އައްޑު އޮތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިދުވަސްވަރު އެންމެ ގަދައަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. މި ދެދުވަހު ވެހުނު ވާރޭގެ ސަބަބުން އައްޑޫސިޓީ އާއި ގދ ތިނަދޫގެ ބައެއް ގެތަކަށް ފެން ވަންނަ ވަރަށް ވަނީ ފެންބޮޑުވެފަ އެވެ.
![](https://images-01.avas.mv/post/big_2WMOEx1HGYCDXlw95XloYmJCG.jpg)
ފުލުހުން މިއަދު ބުނީ ގދ. ތިނަދޫ އާއި އައްޑު އަތޮޅުގެ ބައެއް ރަށްރަށުގެ މަގުތަކުން ފެންހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވީ ނަމަވެސް އާންމުންނަށް މާބޮޑު ގެއްލުންތަކެއް އަދި މިހާތަނަށް ވެފައި ނުވާ ކަމަށް ވެސް ބުންޏެވެ.
![](https://images-01.avas.mv/post/big_AWsCci8Rj8GYI72eua7W7aafD.jpg)
ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާގޮތުން ކުރިއަށް ދެން އޮތީވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ 24 ގަޑިއިރެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ގަދަވާނެ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއެކު ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށެވެ.