ހަބަރު

ހޫނު މޫސުމު ރާއްޖޭގެ ރަށްރަށް ފެނަން ޖެހޭ މައްސަލަ ބޮޑު: ތޯރިގު

May 21, 2015

ހޫނު ގަދަވާ މޫސުމުގައި ރާއްޖޭގެ ރަށްރަށް ފެނަން ޖެހުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އެކުލަވާލާ އެއްބަސްވުމަށް ގައުމުތަކުން ތައްޔާރުވުމުގެ ގޮތުން އިންޓެންޓެޑް ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން (އައިއެންޑީސީ) ވޯކްޝޮޕް ފެށުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ރާއްޖެއަކީ އަބަދުވެސް މުހިންމު ދައުރެއް އަދާކުރާ އެއް ގައުމު ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

"ސަރުކާރުން މި ދާއިރާގައި ގިނަ މަސައްކަތަކެއް ކުރަމުންދޭ. ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގެ މަސައްކަތްތަކެއްވެސް ކުރަމުންދޭ. ފެނާއި ނަރުދަމާނެ މަސައްކަތްވެސް. މީގެ އިތުރުން ހޫނު މޫސުމާ ދިމާކޮށް ފެނަށް ޖެހުމުގެ މައްސަލާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭން އަބަދު ވެސް އަޑު އުފުލަމުންދާ ކަމަށެވެ. އަދި މިއަދު ބާއްވާ މި ވޯކްޝޮޕަކީ މި އަހަރުގެ ފަހުކޮޅު ބާއްވާ ބައްދަލުވުމަށް ރާއްޖޭން ހުށަހަޅާނެ ކަންތައްތައް ކަނޑައެޅުން ކަމަށެވެ.

"އަޅުގަނޑުމެން މި އެއްބަސްވުމުގައި ހިމަނަން ޖެހޭނީ ރާއްޖެއަށް ވާނެ ވަރުގެ ކަންތައްތައް. އެހެންވެ މި ބައްދަލުވުން މި ބާއްވަނީ،" ތޯރިގު ވިދާޅުވި އެވެ.