ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގައި ޕީޖީއަށް ހެދިފައިވާ ގޯސްތަކުގެ ސަބަބުން މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ. މީގެއިތުރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށެވެ.
މިއަދު އެ 12 މެންބަރުން ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ މައްސަލާގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ. އެ ދައުވާއަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް އެ ސަރަހައްދު ބަލަހައްޓަމުން ދިޔަ ފުލުހުންނަށް ހުރަސް އަރައި، ނުކިޔަމަންވެ ބަންދު ސަރަހައްދަކަށް ވަދެފައިވާ ކަމަށް ބުނެ ކުރާ ދައުވާއެކެވެ.
އެ މެންބަރުންގެ ފަރާތުން މިއަދު އަޑުއެހުމަށް ހަ ވަކީލުން ހާޒިރުވި އެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ވަކިވަކިން ކޮންމެ ބޭފުޅަކާ ދައުވާ ސާފުވެއްޖެ ސުވާލު ކުރައްވާފަ އެވެ. ހުރިހާ މެންބަރުން ވެސް ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރަށް ވަކީލުން ވާހަކަ ދައްކަވާނެ ކަމަށެވެ. މިއަދުގެ އަޑުއެހުން ގާޒީ ކުރިއަށް ގެންދެވީ ދައުވާ ލިބޭ ފަރާތްތަކުން އެދިވަޑައިގަތް ހުރިހާ ފުރުސަތެއް ދެއްވަމުންނެވެ. އެގޮތުން ވަކީލުންނާ މަޝްވަރާ ކުރެއްވުމަށާއި ފާހަނާއަށް ދިޔުމަށް ވެސް ގާޒީ މިއަދު ފުރުސަތު ދެއްވާފައިވެ އެވެ.
ކުރިމިނަލް ކޯޓުގައި ހުރި އެންމެ ބޮޑު ޝަރީއަތުގެ މާލަމުގައި ކުރިއަށް ގެންދިޔައިރު ވެސް ޖާގައިގެ ދަތިކަން ކުރިމަތިވި އެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ދައުވާ ސާފުނުވާ ކަމަށް ބުނެ ގިނަ ކަންތައްތަކެއް ފާހަގަކޮށް ދައުލަތަށް ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ.
ސުވާލުތަކަށް ޕީޖީގެ ފިނި ރައްދުތައް
ހަތަރު މެންބަރެއް ތަމްސީލް ކުރައްވާ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ސިޓީ ފޮނުވި ދުވަހާއި ވަގުތު ހޯދަން ބޭނުންވާ ކަމަށެވެ. އެ ސިޓީއަކީ ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީއަށް ސެކިއުރިޓީ ބަލަހައްޓައިދޭން އެދި ފޮނުވާފައިވާ ސިޓީއެކެވެ. އެ ސިޓީ ޑިފެންސް މިނިސްޓްރީއަށް ލިބުނު ގަޑި އެނގުމަކީ ދިފާއު ތައްޔާރުކުރަން ވަރަށް މުހިންމު ކަމެއް ކަމަށް ހިސާން ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލް ވަނީ ޑިފެންސް މިނިސްޓްރީއަށް ސިޓީ ލިބުނު ގަޑި ބުނެފައިވާ އިތުރު ސިޓީއެއް ޝަރީއަތަށް ހުށަހަޅާފަ އެވެ. އެ ސިޓީގައިވާ ގޮތުން ސިޓީ ޑިފެންސް މިނިސްޓްރީއަށް ލިބިފައިވަނީ 24 ވަނަ ދުވަހުގެ 10:30 ގަ އެވެ. އަދި، ޑިފެންސް މިނިސްޓްރީން ފުލުހަށް ސިޓީ ފޮނުވާފައިވަނީ 25 ވަނަ ދުވަހުގެ 12:45 ގަ އެވެ.
