ފަނޑިޔާރެއްގެ މައްޗަށް ކޯޓުން ޖިނާއީ ކުށެއް ސާބިތުވާ ވަގުތުން ފެށިގެން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރާނެ ޖާގައެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ކޯޓުން ސާބިތުވާ ވަގުތުން ފެށިގެން އެ ފަނޑިޔާރެއްގެ މަގާމު ގެއްލޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގެ ތުހުމަތުގައި ޖޭއެސްސީ އިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފި ނަމަ، އެފަދަ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭނެ ގޮތަށް ވެސް ވަނީ ގާނޫނު އިސްލާހުކޮށްފަ އެވެ.
އިސްލާހު ބާތިލުކުރުމަށް މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ މަޖިލީހުގެ އިދިކޮޅު ތިން މެންބަރުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ހުސެއިން އަދި އަނާރާ ނައީމެވެ. އެ ތިން ބޭފުޅުން ހުށަހެޅުއްވި މައްސަލާގައި ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މިއަދު މައްސަލާގައި ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވައި ދެއްވީ މިއަދު ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ހުކުމްގައި ޝަރީއަތަށް ފާހަގަކުރެވުނު ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވެ އެވެ. ހުކުމް އިއްވުމުގައި ދޮޅުގަޑިއިރު ހޭދަވި އެވެ.
އެ ގާނޫނުނަށް ގެނައި އިސްލާހަށް މަޖިލީހުގައި ވޯޓަށް އެހީ 43 މެންބަރުންގެ ވޯޓުން ކަމަށް ބުނެ އެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން، އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެ ގާނޫނު ފާސްކޮށްފައި ވަނީ ޟަރޫރީ ހާލަތެއްގައި ކަމަށް ފެންނާތީ އެ އިސްލާހު ބާތިލް ކުރާނެ އަސާސެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހު ފާސްކުރުމަށް ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)ގައި ބުނާ ފަދައިން 43 މެންބަރުން މަޖިލީހުގައި ތިބުން ލާޒިމްވާ ކަމަށާއި އެއީ ގާނޫނަކީ ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމްވާ އެއްޗަކަށްވާތީ ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނަކީ އެއަށް އަމަލުކުރުމުގެ އިހްތިޔާރު އޮތް ގާނޫނަކަށް ނުވާއިރު، ފަނޑިޔާރުންތަކަކަށް ފިޔަވަޅުތަކެއް އެޅޭނެ އިޖުރާއަތް އެ ގާނޫނުގައިވާތީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ދެބައިކޮށްފަ އެއް ބައި މެންބަރުން ތިބެގެން ކަމަށް ހުކުމުގައިވެ އެވެ. ފަނޑިޔާރުން، މެންބަރުން، ޑޮކްޓަރުން ފަދަ ދާއިރާތަކަށް ހާއްސަކޮށް ގާނޫނެއް އޮތް ނަމަވެސް އެވެސް ބެލޭނީ ރައްޔިތުން އަމަލުކުރަންޖެހޭ ގާނޫނެއްގެ ގޮތުގަ ކަމަށެވެ.
ނަމަވެސް އެ އަދަދު ހަމަނުކުރެވުނު ސަބަބުތައް ބަހުސުގެ ބޭނުމެއް ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ދައްކައި އެކަން ސާބިތުކުރުމަށް ގިނަ ކަންތައްތަކެއް ހުށަހެޅިކަން ހުކުމުގައިވެ އެވެ. އެގޮތުން 43 މެންބަރުން ހަމަނުކޮށް އެ ބިލް ފާސްކުރަން ޖެހުނީ ނަޒަރިއްޔާތުލް ޟަރޫރާއަށް ރިޔާއަތްކޮށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް އެކަށީގެންވާ ސަބަބެއް ނެތި މަޖިލީހަށް ހާޒިރުނުވާތީ ގާނޫނުތައް ފާސްކުރުން މަޑުޖެހި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އެކަން މަޖިލީހުގެ ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެއްވެސް ސަބަބެއް ނެތި ޖަލްސާތަކަށް ހާޒިރުނުވެ ގާނޫނު ހެދުމަށް ހުރަސް އަޅާ މެންބަރުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލު އޮންނަ ކަމަށާއި އެފަދަ އުސޫލުތައް އެކުލަވާލުމަކީ މަޖިލީހުގެ ޒިންމާއަކަށްވާއިރު މަޖިލިސް ހުއްޓިފައި އޮތްއިރު ވެސް އެފަދަ އުސޫލެއް މިހާތަނަށް އެކުލަވާލާފައިނުވާކަން ފާހަގަކުރި އެވެ. އަދި މަޖިލިސް ހުއްޓި، ދައުލަތް ހިންގުމަށް ދަތިވާނަމަ އެކަމަށް ސިޔާސީ ހެއްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް ކަމަށާއި ނަމަވެސް އެފަދަ އިޖުރާއަތެއް ރާއްޖޭގެ ދުސްތޫރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ބައެއް ގައުމުތަކުގައި މަޖިލިސް އުވާލައި އާ އިންތިހާބެއް އިއުލާންކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ހުކުމްގައި ބަޔާންކުރި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ފަނޑިޔާރުންނަކީ އަހްލާގު ރަނގަޅު އަދުލުވެރި ބަޔަކަށްވުމުގެ މުހިންމު ކަމެވެ. އެގޮތުން ފަނޑިޔާރުންނަކީ އަހްލާގީ ސިފަތައް ހުރި އަދުލުވެރި ބަޔަކަށްވުމަކީ އިސްލާމީ ޝަރީއަތުންނާއި އދ.ގެ ބައެއް ގަރާރުތަކުން ވެސް މުހިންމުކަންދޭ ކަމެއްކަން ބަޔާންވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނީ، ފަނޑިޔާރުންގެ ގާބިލްކަމާއި އަހްލާގާއި ތައުލީމީ ޝަރުތުތައް ހުރުން ގާނޫނު އަސާސީ ވެސް ލާޒިމްކުރާ ކަމަށާއި އަދި އެކަންކަން ބަޔާންކޮށް މަޖިލީހުން ގާނޫނެއް ހަދަން އަންގާފައިވާ ކަމަށެވެ. އެހެންކަމަށްވާއިރު ގާނޫނު އަސާސީގައި ނެތް ޝަރުތެއް ނަމަވެސް އަހްލާގީ ނުވަތަ ތައުލީމީ ނުވަތަ ގާބިލް ކަމުގެ ޝަރުތެއް ހިމަނައިގެން ގާނޫނެއް ހެދުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ.
ޖިނާއީ ތުހުމަތެއް ފަނޑިޔާރަކަށް ކުރެވޭއިރު އޭނާއަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިގެން ނުވާނެ ކަމަށާއި ފަނޑިޔާރެއްގެ މަގާމުގައި ހުންނަ މީހަކީ އެފަދަ ތުހުމަތުތަކުން އެއް ކިބާވެ ހުންނަންޖެހޭނެ މީހެއް ކަމަށް ވެސް ހުކުމުގައި ބުންޏެވެ. ކުށެއް ސާބިތުވެ ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ފަނޑިޔާރުންގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަކީ ގާނޫނު އަސާސީއާ ފުށު އަރާ ކަމެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނި ނަމަވެސް އެއީ ގާނޫނު އަސާސީގެ 141، 142، 18، 42 ވަނަ މާއްދާއަށް ބަލާއިރު ގެނެވޭނެ އިސްލާހެއް ކަމަށާއި އެއީ އެ މާއްދާތަކާ ފުށު އަރާ އިސްލާހެއް ނޫން ކަމަށް ވެސް ހުކުމުގައި ފާހަގަކުރި އެވެ.
ފަނޑިޔާރެއްގެ ކިބައިގައި ކޮންމެހެން ވެސް ހުންނަން ޖެހޭނެ ސިފަތަކުގެ ތެރޭގައި ފާފަތަކަށް އަރައިނުގަންނަ ފާސިގަކަށް ނުވުން ހިމެނޭ ކަމަށާއި އެއީ އަދުލުވެރިވުމުގެ އެންމެ މުހިންމު ސިފަތައް ކަމަށް ހުކުމުގައިވެ އެވެ. އަދި މުރޫއަތްތެރިކަމަކީ ވެސް ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭނެ ސިފައެއް ކަމަށެވެ. މުރޫއަތްތެރިކަމަކީ އެމީހެއްގެ މަގާމާ އެކަށީގެންނުވާ ކަންކަމުން ދުރުހެލިވެ ހުރުން ކަމަށް ވެސް ހުކުމުގައިވެ އެވެ.
މަޖިލީހުން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައިއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ޖިނާއީ ތުހުމަތުތަކެއްކޮށް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވާއިރު އެ އިސްލާހަކީ އެ ދެ ބޭފުޅުންނަށް ޓާގެޓްކޮށް ގެނެސްފައިވާ އިސްލާހެކެވެ.