- 43 މެންބަރުން ހަމަނުވުމުން ގާނޫނާ ހިލާފު
- މި ގާނޫނު ފާސްކުރީ އިސްތިސްނާ ހާލަތެއްގަ
- ބޮއިކޮޓްކުރާ މެންބަރުންނަށް ފިޔަވަޅު އަޅަންޖެހޭ
ރައްޔިތުން މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ، އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކުރީ އެފަދަ ގާނޫނެއް ފާސްކުރަން ބޭނުންވާ އަދަދު ހަމަނުވެ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އަމަލުކުރީ ލޮރޫރީ ހާލަތެއްގައި ކަމަށް ވާތީ، އެ ގާނޫނު ފާސްކުރުން ސައްހަވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބާތިލުކުރުމަށް މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ މަޖިލީހުގެ އިދިކޮޅު ތިން މެންބަރުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ހުސެއިން އަދި އަނާރާ ނައީމެވެ. އެ ތިން ބޭފުޅުން ހުށަހެޅުއްވި މައްސަލާގައި ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިއަދު މައްސަލާގައި ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވައި ދެއްވީ މިއަދު ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. ހުކުމްގައި ޝަރީއަތަށް ފާހަގަކުރެވުނު ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވެ އެވެ. ހުކުމް އިއްވުމުގައި ގަޑިއިރަކަށްވުރެ ގިނައިރު ހޭދަވި އެވެ.
މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އެންޓި ޑިފެކްޝަން ބިލް ފާސްކުރުމަށް ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)ގައި ބުނާ ފަދައިން 43 މެންބަރުން މަޖިލީހުގައި ތިބުން ލާޒިމްވާ ކަމަށާއި އެއީ ގާނޫނަކީ ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމްވާ އެއްޗަކަށްވާތީ ކަމަށެވެ. އެންޓި ޑިފެކްޝަން ގާނޫނަކީ އެއަށް އަމަލުކުރުމުގެ އިހްތިޔާރު އޮތް ގާނޫނަކަށް ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފިޔަވަޅުތަކެއް އެޅޭނެ އިޖުރާއަތް އެ ގާނޫނުގައިވާތީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ދެބައިކޮށްފަ އެއް ބައި މެންބަރުން ތިބެގެން ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް އެ އަދަދު ހަމަނުކުރެވުނު ސަބަބުތައް ބަހުސުގެ ބޭނުމެއް ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ދައްކައި އެކަން ސާބިތުކުރުމަށް ގިނަ ކަންތައްތަކެއް ހުށަހެޅިކަން ހުކުމުގައިވެ އެވެ. އެގޮތުން 43 މެންބަރުން ހަމަނުކޮށް އެ ބިލް ފާސްކުރަން ޖެހުނީ ނަޒަރިއްޔާތުލް ލޮރޫރާއަށް ރިޔާއަތްކޮށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް އެކަށީގެންވާ ސަބަބެއް ނެތި މަޖިލީހަށް ހާޒިރުނުވާތީ ގާނޫނުތައް ފާސްކުރުން މަޑުޖެހި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އެކަން މަޖިލީހުގެ ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެއްވެސް ސަބަބެއް ނެތި ޖަލްސާތަކަށް ހާޒިރުނުވެ ގާނޫނު ހެދުމަށް ހުރަސް އަޅާ މެންބަރުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލު އޮންނަ ކަމަށާއި އެފަދަ އުސޫލުތައް އެކުލަވާލުމަކީ މަޖިލީހުގެ ޒިންމާއަކަށްވާއިރު މަޖިލިސް ހުއްޓިފައި އޮތްއިރު ވެސް އެފަދަ އުސޫލެއް މިހާތަނަށް އެކުލަވާލާފައިނުވާކަން ފާހަގަކުރި އެވެ. އަދި މަޖިލިސް ހުއްޓި، ދައުލަތް ހިންގުމަށް ދަތިވާނަމަ އެކަމަށް ސިޔާސީ ހެއްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް ކަމަށާއި ބައެއް ގައުމުތަކުގައި މަޖިލިސް އުވާލައި އާ އިންތިހާބެއް އިއުލާންކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ހުކުމްގައި ބަޔާންކުރި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ފްލޯ ކްރޮސިންއަކީ ހައްލެއް ގެނައުމުން މިހާރުން މިހާރަށް ބޭނުންވެފައިވާ ކަމެއް ކަމަށް ކަނޑައަޅައި އެފަދަ ގާނޫނެއް ހެދުމަށް ހުކުމް ކޮށްފައިވާނެ ކަމަށާއި މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނަކީ އެ ހުކުމުގައިވާ ގައިޑްލައިންއާ އެއްގޮތަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށް ވެސް ހުކުމްގައި ބުންޏެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމުން ވެސް އެއީ ކުރަންޖެހިފައިވާ ކަމެއް ކަނޑައަޅާފައިވަނިކޮށް، އެފަދަ ގާނޫނެއް ގެނައުމަށް މެންބަރުންތަކެއް ގަސްދުގައި ހުރަސް އަޅާފައިވާކަން ފާހަގަކުރެވިފައިވާއިރު ލޮރޫރަށް ބަލައި އެ ގާނޫނު ފާސްކުރުމަށް 43 މެންބަރުން ހަމަނުވި ކަމަށްވީ ނަމަވެސް ގާނޫނުގައި ދުސްތޫރީ ޝަރުތުތައް ހަމަނުވާ ކަމަށް ބެލެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުންޏެވެ.
