ވިޔަފާރި

ބޭރުގެ ދަރަނި 26 ޕަސެންޓް އިތުރުވެ، 1.1 ބިލިއަން ޑޮލަރަށް!

ރާއްޖޭގެ ބޭރުގެ ދަރަނި 1.1 ބިލިއަން ޑޮލަރަށް އަރައި، މިދިޔަ އަހަރު 26 ޕަސެންޓް އިތުރުވެއްޖެ އެވެ. މަރުކަޒީ ބޭންކުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ސަރުކާރާއި ވިޔަފާރި ބޭންކުތަކުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނި 399.4 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށެވެ.

މިއާއެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީ ނިސްބަތުން ދަރަނި 2016 ވަނަ އަހަރު 20 ޕަސެންޓުގައި ހުރުމަށްފަހު، މިދިޔަ އަހަރު ވަނީ 26 ޕަސެންޓަށް އިތުރުވެފަ އެވެ.

"މި މުއްދަތުގެ ތެރޭގައި ޖުމްލަ ބޭރުގެ ދަރަނި އިތުރުވެފައި ވަނީ ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުނު ސަރުކާރުގެ ބޮންޑާ ގުޅިގެން ސަރުކާރުގެ ދަރަނީގެ ސެކިއުރިޓީތައް އިތުރުވެފައި ވާތީ އެވެ. އަދި، ބަޔާސް ކްރެޑިޓްގެ ގޮތުގައި ނަގާފައިވާ އަދަދު އިތުރުވުމާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި އިތުރުވުން ވެސް ބޭރުގެ ދަރަނި އިތުރުވެގެން ދިޔުމަށް ހިއްސާ ކުރި އެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރު ނިމުނުއިރު، ބޭރުގެ ޖުމްލަ ދަރަނީގެ 91 ޕަސެންޓް ހިއްސާކުރަނީ ސަރުކާރުގެ ދަރަންޏެވެ. އެގޮތުން ސަރުކާރުގެ ބޭރުގެ ދަރަނި 316.2 މިލިއަން ޑޮލަރު، އިތުރުވެ، އަހަރު ނިމުނުއިރު ވަނީ 1.1 ބިލިއަން ޔޫއެސް ޑޮލަރަށް އަރާފަ އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ކުރުކޮށް

  • * ބޮންޑު ވިއްކުމުން 250 މިލިއަން ޑޮލަރު އިތުރުވި
  • * ޖަމާއަތްތަކުން ނެގި ލޯނު 20 މިލިއަން ޑޮލަރު އިތުރު
  • * ގައުމުތަކުން ނެގި ލޯނު 20.6 މިލިއަން ޑޮލަރު ދަށަށް
  • * ދަރަނި ދައްކަން 5.5 މިލިއަން ޑޮލަރު ހޭދަކުރި

އެ އޮތޯރިޓީން ބުނީ ބައިނަލްއަގުވާމީ ބާޒާރުގައި ސަރުކާރުން ވިއްކާފައިވާ ބޮންޑުގެ ސަބަބުން ދަރަނީގެ ސެކިއުރިޓީސް ވަނީ 250 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި އަދި، ސަރުކާރުން ހިންގާ
އުމްރާނީ އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރުމަށް ނަގާފައިވާ ކްރެޑިޓް އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރު ބަޔާސް ކްރެޑިޓް ވަނީ 420.9 މިލިއަން ޑޮލަރަށް އަރާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމާއަތް ތަކުން ނަގާފައިވާ ލޯނުގެ އަދަދު 20 މިލިއަން
ޔޫއެސް ޑޮލަރުން އިތުރުވެ، އަހަރު ނިމުނުއިރު ވަނީ .274.5 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައެވެ. އެހެންނަމަވެސް، ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނުތަކުގެ އަދަދުވަނީ 20.6 މިލިއަން ޔޫއެސް ޑޮލަރުން ދަށްވެ، 122.1 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. ވިޔަފާރި ބޭންކުތަކުގެ ބޭރުގެ ދަރަންޏަށް ބަލާއިރު، މި އަދަދު ވަނީ 23.2 މިލިއަން ޑޮލަރުން އިތުރުވެ، 108 މިލިއަން ޑޮލަރަށް އަރާފަ އެވެ.

އެމްއެމްއޭ އިން ބުނީ ސަރުކާރުގެ ބޭރުގެ ދަރަނި މިދިޔަ އަހަރު އިތުރުވުމާ ގުޅިގެން ދަރަނި އަނބުރާ އަދާކުރުމުގެ ހަރަދު ވަނީ 5.5 މިލިއަން ޑޮލަރުން އިތުރުވެ، 86.9 މިލިއަން ޑޮލަރަށް އަރާފައެވެ. އެހެންނަމަވެސް، ދަރަނި އަނބުރާ އަދާކުރެވޭނެތޯ މިންވަރު (ޑެޓް ސާވިސް ރޭޝިއޯ) ވަނީ 2016 ވަނަ އަހަރެކޭ އެއްގޮތަށް 2.6 ޕަސެންޓުގައި ގައި ހިފެހެއްޓިފައެވެ.

ރާއްޖޭގެ ދަރަނި އިތުރުވެފައިވާއިރު ސަރުކާރުން ދަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫއަށް ލޯނު ނަގާފަ އެވެ.