ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ އެއްވެސް ބާރެއް އިލެކްޝަން ކޮމިޝަން، އީސީއަށް ލިބިފައިނުވާ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބުނެފި އެވެ.
ޕާޓީތަކުން މިހެން ބުނީ، އިއްޔެ އީސީއިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެ ބަޔާނުގައި އީސީއިން ވަނީ ޕާޓީތަކުން ބާއްވާ ޕްރައިމަރީތަކުގައި ވާދަކުރަނީ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ޝަރުތު ހަމަވާ މީހުންތޯ ޔަގީންކުރުމަށް ޕާޓީތަކަށް އަންގާފަ އެވެ. އެހެންނޫންނަމަ އެ ޕްރައިމަރީއެއް ބާތިލުކުރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އީސީއިން މި އިންޒާރު ދީފައިވަނީ އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވެފައިވަނިކޮށެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެމަނިކުފާނަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ބޭފުޅެއް ނޫނެވެ. ރައީސް ނަޝީދުގެ މައްޗަށް ވަނީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް އައިސްފަ އެވެ.
މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީތަކުން ފަރާތުން ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ކެނޑިޑޭޓުން ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތަކަކީ ކޮބައި ކަމެއް އީސީއަށް ނުބުނެވޭނެ ކަމަށާއި ޝަރުތުތަކާމެދު ހިޔާލު އުފެދޭ ހާލަތެއްގައި ވެސް އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"މިކަން ކުރުމުގެ އެއްވެސް ބާރެއް އެއްވެސް ގާނޫނަކުން އިލެކްޝަން ކޮމިޝަނަށް ލިބިފައެއް ނެތް،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ، އެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާނެ މީހުން ހޮވާނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދަށް ބަލައިގެން ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމުން ވެސް އެނގެނީ ޕްރައިމަރީތަކާ ބެހޭ ގޮތުން ގޮތް ނިންމުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ނެތްކަން ކަމަށެވެ. އެހެންވެ އިލެކްޝަން ކޮމިޝަނުން ނެރެފައިވާ ބަޔާނަކީ ޣައިރު ގާނޫނީ ބަޔާނެއްކަން އަމީތު ފާހަގަކުރެއްވި އެވެ. އަދި ބަޔާން ނެރެފައިވަނީ ސީދާ އެމްޑީޕީއަށާއި ރައީސް ނަޝީދަށް ޓާގެޓްކޮށްކަން ވެސް ފާހަގަކުރެއްވި އެވެ.
"އެހެންވެ މިއީ އަމަލުކުރަން ޖެހޭ ބަޔާނެއް ކަމަކަށް ގުޅިފައިވާ ޕާޓީތަކުން ނުދެކޭ، ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް އީސީއަށް އަތް ބޭނޭނެ އެއްވެސް ގާނޫނެއް ނެތް،" އަމީތު ވިދާޅުވި އެވެ.
އިއްޔެ އީސީއިން ނެރުނު ބަޔާނުގައި ބުނީ، ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރާ މީހެއްގައި ހުންނާންވީ ޝަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ކަށަވަރުކުރަންޖެހޭނެ ކަމަށެވެ. އެއާ ހިލާފަށް ބާއްވާ އިންތިހާބުތައް ބާތިލުކުރާނެ ކަމަށް އީސީން ބުންޏެވެ.