ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާ މީހުން ބައިވެރިވާ ޕްރައިމަރީތައް ބާތިލުކުރާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަން، އީސީއިން މިއަދު ދީފި އެވެ.
އީސީއިން މި އިންޒާރު ދީފައިވަނީ އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވެފައިވަނިކޮށެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެމަނިކުފާނަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ބޭފުޅެއް ނޫނެވެ. ރައީސް ނަޝީދުގެ މައްޗަށް ވަނީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް އައިސްފަ އެވެ.
މިއަދު އީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަހަރު ބާއަވާ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީ ތަމްސީލްކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ، ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާނަމަ، އެކަން ކޮމިޝަނަށް އަންގަންވާނެ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި ތިންވަނަ އިސްލާހާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ނުލެވޭނެކަމާއި މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މީހެއްގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރާނެ ކަމަށެވެ.
އަދި ބުނެފައިވަނީ ޕްރައިމަރީއެއް ބާއްވާނަމަ، މާދަމާއިން ފެށިގެން 1 ޖުލައި 2018 އާއި ދެމެދު ޕްރައިމަރީ ބާއްވާ، ޕްރައިމަރީ ބޭއްވުމުގެ ތިން ދުވަސް ކުރިން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތާއި ބާއްވާ ތާރީހު މި ކޮމިޝަނަށް އަންގަންވާނެ ކަމަށެވެ. ޕްރައިމަރީ ބޭއްވުމަށް ފަހު ޕްރައިމަރީގެ ނަތީޖާ 8 ޖުލައި މެންދުރު 12:00 އިގެ ކުރިން މިކޮމިޝަނަށް ފޮނުވަންވެސް ޖެހެ އެވެ.
ކޮމިޝަނުން ބުނީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގެ (ޅ) އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރާންޖެހޭ ކަމަށް ގާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވަނީ ސިޔާސީ ޕާޓީތަކުގެގެ ގާނޫނާއި ސިޔާސީ ޕާޓީގެ ގަވާއިދާއި އެނޫންވެސް ރާއްޖޭގައި ތަސްދީގުކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަކަށް ކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީ ބާއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް އީސީއިން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެ ގޮތް ބަޔާންކޮށްފައިވާނަމަ، އެގޮތުގެ މަތިން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށާއި ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާން ކޮށްފައި ނުވާނަމަ، މީގެ ކުރިން ޕާޓީގެ ޕްރައިމަރީތައް ބޭއްވުމުގައި އަމަލުކޮށްފައިވާ އުސޫލާ އެއްގޮތަށް ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އަންގާފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ގާނޫނަކާއި ނުވަތަ ގަވާއިދަކާ ހިލާފަށް އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް ފަހިކޮށްދިނުމަށް އީސީއިން އެންގި އެވެ. ހަމަހަމަކަމާއެކު ދެފުށްފެންނަ ގޮތަށް ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރާ މީހެއްގައި ހުންނާންވީ ޝަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.