ދައުލަތުން އެ ލިޔުން ހުށަހެޅުމުން ވެސް ހިސާން ވަނީ އެއީ ދައުލަތުގެ މުއައްސަސާތަކުން ސިޓީ ބަދަލުކުރުމުގައި ގެންގުޅޭ އެންޓާ ލިޔުމެއް ނޫންކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ސިޓީ ޑިފެންސް މިނިސްޓްރީއަށް ލިބުނުކަން ހާމަކޮށް ލިބުނު ގަޑިއާއެކު ތައްގަނޑަ ޖަހާފައިވާ ލިޔުމެއް އޮންނާނެ ކަމަށާއި އެ ލިޔުން ބޭނުންވާ ކަމަށް ހިސާން ވިދާޅުވި އެވެ. ހިސާން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާއާ ހަވާލާދީ އޭގެ އޮރިޖިނަލް ލިޔުން ހޯދަން އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، ޑިފެންސް މިނިސްޓްރީއަށް ސިޓީ ލިބުނު ގަޑި އިތުރު ސިޓީއަކުން އެ މިނިސްޓްރީ ބުނެދީފައިވާއިރު އެހެން ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އަސްލު ލިޔުން ދިނުމާ ގުޅޭ ގޮތުން ޖެހޭނީ ވެރިންނާ މަޝްވަރާކޮށްލަން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. ނަމަވެސް ގާޒީ ވަނީ އެ ލިޔުން ދިފާއުއަށް ހޯދައިދިނުމަށް އަމުރު ކުރައްވާފަ އެވެ. ހަތް ދުވަސް ތެރޭގައި ދައުވާ ލިބޭ ފަރާޓްތަކަށް އެ ލިޔުން ދޭން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދެން ހިސާން އުފެއްދީ މެންބަރުންގެ އެ ދުވަހުގެ އަމަލުތަކާ ގުޅޭ ސުވާލުތަކެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަނުން މަނާކުރީ ކޮން ފަރާތްކުންތޯ އަދި އެ އަމުރު އެންގީ ކޮން ފަރާތަކުންތޯ ވެސް އެއްސެވި އެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ މެންބަރުން ވަނުން މަނާތަނެއްތޯ ވެސް އެއްސެވި އެވެ. މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ވަނުން މަނާކުރާނަމަ އެއީ ހުއްދަ ކަމެއް މަނާކުރުން ކަމަށާއި މަޖިލީހަށް މެންބަރުން ވަނުމަކީ ދުވަހަކު ވެސް މަނާ ކަމެއް ނޫންކަން ވަކީލުން ފާހަގަކުރެއްވި އެވެ.
އެއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުލަތުން ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކަމަށް ބަލައިގެން ނޫން ކަމަށެވެ. ނަމަވެސް ދައުވާކޮށްފައިވަނީ ބަންދު ތަނަކަށް ވަތް ބަޔެއްގެ މައްޗަށް ކަމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހަށް ވަނުމަކީ މަނާ ކަމެއްތޯ އެ ސުވާލު ނުއުފެއްދޭނެކަން ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ވަކީލް އެހެން ވިދާޅުވި ނަމަވެސް މެންބަރުންނާ ދެކޮޅަށް ދައުލަތުން ވަނީ ހެކީގެ ގޮތުގައި މަޖިލީހުގެ ސެކިއުރިޓީ އެ ދުވަހު ބެލެހެއްޓި ދެ ސިފައިންނާއި މަޖިލީހުގެ އަމީންނާމާއި މަޖިލީހުން ޑިފެންސަށް ފޮނުވި ސިޓީ އެވެ. އެކަމާ ގުޅިގެން ދިފާއީ ވަކީލުން އަނެއްކާވެސް ވަނީ ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ. މަޖިލީހަށް ވަތް ކަމަށް ބުނެ ނުވަތަ މަޖިލީހުގެ މެންބަރުންތަކަކަށް ދައުވާ ނުކުރާނަމަ އެ ހެކިތައް ހުށަހަޅަންޖެހޭ ސަބަބެއް ނެތްކަން ވަކީލުން ފާހަގަކުރެއްވި އެވެ. މެންބަރުންގެ މައްޗަށް ދައުވާކުރަނީ ފުލުހުން މަޑުކުރަން ބުނުމުން އެކަމާ ދެކޮޅު ހަދާ ގަދަކަމުން ބަންދު ސަރަހައްދަށް ވަތް ކަމަށް ބުނެ ކަމަށްވާއިރު އެކަން ސާބިތުކުރަން ހެއްކެއް ނެތްކަން ވަކީލުން ފާހަގަކުރެއްވި އެވެ.
ހެކީގެ ލިސްޓު ފުރިހަމައެއް ނޫން
މެންބަރު އަލީ ހުސެއިންގެ ވަކީލް އަބްދުﷲ އަލީ ވަނީ ވެސް ދައުލަތަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފަ އެވެ. އޭގެ ތެރެއިން ހާމަވެގެން ދިޔައީ ދައުލަތުން މެންބަރުންނަށް ފޯރުކޮށްދީފައިވާ ލިޔުންތަކުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. ދައުލަތުން މެންބަރުންގެ މައްޗަށް ހަތަރު ހެއްކަށް ހުށަހަޅާފައިވާ ކަމަށް ގާޒީ އާއި ދައުލަތުގެ ވަކީލުންގެ އަތުގައިވާ ދައުވާ ފޯމްގައިވާއިރު މެންބަރުންގެ އަތުގައި އޮތް ކޮޕީގައިވާ ގޮތުން ދެކޮޅަށް ހުށަހަޅާފައިވަނީ ދެ ހެއްކެކެވެ. އެއީ ދެ ސިފައިންނެވެ.
ދައުލަތުގެ ވަކީލުންނާއި ގާޒީ ވަނީ އަލީ ހުސެއިންނަށް ދީފައިވާ ލިޔުންތައް ބައްލަވާފަ އެވެ. އެއަށްފަހު ދައުލަތުގެ ވަކީލް ވިދާޅުވީ، ލިޔުންތަކުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. މައްސަލަތައް އުޅެނީ ކޮން މެންބަރުންގެ ލިޔުންތަކުގައިތޯ ބެލޭނީ ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފުންނާ ވާހަކަ ދެއްކުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.
އެއާއެކު ވަކީލް ހިސާން ހުސެއިން ވަނީ އިޖުރާއީ ނުކުތާތަކެއް ފާހަގަކުރައްވާފަ އެވެ. ހިސާން ވިދާޅުވީ، ޝަރީއަތަށް ދޭ ލިޔުމާއި ދައުވާ ލިބޭ ފަރާތްތަކަށް ދޭ ލިޔުމަކީ ދެ ލިޔުމަކަށްވެގެން ނުވާނެ ކަމަށެވެ. ދައުވާ ލިބޭ ފަރާތްތަކަށް ދޭން ޖެހެނީ ޝަރީއަތަށް ދޭ ލިޔުމުގެ ކޮޕީކަން ފާހަގަކުރެއްވި އެވެ. އެއާއެކު ގާޒީ ވިދާޅުވީ، ގާޒީގެ އަތްޕުޅުގައި އޮތީ އޮރިޖިނަލް ލިޔުން ކަމަށާއި ދައުވާ ލިބޭ ފަރާތްތަކާ ހަވާލުކޮށްފައިވަނީ ކޮޕީ ކަމަށެވެ. ނަމަވެސް ކޮޕީ އާއި އޮރިޖިނަލްގައި ތަފާތުތަކެއް ހުރިކަން ދައުލަތުން ފާހަގަކޮށްފައިވާ ކަމަށެވެ. ހިސާން ވިދާޅުވީ، އެހެންވިއްޔާ އެއީ ކޮޕީއެއް ކަމަށް ނުބުނެވޭނެ ކަމަށެވެ.
ގާޒީ އާރިފް ވިދާޅުވީ، އެއް ފޯމަކުން ގިނަ ބައެއްގެ މައްޗަށް ދައުވާ ކުރާ ހާލަތްތަކުގައި ބައެއް ފަހަރަށް ދައުލަތުން ދައުވާ ލިބޭ ފަރާތްތަކަށް ދައުވާ ފޯމް ވަކިން ލިޔެފައިދޭ ކަމަށެވެ. ނަމަވެސް އިތުރަށް ބެލިބެލުމުން މި މައްސަލާގައި ދިމާވެފައިވަނީ އެ މައްސަލަ ނޫންކަން ހާމަވި އެވެ. ދައުވާ ލިބޭ ފަރާތްތަކަށާއި ޝަރީއަތަށް އެއް ދައުވާ ފޯމެއް ލިބިފައިވާއިރު ނުލިބި ވަނީ ބައެއް ހެކީގެ މައުލޫމާތުތަކެވެ. އަދި އެއީ ހުށަހަޅާފައިވާ ހެކިތަކެއް ކަމެއް ވެސް މެންބަރުންނަށް ދީފައިވާ ލިޔުންތަކުން އެނގެން ނެތެވެ.