ހުކުމުގައި އިތުރަށް ބުނީ، ނަޒަރިއްޔާތުލް ލޮރޫރާއަކީ ދައުލަތް ހިންގަން ދަތިވެއްޖެނަމަ އިސްތިސްނާ ހާލަތްތަކެއް ލިބިގެންވާ ނަޒަރިއްޔާއެއް ކަމަށާއި އެއަށް ބަލާއިރު މި މައްސަލާގައި އިސްތިސްނާ ހާލަތްތަކެއް އެބަހުރި ކަމަށެވެ. މި މައްސަލާގައި މިގޮތަށް ބެލި ނަމަވެސް ގާނޫނު ފާސްކުރުމުގައި 43 މެންބަރުން ހަމަނުކޮށް ލޮރޫރާއަށް ބަލައިގެން ގާނޫނުތައް ފާސްކުރުމަކީ އާންމު އުސޫލެއްގެ ގޮތުގައި ކަނޑައަޅައިގެން ނުވާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނު މާޒީއަށް ރުޖޫއަކޮށް، މިދިޔަ އަހަރުގެ 13 ޖުލައިގެ ފަހުން ގާނޫނަށް އަމަލުކުރާނެ ކަމަށް ގާނޫނުގައި އޮތް މާއްދާއަކީ ވެސް މައްސަލައެއް ނެތް މާއްދާއެއްގެ ގޮތުގައި ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ މާޒީއަށް ރުޖޫއަވާ ގޮތަށް ގާނޫނު ފާސްކުރުމަކީ ރާއްޖޭގެ އަދުލު ނިޒާމް ދަންނަ ކަމެއް ކަމަށެވެ. މާޒީއަށް ރުޖޫއަކޮށް ގާނޫނުތައް ފާސްކުރުން ބައިނަލްއަގްވާމީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި އަހުދުތަކުގައި ވެސް މަނާ ކުރަނީ ގާނޫނުތައް އަމާޒުވާ ބަޔަކަށް ގޯސް މަސްލަހަތެއް އޮންނަނަމަ ކަމަށެވެ. ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނަކީ އޭގައި ރަނގަޅު މަސްލަހަތެއް އޮތް ގާނޫނެއް ކަމުން އެ ގާނޫނު މާޒީއަށް ރުޖޫއަކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ.
އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހަކީ ފްލޯ ކްރޮސިން އުވާލަންޖެހޭ ސުޕްރީމް ކޯޓުން ނިންމައި އެކަމަށް އަމަލުކުރުމަށް އެންގި ތާރީހު ކަމަށާއި އަމަލު ކުރަމުންދާ ކަމެއް ތަފްސީލްކޮށް ފާސްކުރާ ގާނޫނެއް މާޒީއަށް ރުޖޫއަކުރެވިދާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ހުކުމުގައި އިތުރަށް ބުނީ، އެންޓި ޑިފެކްޝަން ގާނޫނުން ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކޮށްދީ ގިނަ ޕާޓީތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ޕާޓީތަކުގެ މެނިފެސްޓޯ ކުރިއަރުވަން ފުރުސަތު ލިބި، ނުފޫޒުގަދަ ފަރާތްތަކުގެ މާލީ އަދި ސިޔާސީ ނުފޫޒުތަކުން މެންބަރުން އެއްކިބާވެގެން ދާނެ ކަމަށް ވެސް ހުކުމްގައި ބުނެ އެވެ.