ހަބަރު

ރައީސް ބޭނުންވާ ގޮތް ކަމަށް ބުނެ ހުކުމްތައް ބަދަލުކުރުވި

ބައެއް ހުކުމްތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަންގަވައިގެން ބަދަލުކޮށްފައިވާނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ލީކްވެފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ފުލުހުން ނަގާފައިވާ ބަޔާނެކެވެ.

ބަޔާނުގައި ގާޒީ ހަލީމް ވިދާޅުވެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބޭނުންވާ ގޮތަށް އަމަލުކުރުމަށް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ މެދުވެރިކޮށް އިރުޝާދުދީ ހަދާފައިވާ ކަމަށެވެ. އެގޮތުން ހަވީރު ނޫހުގެ މައްސަލާގައި އިސް ގާޒީއާއެކު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށާއި އެ މައްސަލާގެ ހުކުމް ފަނޑިޔާރު އަލީ ހަމީދު ބޭނުންވާ ގޮތަށް ބަދަލު ކުރެއްވި ކަމަށް ވެސް ހަލީމް ވިދާޅުވެފައިވެ އެވެ. ހަވީރު ނޫހުގެ މުވައްޒަފުންނާ ބެހޭ ބަޔަކީ ހުކުމުގައި އަލީ ހަމީދު ހިމެނި ބައެއް ކަމަށްވެސްވެ އެވެ.

ހަލީމްގެ ބަޔާނުގައިވާ ގޮތުން، ސަރުކާރު ހިންގާ ޕީޕީއެމްގެ މައްސަލާގައި ހުކުމް އިއްވި ފަހުން ސީދާ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ގުޅުއްވާ އިރުޝާދު ދޭން ފެއްޓެވި އެވެ. އަދި، ދައުލަތް ހިމެނޭ މައްސަލަތަކުގައި އަލީ ހަމީދު ގުޅުއްވާ "ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވެއޭ މައްސަލަ ހުށަހެޅިފައިވާ ފަރާތުގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް މައްސަލަ ނިންމުމަށް،" މިހެން ވިދާޅުވާ ކަމަށެވެ. އެހެންވެ އެ އުސޫލުތަކުގެ ތެރެއިން އެގޮތަށް ކަންކަން ހަމަޖައްސާފައިވާ ކަމަށް ގާޒީ ހަލީމް ވަނީ ބަޔާނުގައި އިއުތިރާފުވެފަ އެވެ.

އޭގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ވިލާ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލި އަމުރަށް އަމަލުކުރުން މަޑު ޖައްސާލަން ވަގުތީ އަމުރެއް ނެރުމަށް ފަނޑިޔާރު އަލީ ހަމީދު ތަކުރާރުކޮށް ވަޓްސްއެޕްއިން ގުޅުއްވާ އެދެމުން ދިޔަ ކަމަށާއި އަލީ ހަމީދު އެދިލެއްވި ގޮތަށް އެ އަމުރު ވެސް ނެރުއްވާފައިވާނެ ކަމަށް ގާޒީ ހަލީމް ވަނީ ވިދާޅުވެފަ އެވެ. އޭގެފަހުން އެހެން މައްސަލައެއްގައި އަލީ ހަމީދު އެދިލެއްވި ގޮތާ ހިލާފަށް މައްސަލައެއް ނިންމެވުމުން ގުޅުން ހުއްޓާލެއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރައީސް ބޭނުންފުޅުވާ ގޮތަށް ކަމަށް ބުނެ އަދި ދައުލަތަށް ފައިދާވާ ގޮތަށް ކަމަށް ބުނެ އޭނާ ލައްވައި މަސައްކަތް ކުރުވާފައިވަނީ ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެންކަން ފަހުން ހިނގިދިޔަ ކަންތައްތަކަށް ބެލުމުން ފާހަގަކުރެވިފައިވާ ކަމަށް ވެސް ގާޒީ ހަލީމް ވިދާޅުވެފައިވެ އެވެ.

ލީކްކޮށްލާފައިވާ ގާޒީ ހަލީމްގެ ބަޔާނުގައި ހިމެނެނީ ތިން ސަފުހާ އެވެ. ނަމަވެސް އެއީ ބަޔާން އެއްކޮށް ނޫން ކަމަށް ބެލެވެ އެވެ. އެއީ ތިންވަނަ ސަފުހާ ނިމޭއިރު ރައީސްއޭ ވިދާޅުވެ ވާހަކައެއް ވިދާޅުވެފައިވެ އެވެ. ބަޔާނުގެ ފަހު ސަފުހާ ނެތުމުން އެކަން ވަނީ ސާފުނުވެފަ އެވެ.