނެ އެއް ގޮތަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ޝޮޕިން ފަސީލަތްތައް ހެދިގެންނެވެ.

"އިންޑިޔާ އާއި ޗައިނާ ފަދަ ގައުމުތަކުގެ އަންހެން ޓޫރިސްޓުން ގިނަ ގައުމުތަކުން ވަރަށް ވިޔަފާރި ކުރާނެ. ހާއްސަކޮށް ބޮޑެތި ޝޮޕިން މޯލްތައް ހުންނަ ގައުމު ތަކަށް އެ މީހުން ދޭ. އެހެންވެ، މި ފަދަ ވަސީލަތްތައް ރާއްޖޭގައި ގާއިމް ކުރެވުމުން އިތުރަށް މީހުން ޝައުގުވެރި ކުރެވޭނެ،"

މި ފަދަ ޝޮޕިން މާހައުލެއް ރާއްޖޭގައި މިހާރު ނެތްނަމަވެސް، އެނބޫދޫ ފަޅުގައި މިހާރު ވަނީ އެފަދަ "ބްރޭންޑިން" ޝޮޕިން ސެންޓަރު ތަކެއް އަޅަން ފަށާފަ އެވެ. އެހެންވެ މުސްތަގުބަލުގައި ރާއްޖޭގައި އެ ފަދަ މާހައުލެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އަންނަ އަންހެން ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް ބެލެވެ އެވެ.