ވިޔަފާރި

ދަރަނީގެ ދަންތުރަ އިން ސަލާމަތްވާން ރާވަން ޖެހޭ: ގަވަރުނަރު

ރާއްޖެ ދަރަނި ބޮޑުވެދާނެތީ، ދަރަނި މެނޭޖު ކުރުން މުހިންމު ކަމަށް ވިދާޅުވެ، ގަވަރުނަރު އަހުމަދު ނަސީރު މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. ގަވަރުނަރު މިހެން ވިދާޅުވީ ފެންޝަން އޮފީހުން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފެންޝަން އޮފީހުން އިންތިޒާމު ކޮށްގެން އަހަރު އެއްފަހަރު ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ފެށުމަށް ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގަވަރުނަރު ނަސީރު ވިދާޅުވީ ރާއްޖެ އިން ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާއިރު، ދަރަނި މެނޭޖު ނުކުރެވޭނަމަ، ދަރަނީގެ ސަބަބުން ދިމާވި ފަދަ ގޮން ޖެހުންތައް ރާއްޖެ އަށް ވެސް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށެވެ.

ދަރަނީގެ މައްސަލާގައި ގަވަރުނަރު ވާހަކަފުޅު ދެއްކެވިއިރު، ރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކުގެ ސަބަބުން ދަރަނި އިތުރުވެ، އޭގެ ގެއްލުން ފޯރުމުގެ ބިރު އޮތް ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފައި އެވެ.

ދުނިޔޭގެ މާލީ އިދާރާއިން ރާއްޖެއާ ބެހޭ ގޮތުން ނެރުނު ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނި އިތުރުވަމުން އަންނަ މިންވަރު އިންތިހާ އަށް މަތިކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރު ކުރާނެ އެވެ. އަދި ދެ އަހަރު ތެރޭގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 11.5 ޕަސެންޓް އިތުރު ވެފައިވާ ކަމަށްވެސް އައިއެމްއެފްއިން އޭރު ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އުމްރާނީ ބިޔަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާއިރު ހަރަދު ކުޑަކޮށް އަދި ބޭރުގެ ދަރަނި ކުޑަވާނެ ގޮތަށް މަޝްރޫއުތައް ބައްޓަން ކުރުން މުހިންމު ކަމަށް ބުނެފައިވެ އެވެ.

މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން، މި އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބުނެފައިވެ އެވެ. މީގެ ތެރެއިން ބޭރުގެ ދަރަނި 27.3 ބިލިއަން ރުފިޔާ އަށް އަރާއިރު، އެތެރޭގެ ދަރަނި ހުންނާނީ 21.7 ބިލިއަން ރުފިޔާގައި ކަމަށް ބުނެފައިވެ އެވެ.