ވަކީލް ހިސާން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 83 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު ދައުލަތުން ދައުވާކޮށް ޝަރީއަތަށް ދައުވާ ފޯމް ހުށަހަޅާއިރު އެ މައްސަލާގައި ހިމެނޭ ހުރިހާ ހެއްކާއި ހުށަހަޅާ ހުރިހާ ލިޔުމެއް އެކުގައި ހުށަހަޅަންޖެހޭކަން އެނގެން އޮންނަ ކަމަށެވެ. އަދި އެ ލިޔުންތައް ފަސް ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް ހަވާލުކުރަންޖެހޭކަން އެނގޭ ކަމަށެވެ. އެހެންކަމަށްވާއިރު ހެކި ލިސްޓް ބަދަލުކޮށް ލިޔުންތައް އަލުން ދިރާސާކުރުމަށް މި މަރުހަލާގައި ދައުލަތަށް ފުރުސަތު ނުދެވޭނެކަން ހިސާން ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 106 ވަނަ މާއްދާގައި އިބްތިދާއީ އަޑުއެހުމުގެ ބޭނުން ބަޔާންކޮށްފައިވާ ކަމަށާއި އިބްތިދާއީ އަޑުއެހުމަކީ ހުރިހާ ލިޔުމެއް ލިބިފައިވޭތޯ ދައުވާގައިވާ ކުށެއްވާނަމަ އެކަންކަން އިސްލާހުކުރުމަށް ފުރުސަތު ލިބޭ މަރުހަލާއެއް ކަމަށެވެ. ހިސާން ވަނީ އެ ވާހަކައަށް ރައްދު ދެއްވާފަ އެވެ. ހިސާން ވިދާޅުވީ މި މައްސަލާގައި ލިޔުންތަކެއް މަދުވެގެން އުޅެނީ ނޫން ކަމަށާއި ހެކިންތަކެއް ހުށަހަޅާފައިވާކަން މިހާ ހިސާބަށް އައިރު ދައުވާ ލިބޭ ފަރާތްތަކަށް އެނގެން ވެސް ނެތީ ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، މެންބަރުން ދައުވާއަށް އިންކާރުކޮށްފައިނުވާ ކަމަށާއި ހެކި ހާމަކުރަން ޖެހޭނީ މެންބަރުން އިންކާރުކުރުމުން ކަމަށެވެ. އެހެން އަދިވެސް ހެކި ހާމަކުރުމުގެ ފުރުސަތު ދައުލަތަށް އެބައޮތްކަން ވަކީލް ފާހަގަކުރެއްވި އެވެ. ނަމަވެސް ގާޒީ އާރިފް ވަނީ ދައުލަތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ބަޔާންކޮށްފައިވާ މުއްދަތު އޭރަށް މި ޝަރީއަތަށް ފައްތާނީ ކިހިނެއްތޯ ސުވާލުކުރައްވާފަ އެވެ.
އެގޮތުން ގާޒީ ފާހަގަކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާގެ (ނ) އެވެ. އެ މާއްދާއަކީ ލިޔުންތައް ލިބޭތާ 30 ދުވަހުގެ ތެރޭގައި ޝަރީއަތް ފަށައިގެން ނުވާނެ ކަމަށް ބުނާ މާއްދާ އެވެ. ގާޒީ ވިދާޅުވީ، ހުރިހާ ހެއްކާއެކު ލިޔުންތައް މި އަޑުއެހުމުގައި ހަވާލުކުރިޔަސް ދެން އެ މުއްދަތު ހޯދާނީ ކިހިނެއްތޯ ސުވާލުކުރައްވާފަ އެވެ. ދެން މުއްދަތު ނުލިބޭނެކަން ގާޒީ ފާހަގަކުރެއްވި އެވެ. އެ ސުވާލަށް ދައުލަތުގެ ވަކީލް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ، އެކަމުގައި ދެން ގޮތެއް ނިންމަވާނީ ގާޒީ ކަމަށެވެ.
