ޝަރުއީ ދާއިރާ

ގުޅުން ބަދަހި ކުރަން ޖުޑިޝަރީގެ މުވައްޒަފުން ދުވަނީ

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް "ޖުޑިޝަރީ ރަން" ނަމުގައި މިއަދު ހުޅުމާލޭގައި ދުވުމެއް ބާއްވަން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފި އެވެ.

މިއީ ރާއްޖޭގެ ޝަރުއީ ދާއިރާއިން ކުޅިވަރާ ގުޅުންހުރި މިފަދަ ބޮޑު ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޖުޑިޝަރީ ރަން މިއަދު ފަށާނީ ހުޅުމާލޭގައި ހަވީރު 4:00 ގަ އެވެ.

ޝަރުއީ ދާއިރާގެ އިސް ބޭފުޅަކު މިއަދު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލޭގައި އޮންނަ ދުވުމުގެ ހަރަކާތަކީ މިވަގުތަށް ވަރަށް ބޭނުންތެރި ހަރަކާރެއް ކަމަށެވެ. ރާއްޖެ ހަލަބޮލިވެ ހޫނުވެފައިވާ ދަނޑިވަޅެއްގައި މުވައްޒަފުންނަށް އޮފީސް މާހައުލާ ދުރުން ހިތްހަމަޖެހޭ މާހައުލެއް އުފައްދާނެ ފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. މީގެ ބޭނުމަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މަސައްކަތުގެ ރޫހާއި ގުޅުން ބަދަހިކުރުން ކަމަށާއި އެހެންކަމުން މި ހަރަކާތަށް މުވައްޒަފުންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ހަރަކާތުގައި ދުވާނީ ހަމައެކަނި ޖުޑިޝަރީގެ މުވައްޒަފުންނާ އެ މުވައްޒަފުންގެ އާއިލާތަކަށް. ތުއްތު ބޭފުޅުންވެސް ގޮވައިގެން ހަމަ ވަޑައިގަންނަވަންވީ،" އޮފިޝަލު ވިދާޅުވި އެވެ.

ހުޅުމާލޭގައި މި ހަރަކާތް ކުރިއަށްގެންދަނީ ޗެރިޓީ ރަންއެއް ގޮތަށެވެ. މިގޮތުން ލިބޭ ފައިސާ ހަދިޔާކުރަން ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހިޔާ އަށެވެ.

ޖުޑިޝަރީގެ މުވައްޒަފުންގެ ގޮތުގައި 600 އަށްވުރެ ގިނަ މުވައްޒަފުން މާލޭގައި މަސައްކަތްކުރައްވަ އެވެ. މިއަދުގެ ދުވުން ވެގެންދާނީ މި ހުރިހާ މުވައްޒަފުންނާއި އާއިލާތައް އެއްތަނަކުން ބައްދަލުވާން ލިބޭނެ ފުރުސަތަކަށެވެ.