ވިޔަފާރި

ބަނބުކޭލެއް 80ރ. އަށް: އަގު ރަނަށްވަނީ މިހެން!

އަގުތައް މަތިވެ، އަގު ރަނަށް ވެއްޖެއޭ ވަރަށް ގިނައިން ކިޔައެވެ. ސުވާލަކީ އަގު ރަނަށް ވުމަކީ ކޮބައި ހެއްޔެވެ؟ އަގު ރަނަށްވުމަކީ މިއީ އެވެ. މިއަދު ބާޒާރުގައި އެންމެ ބަނބުކޭލެއް ވިއްކަނީ 80ރ. އަށެވެ.

އާއްމު ގޮތެއްގައި ބާޒާރުގައި ބަނބުކޭލުގެ އަގު އުޅޭނީ 20ރ. އަށް ނޫނީ 25ރ. އަށެވެ. ނަމަވެސް މިހާރު ދިވެހި އުފެއްދުންތައް ވިއްކާ ބާޒާރުގައި ބަނބުކޭލުގެ އަގު އުޅެނީ 80ރ. އަށެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ މީހުން ބުނާ ގޮތުގައި ބަނބުކޭލުގެ އަގު އުފުލިގެން އުޅެނީ މި ދުވަސް ވަރަކީ ބަނބުކެޔޮ މޫސުމަކަށް ނުވާތީ އެވެ.

"ބަނބުކެޔޮ މޫސުމެއް ނޫން މިއީ. އެހެންވެ އަގު ބޮޑުވީ. އެއް ގޮތަކަށް ވެސް ބަނބުކޭލެއް ނުލިބޭ،" ގޮޅިއެއްގައި ހުރި ސޭޓު މިއަދު ބުންޏެވެ.

ބާޒާރުގެ ބަނބުކެޔޮ ލިބެން ހުރީ ވެސް ވމަދު ގޮޅިއެއްގަ އެވެ. ދެ ތިން ގޮޅިއަކުން ބަނބުކެޔޮ ވިއްކާއިރު އެތަންތަނުގައި ވެސް ހުރީ މަދު މިންވަރެކެވެ.

ބަނބުކޭލަކީ ދިވެހިންގެ ތަފާތު ކާނާ އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ. ބަނބުކޭލުން އެންމެ އާއްމުކޮށް ތައްޔާރު ކުރަނީ ބަނބުކެޔޮ ރިހަ އާއި ބޮނޑި ބަތެވެ.