ދައުވާ ބޭރުކުރަން އެދުނު
އެ މައްސަލާގެ އިތުރުން މެންބަރު ވަހީދު ވަނީ އިޖުރާއީ ނުކުތާއެއް ފާހަގަކުރައްވާފަ އެވެ. އޭނާ ފާހަގަކުރެއްވީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރާ ގުޅޭ ނުކުތާއެކެވެ. އެ އަމުރުގައި މެންބަރުންގެ މައްސަލައަށް ސީދާ ގޮތެއްގައި އިޝާރަތްކޮށްފައިވެ އެވެ. އަދި އެ ބައި މިހާތަނަށް ބާތިލުކޮށްފައެއް ވެސް ނުވެ އެވެ. އަމަލުކުރުމަށް މަޑުޖައްސާލަން ނެރެފައިވަނީ ވަގުތީ އަމުރެކެވެ.
އެ ބައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ގޮތަށް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލާފައިވާ ކަމަށާއި އެއީ ރާއްޖޭގެ ދުސްތޫރީ ނިޒާމާ ދުރު އަދި އާންމު މަސްލަހަތަށް ގެއްލުންވާ ކަމެއް ކަމަށެވެ. މެންބަރު ވަހީދު ވިދާޅުވީ، ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރެ، އެ ބައި މިހާތަނަށް ބާތިލުކޮށްފައިނުވާއިރު މި މައްސަލަ ކުރިއަށް ގެންދެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. މެންބަރުންގެ މައްޗަށް ދައުވާކޮށްފައިވަނީ ދުސްތޫރީ ނިޒާމާ ދުރު ގޮތަކަށް ކަމަށް ސުޕްރީމް ކޯޓުން ބުނާއިރު ދަށު ކޯޓަކަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެ އިޖުރާއީ ނުކުތާއަށް ޖަވާބު ދެއްވުމަށް ގާޒީ ދައުލަތަށް އެންގެވި އެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ، އެކަން އިތުރަށް ދިރާސާކުރުމަށްފަހު ޖަވާބެއް ދިނުމަށް ވަގުތު ބޭނުންވާ ކަމަށެވެ. ގާޒީ ވަނީ އެކަމަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ދައުލަތަށް ފުރުސަތު ދެއްވާފަ އެވެ.
ގާޒީ އާރިފް ވިދާޅުވީ، މައްސަލާގައި މިހާރު އޮތީ ދައުވާ އަނބުރާ ގެންދަން އަމުރު ކުރެވޭނެ ހާލަތަކާއި ދައުވާ ބާތިލުކުރެވޭނެ ހާލަތެއް ކަމަށެވެ. ދައުވާ އަނބުރާ ފޮނުވާލެވޭނީ ލިޔުންތަކުގެ މައްސަލާގައި ޝަރީއަތުން ދައުވާ ލިބޭ ފަރާތްތަކާ އެއްކޮށް ގޮތް ނިންމަވައިފިނަމަ އެވެ. ދައުވާ ބާތިލުކުރެވޭނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ އިޖުރާއީ ނުކުތާގައި ދައުލަތާ ދެކޮޅަށް ޝަރީއަތުން ގޮތެއް ނިންމަވައިފިނަމަ އެވެ. އެހެންވެ ގާޒީ ވިދާޅުވީ، ދައުވާ ލިބޭ ފަރާތްތަކުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ އެ މައްސަލާގައި ދައުލަތުން ޖަވާބުދާރީވުމުން ދެ ކަމަށް ވެސް ގޮތެއް ނިންމުން ކަމަށެވެ. އަންގާރަ ދުވަހު ދައުލަތުން ޖަވާބުދާރީވުމުން ބުރާސްފަތި ދުވަހު ދައުވާ ބާތިލުކުރުމާމެދު ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.