ލައިފްސްޓައިލް

ނިހާން ބޯ ކަޅެއް ނުކުރޭ!

ތަފާތު ހެއާ ސްޓައިލްތައް ހެދުމުގައި ފިލްމީ ތަރިންނަކީ ވަރަށް މަޝްހޫރު ބަޔެކެވެ. ނަމަވެސް ރާއްޖޭގައި ހުރިހާ ކަމެއްގައި ވެސް ކުރީގައި އުޅެނީ ސިޔާސީ ބޭފުޅުންނެވެ. ހެއާ ސްޓައިލްގައި ވެސް ބައެއް ސިޔާސީ ބޭފުޅުން ކުރީގައި އުޅުއްވަ އެވެ. އެގޮތުން އެކި ފަހަރު ބޮލުގެ އިސްތަށިގަނޑު އެކި ގޮތަށް ހައްދަވާ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަރަށް ބޮޑަށް ފާހަގަ ކުރެވޭނެ އެވެ. -- ނިހާންގެ ޒުވާން ދުވަސްވަރުގައި ވެސް އޭނާއަކީ އިސްތަށިގަނޑު ވަރަށް ބޮޑަށް ސްޓައިލް ކުރެއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ ފާހަ ކުުރެވުނީ ވަރަށް ދިގު ވަރަށް ބުޅި ވަރަށް ވަރަށް ބޮޑު އިސްތަށިގަނޑެއް އޮންނަ ބޭފުޅެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ފެނުނީ އެ އިސްތަށިގަނޑު ފަތްޖަހާފައި އޭގެ މަތީން ސްކާފެއް އަޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ސިޔާސީ މައިދާނަށް ވަދެ ވަޑައިގެންނެވި އިރު ހުންނެވީ ވަރަށް ތުނިކޮށް ކޮށާލާފަ އެވެ.

ނިހާންގެ ބޯ އެއްކޮށް ހުދުވެ ނުރަވެފައި ހުއްޓާ ދުށް ހަނދާންވޭ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުގެ ފޮޓޯ ގެލެރީ ބަލައިލުމުން އެފަދަ ގިނަ ފޮޓޯތަކެއް ފެންނާނެ އެވެ. އެކަމަކު އެގޮތުގައި ނިހާން މާގިނަ ދުވަހަކު ނުހުންނަވަ އެވެ. ނުރަކަން ފިލަމުން ފިލަމުން ގޮސް އަނެއްކާވެސް ބޯ ކަޅުވި އެވެ. ވީ ކީއް ހެއްޔެވެ؟ ބޯ ކަޅުކުރީ ދޯ އެވެ. ނޫނެކެވެ! އެކަމަކު މިހާރު ހުދެއް ނޫން ދޯއެވެ؟ އާނއެކެވެ! މިއޮތީ ސުވާލެއް އުފެދި ފައެވެ.

ނިހާނު ބޯ ކަޅުކުރަނީ ކީއްވެގެން؟

"2010 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކަޅު ކުލަ އަޅުގަނޑުގެ ބޮލުގަ ނުޖައްސަން،" މި ސުވާލު އަމާޒުވާލެއް ގިނަ ކަމުން ނިހާން އޭނާގެ ފޭސްބުކްގައި ރޭ ލިޔުއްވާފައިވެ އެވެ.

ނިހާން މިހެން ވިދާޅުވާން ޖެހި ވަޑައިގަތް ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އޭނާއަށް ކުރިމަތިވާ ސުވާލަކަށް ޖަވާބެއް ދެއްވުމުގެ ގޮތުންނެވެ. ބޮލުގަ ކަޅު ކުލަ ޖެއްސުމަކީ ދީނުގައި މަނާ ކަމެއްކަން އެނގިހުރެ ބޮލުގައި ކަޅު ކުލަ ޖައްސަނީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން އަހާ ކަމަށް ނިހާން ވިދާޅުވެ އެވެ. ނިހާން ވިދާޅުވަނީ އޭނާގެ ބޯ ކަޅުވުމުގެ އަސްލަކީ ކަޅު ކުލަ ޖެއްސުން ނޫން ކަމަށެވެ.

"އަޅުގަނޑު އާންމުކޮށް ބޭނުން ކުރަނީ ބިގެން ބްރޭންޑްގެ ނެޗުރަލް ބްރައުން އަދި ބާގަންޑީ ބްރައުން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ދީނީ އިލްމްވެރިން ވިދާޅުވަނީ ސީދާ ކަޅު ކުލަ ނުޖައްސާނަމަ އެންމެ ރަނގަޅު ކަމަށެވެ. އެހެންވެ ނިހާން ބޮލުގައި ކަޅު ކުލައެއް ނުޖައްސަ އެވެ. ބޯ ކަޅެއް ނުކުރެ އެވެ. ޖައްސަނީ މުށި ކުލަ އެވެ. ނިހާންގެ ބޮލުން ނުރަ ފިލުމުގެ އަސްލަކީ މުށި ކުލަ އެވެ.