ވިޔަފާރި

ދަރަނި މައްޗަށް ގޮސް ބޭންކްތަކަށް ޕްރެޝަރު

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް މަދުވާ ފައިސާ ހޯދަން ސަރުކާރުން އެތެރޭގޭ ބޭންކްތަކުންނާއި އެހެން ވެސް މާލީ އިދާރާތަކުން ލޯނާއި ޓީބީލް އަދި ޓީބޮންޑްގެ ގޮތުގައި ނެގި ފައިސާ މިދިޔަ އަހަރުގެ ތެރޭގައި ވެސް އިތުރުވެފައި ވާތީ އެކަމުގެ ޕްރެޝަރު ބޭންތަކާއި އެހެން ވެސް މާލީ އިދާރާތަކަށް ބޮޑުވާނެ ކަމަށް ބެލެވިއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީީ (އެމްއެމްއޭ) ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ސަރުކާރުގެ ކޭޝް ފްލޯ ހަމަޖައްސަން އެތެރޭގެ މާކެޓަށް ޓްރެޒަރީ ބިލް (ޓީ-ބިލް) އާއި ޓްރެޝަރީ ބޮންޑް (ޓީ-ބޮންޑް) ވިއްކައިގެންނާއި ލޯނާއި އެޑްވާންސް ފައިސާގެ ގޮތުގައި 2016 ވަނަ އަހަރު ނިމުނުއިރު ނަގާފައިވަނީ 26.4 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު 27.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރު ކޭޝްފްލޯ ހަމަޖެއްސުމަށް އެތެރޭގެ މާކެޓުން މުޅި ޖުމްލަ 721.7 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ވެސް އެތެރޭގެ މާކެޓުން ހޯދާފައިވާ ފައިސާގެ އެންމެ ބޮޑު ހިއްސާއަކީ ސަރުކާރުގެ ސެކިއުރިޓީސް އަށެވެ. އެއީ ޓީ-ބިލާއި ޓީ-ބޮންޑް ވިއްކައިގެން ހޯދި ފައިސާ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ސެކިއުރިޓީސްގެ އައުޓްސްޓޭންޑިން ނުވަތަ މުއްދަތު ހަމަނުވާތީ ނުދައްކާ ހުރި ފައިސާގެ ގޮތުގައި 23.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ. ނަމަވެސް އޭގެ ކުރީ އަހަރު ހުރީ 23.2 ބިލިއަން ރުފިޔާ އެވެ.

އެތެރެ އިން ނެގި ލޯނު އިތުރުވި!

އެމްއެމްއޭ އިން ބުނި ގޮތުގައި ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސަން ސެކިއުރިޓީސް ވިއްކައިގެން މިދިޔަ އަހަރު އަހަރު 184 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ކުރީ އަހަރުގައި ސަރުކާރުގެ ސެކިއުރިޓީސް ވިއްކައިގެން 2.3 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ.

މި މުއްދަތުގައި ރާއްޖޭގެ އެތެރޭގެ ބޭންކްތަކުން ނެގި ލޯނުގެ މިންވަރު ވަނި އިތުރުވެފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ނިޔަލަށް ލޯން އަދި އެޑްވާންސްގެ ގޮތުގައި ހުރީ 3.8 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު ނިޔަލަށް ނަގާފައިވާ ލޯނުގެ އަދަދާ އަޅާބަލާއިރު 17 ޕަސެންޓް، 537.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ބޭންކްތަކުން ސަރުކާރުން ނަގާ ލޯނު އިތުރުވެއްޖެ ނަމަ ބޭންކްތަކުން އާންމު ވިޔަފާރިތަކަށް ދޫކުރަން ހުންނަ ފައިސާ މަދުވެގެން ދާނެ އެވެ.

