ހަބަރު

ސިއްރު ބަޔާން: ފަނޑިޔާރުންނަށް ފްލެޓް ގަތުމުގެ ކަންތަކުގައި މުލިއާގެ ޗީފް އޮފް ސްޓާފް އުޅުނު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަށް ގާކޮށި ފްލެޓްތަކުގެ ތެރެއިން ހަތަރު ފްލެޓެއް ގަތުމުގެ ކަންކަން މުލިއާގެ ޗީފް އޮފް ސްޓާފްއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް އެންގި ކަމަށް ލީކްވެފައިވާ ބަޔާނެއްގައި ބުނެފި އެވެ.

ރޭ ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުތަކުގައި ނަގާފައިވާ ސިއްރު ބަޔާންތަކެކެވެ. އެ ބަޔާންތަކަކީ ސައްހަ ބަޔާންތަކެއް ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ގާކޮށީ ފްލެޓެއް ބައްލަވައިގަންނަން އަމަލު ކުރެއްވި ގޮތް ކިޔައިދީފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރި އަދި ފަހުން އެމްއާރުޑީސީގެ އެމްޑީކަން ވެސް މަދު ދުވަސްކޮޅެއްގައި ކުރެއްވި، މުހައްމަދު ޝަފާއު އެވެ. އޭނާ ފުލުހަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ގާކޮށިން ހަތަރު ފްލެޓެއް ހޯދަން ބޭނުންވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ޗެމްބަރަށް އޭނާ ގެންދިޔަ އެވެ. އަދި އެކަން މުލިއާގެ ޗީފް އޮފް ސްޓާފްއާ ގުޅިގެން ކުރިއަށް ގެންދަން އެންގި އެވެ.

އެގޮތުގެ މަތިން މުލިއާގެ ޗީފް އޮފް ސްޓާފްއާ ބައްދަލުކުރުމުން ފްލެޓްތަކަށް އެޕްލައިކުރުމަށް ކޮންޑިޝަނަލް އެލިޖިބިލިޓީ ލެޓާ ހޯދުމަށްފަހު އޮންލައިން ޕޯޓަލް ހުޅުވާލުމުން އޮންލައިންކޮށް ފްލެޓަށް އެދުމަށް އޭނާ ބުނެފައިވާ ކަމަށް ޝަފާއު ބުނެ އެވެ. އެ ލިޔުންތައް އިސްލާމިކް ބޭންކުން ހޯދުމަށްފަހު ފަނޑިޔާރު އަލީ ހަމީދާ ބައްދަލުކުރި ކަމަށާއި އަލީ ހަމީދު އޭނާއާ ހަވާލުކުރީ ސިޓީ އުރައެއް ކަމަށް ބުންޏެވެ. އެ ސިޓީ އުރާގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއާ ގުޅޭ މައްސަލައެއްގެ ލިޔެކިޔުންތައް ހުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އަލީ ހަމީދުގެ އެޕްލިކޭޝަން ފޯމް އެ ސިޓީގައި އުރަ ތެެރޭގައި އޮތް ކަމަށެވެ.

އޭގެފަހުން އިސްލާމިކް ބޭންކުން ކޮންޑިޝަނަލް އޮފާ ލެޓާ ހޯދާފައިވާނެ ކަމަށާއި އެ ލިޔުމަކީ ފްލެޓް ގަތުމަށް ފައިނޭންސް ކުރުމަށް އެދޭ ފަރާތުން 20 ޕަސެންޓް ފައިސާ ދެއްކުމުން ބާކީ 80 ޕަސެންޓް ބޭންކުން ފައިނޭންސް ކޮށްދޭނެ ކަމަށް ބަޔާންކުރާ ލިޔުމެއް ކަމަށެވެ. ފްލެޓްތަކަށް އެޕްލިކޭޝަން ފޮނުވީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލެޕްޓޮޕަކުން ކަމަށާއި އެޕްލިކޭޝަންތައް ފޮނުވުމަށްފަހު އެކަން މުލިއާގެ ޗީފް އޮފް ސާޓަށް އެންގި ކަމަށް އޭނާ ބުންޏެވެ. އެޕްލިކޭޝަން ހުށަހެޅުމުން ލިބޭ ކޮންފަމޭޝަން މެސެޖް ޗީފް އޮފް ސްޓާފަށް ފޮނުވުމަށް ބުނި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެކަމާ ގުޅިގެން ޗީފް އޮފް ސްޓާފްއާ އަވަސް އިން ގުޅުމުން ވިދާޅުވީ، ތިކަމާ މެދު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

އިސްލާމިކް ބޭންކުން ކޮންޑިޝަނަލް އޮފާ ލެޓާ ހޯދުމާ ގުޅިގެން އޭނާއަށް ލިބިފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ނަމުގައިވާ ހުޅުމާލެ ރޯ ހައުސްއެއްގެ ރަޖިސްޓްރީ ކޮޕީ އާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ ނަން މަތީގައިވާ ހުޅުމާލެ ރޯ ހައުސްއެއްގެ ރަޖިސްޓްރީ ކޮޕީ އޭނާގެ ސައިކަލް މަޑި ދަށުގައި ވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އޭނާ އެ ބަޔާން ދީފައިވަނީ ބަޔާން ޝަރީއަތުގެ މަޖިލީހުގައި ސިއްރުކޮށްދިނުމަށް އެދުމަށްފަހު އެވެ. ފަނޑިޔާރުންނަށް ކޮށް ދިން ކަންތައްތަކުގެ ބަދަލުގައި އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އޭނާގެ ބަޔާން ލީކުވުމާ ގުޅިގެން އޭނާ ފުލުހުންނަށް ގުޅައި ބަޔާން އަނބުރާ ގެނެސްފައިވާ ކަމަށާއި އިތުރަށް ހެކިބަސްވެސް ދޭން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.

ގިނަ ސިއްރު ބަޔާންތަކެއް ލީކްވެފައިވާއިރު ފުލުހުން ދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. ފުލުހުން ބުނީ އެކަން ކޮށްފައިވަނީ ނުފޫޒުގަދަ ބައެއްގެ ނުފޫޒުން ކަމަށެވެ.