ވިޔަފާރި

އެމްއެމްއޭގެ ސާފު ފައިދާ 99 ޕަސެންޓް އިތުރު

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 99 ޕަސެންޓް އިތުރުވެއްޖެ ކަމަށް ދައްކައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އާއި މަރުކަޒީ ބޭންކުގެ ބޯޑް ޑިރެކްޓަރު މުހައްމަދު އަލީ ޖަނާހު ސޮއި ކުރައްވައި ނެރެފައިވާ، މަރުކަޒީ ބޭންކުގެ މިދިޔަ އަހަރު ފުރިހަމަ އާމްދަނީގެ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރު އެމްއެމްއޭ އަށް ސާފު ފައިދާގެ ގޮތުގައި 148،794،762 ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 74،655،479 ރުފިޔާ އެވެ. މިއީ 99 ޕަސެންޓް އިތުރު އަދަދެކެވެ.

އޮޑިޓް ފާމް ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އިން އޮޑިޓްކޮށްފައިވާ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް މަރުކަޒީ ބޭންކުގެ ލައިބިލިޓީތަކާއި އިކިއުޓީގެ ގޮތުގައި ހުރި އަދަދު 17 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. އަދި ބޭރު ފައިސާގެ މާލީ ލައިބިޓީތަކުގެ ޖުމްލަ 6.5 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

މި ރިޕޯޓުގައިވާ ގޮތުން ބޭރު ފައިސާގެ މުއާމަލާތްތަކުން ލިބުނު ސާފު ފައިދާ ވެސް ވަނީ ބޮޑުތަން އިތުރުވެފަ އެވެ. މިދިޔަ އަހަރު 163 މިލިއަން ރުފިޔާ ލިބުނުއިރު އޭގެ ކުރީ އަހަރު ލިބިފައިވަނީ 77 މިލިއަން ރުފިޔާ އެވެ.

އެމްއެމްއޭ އިން ހިންގުމުގެ ހަރަދުގެ ގޮތުގައި މިދިޔަ އަހަރު ހަރަދުކުރީ 165،971،437 ރުފިޔާ އެވެ. ނަމަވެސް ކުރީ އަހަރުގެ އަދަދު އުޅެނީ 164،368،746 ރުފިޔާގަ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އުފައްދާފައިވަނީ 1، ޖުލައި 1981 ގަ އެވެ. އެމްއެމްއޭގެ މަގުސަދުތަކުގެ ތެރޭގައި ފައިސާ ނެރުމާއި، ފައިސާ ލިބެން ހުންނާނޭގޮތް ހަމަޖެއްސުމާއި، އަދި ދިވެހި ރުފިޔާގެ ބައިނަލްއަގްވާމީ އަގު ކަނޑައެޅުމާއި ބޭންކިން އާބެހޭ އަދި މަނިޓަރީ މުއާމަލާތާބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާދިނުމުގެ ހިދްމަތްތައް އަދާކުރުމާއި ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރި އެރުވުމަށްޓަކައި، ބޭންކު މުއާމަލާތާބެހޭ އުސޫލްތައް އެކަށައަޅައި، ހިންގައި، އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން ހިމެނެ އެވެ. އަދި ރާއްޖެ ރާއްޖެއިން ބޭރުގައި ރާއްޖޭގެ މަނިޓަރީ ހަރުދަނާކަން ހިފެހެއްޓުމާއި ރާއްޖޭގައި ހަމަޖެހޭ ރަނގަޅު
އިގްތިސާދީ ތަރައްގީއެއް ގެނެވޭ ފަދަ ގޮތެއްގައި މާލީ ހާލަތު ކުރިއެރުވުން ވެސް ހިމެނެ އެވެ.