ދަރަނީގެ ބޮޑު ބައެއް ޓީ-ބިލަށް

ޑޮމެސްޓިކް މާކެޓަށް ވިއްކާފައިވާ ސަރުކާރުގެ ސެކިއުރިޓީސްގެ ބައިތަކަށް ބަލާއިރު، 60 ޕަސެންޓް ހިއްސާކުރަނީ ޓީ-ބިލް އެވެ. ދެހާސް ސޯޅަވަނަ އަހަރުގެ ނިޔަލަށް ޓްރެޝަރީ ބިލްގެ އައުޓްސްޓޭންޑިން ގޮތުގައި 14.5 ބިލިއަން ރުފިޔާ ހުރިއިރު، މި އަދަދު 2017 ވަނަ އަހަރު ނިމުނުއިރު 14.1 ބިލިއަން ރުފިޔާއަށް ވަނީދަށްވެފަ އެވެ. މި އިން ދައްކުވައިދެނީ، ޑޮމެސްޓިކް މާކެޓުން ޓްރެޝަރީ ބިލް ވިއްކައިގެން ފައިނޭންސް ކުރުމަށް ނަގާފައިވާ މިންވަރަށްވުރެ އަނބުރާ ދެއްކި މިންވަރު އިތުރުވެފައިވާކަމެވެ.

އެގޮތުން 2016 ވަނަ އަހަރު ޓްރެޝަރީ ބިލް ވިއްކައިގެން ސަރުކާރަށް 1.9 ބިލިއަން ރުފިޔާ ހޯދާފައިވީ ނަމަވެސް، 2017 ވަނަ އަހަރު ނިމުނުއިރު 362.2 މިލިއަން ރުފިޔާ ވަނީ އަނބުރާ ދައްކާފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ބަޖެޓް ފައިނޭންސް ކުރުމަށް ގިނަ އަދަދެއްގެ ކުރުމުއްދަތުގެ ޓްރެޝަރީ ބިލް ބޭނުންކުރުމުން ދިމާވާނެ ރީފައިނޭންސިން އަދި ރޯލްއޯވާ ރިސްކް ކުޑަކުރުމުގެ ގޮތުން ޓްރެޝަރީ ބިލްތަކުގެ ބައެއް، ޓްރެޝަރީ ބޮންޑަށް ފާއިތުވި އަހަރުގެ ތެރޭގައި ވެސް ބަދަލުކޮށްފައިވާތީ އެވެ.

ނަތީޖާއެއްގެ ގޮތުން 2017 ވަނަ އަހަރުގެ ތެރޭގައި ޑޮމެސްޓިކް މާކެޓަށް ޓްރެޝަރީ ބޮންޑް ވިއްކައިގެން ސަރުކާރުގެ ދަރަނި ފައިނޭންސް ކުރި މިންވަރު ވަނީ 546.3 މިލިއަން ރުފިޔާ އިން އިތުރުވެފައެވެ. އަދި، ދިގު މުއްދަތުގެ ސެކިއުރިޓީއަށް ބަރޯސާވާ މިންވަރު އިތުރުވުމަކީ ވެސް ޓްރެޝަރީ ބޮންޑް ވިއްކައިގެން ހޯދުނު ފައިނޭންސިންގެ އަދަދު އިތުރުވި ސަބަބެކެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ވިއްކާފައިވާ ޓްރެޝަރީ ބިލްގެ ތެރެއިން 62 ޕަސެންޓް ގައި އިންވެސްޓްކޮށްފައި ވަނީ ވިޔަފާރި ބޭންކުތަކުންކަމަށްވާއިރު، 34 ޕަސެންޓް ހިއްސާކުރަނީ އެހެނިހެން މާލީ އިދާރާތަކެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ވިޔަފާރި ބޭންކުތަކުން ޓީ-ބިލް އިންވެސްޓްކޮށްފައިވާ އަދަދު 14 ޕަސެންޓް ދަށްވެފައިވާއިރު، އެހެނިހެން މާލީ އިދާރާތަކުން އިންވެސްޓްކޮށްފައިވާ އަދަދު ވަނީ 44 ޕަސެންޓް އިތުރުވެފަ އެވެ.

މިގޮތުން 2014 ވަނަ އަހަރުން ފެށިގެން ހުރިހާ މުއްދަތެއްގެ ޓްރެޝަރީ ބިލްގެ މުއާމަލާތްތައް އޮކްޝަން ސިސްޓަމަކުން ޓެޕް ސިސްޓަމަކަށް ބަދަލުކުރުމާ ގުޅިގެން، ދިގު މުއްދަތުގެ ޓްރެޝަރީ ބިލްގައި ގިނަ ފަރާތްތަކުން އިންވެސްޓްކުރަން ފަށާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިގޮތުން، 2017 ވަނަ އަހަރު ނިމުނު ނުދައްކާ ހުރި ޓްރެޝަރީ ބިލްގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ 364 ދުވަހަށް ވިއްކާ ޓްރެޝަރީ ބިލެވެ.