ހަބަރު

ލީކްވި ލިޔުންތަކުގެ ވާހަކަ ޝަރީއަތުގައި ނުދެއްކޭނެ: ގާޒީ

ލީކްވެފައިވާ ލިޔުންތަކުގެ ވާހަކަ ޝަރީއަތުގެ މަޖިލީހުގައި ނުދެއްކޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ލީކް ވެފައިވަނީ އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ހިންގި ތަހުގީގަށް ފުލުހުން ނަގާފައިވާ ބަޔާންތަކާއި ސިއްރު ލިޔުންތަކުގެ ގޮތުގައި ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ފޮނުވި ބައެއް ލިޔުންތަކެވެ.

މިއަދު އޮތް ފަނޑިޔާރު އަލީ ހަމީދުގެ ޓެރަރިޒަމް މައްސަލާގެ ޝަރީއަތުގައި ދިފާއީ ވަކީލް މަހުފޫޒު ސައީދު ވަނީ ލީކްވެފައިވާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ސިޓީއަކާ ހަވާލާދީ ނުކުތާއެއް ފާހަގަކުރުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ގާޒީ ހައިލަމް ވަނީ އެކަން ހުއްޓުވާފަ އެވެ.

ގާޒީ ހައިލަމް ވިދާޅުވީ، ލީކްވެފައިވާ ލިޔުންތަކުގެ ވާހަކަ ޝަރީއަތުގެ މަޖިލީހުގައި ނުދެއްކޭނެ ކަމަށެވެ. އެ ލިޔުންތަކަކީ ސަބަބުތަކެއް އޮވެގެން އެކަމަށް ދައުލަތުން އެދިފައިވާތީ ކޯޓުން ސިއްރު ކުރަން ނިންމާފައިވާ ލިޔުންތަކެއް ކަމަށެެވެ. އެ އުސޫލުގެ މަތިން ސިއްރުކޮށްފައިވާ ލިޔުންތަކެއް ލީކްވެފައިވަނީ އެހެން ގޮަތަކަށް ކަމަށެވެ.

އެކަން މިހާރު ފުލުހުން ތަހުގީގުކުރަމުންދާއިރު އެ ލިޔުންތަކުގެ ވާހަކަ ޝަރީއަތުގައި ދެއްކޭނެ ހަމައެއް ނެތް ކަމަށެވެ. އެ ލިޔުންތަކުގައިވާ އެއްވެސް މައުލޫމާތެއް އެއްވެސް ނަމެއް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްގެން ނުވާނެ ކަމަށް ގާޒީ އެންގެވި އެވެ.

ލީކްވެފައިވާ ލިޔުންތަކުގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު އެ ލިޔުންތަކުގެ ސަބަބުން މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކިވެރިން ވެސް ވަނީ ހާމަވެފަ އެވެ. އަދި ސިއްރު ބަޔާންތަކުގައިވާ ވާހަކަތައް ވެސް މީޑިއާއަށް ވެސް ވަނީ ތިލަވެފަ އެވެ.