ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކްރެޑިޓް ރޭޓިން އެއް ހެދީ 2016 ވަނަ އަހަރު އެވެ.
ރާއްޖޭގެ ތާރީހުގައި ހެދި ފުރަތަމަ ކްރެޑިޓް ރޭޓިން ހަދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިންނެވެ. އެ ކުންފުނިން ރާއްޖެއަށް ދިނީ "ބީ2" އެވެ. މީގެ މާނައަކީ ބޮޑެތި ގޮންޖެހުން ތަކެއް ހުރިނަމަވެސް ރާއްޖެއިން އަނބުރާ ދަރަނިދެއްކުމާއި އެނޫން ވެސް މާލީ ގޮތުން އަދާކުރަން ޖެހޭ އެހެން ޒިންމާތައް އަދާކުރެވޭނެ ގާބިލްކަން ރާއްޖޭގައި ހުރި ކަމެވެ. އޭގެ ފަހުން ދެން ރާއްޖެއާ ބެހޭ ގޮތުން ނެރުނީ، މަޝްހޫރު ހޮންކޮންގެ "ފިޗް" ގެ ރޭޓިން އެކެވެ. އެ ކުންފުނިން ދިނީ "ބީ-ޕްލަސް" އެވެ. އަދި ޖެހިޖެހިގެން ދެ އެޖެންސީއިން ވެސް މި ވަނީ ރާއްޖޭގެ ރޭޓިން އެވަރުގައި ދަމަހައްޓާފަ އެވެ. ސުވާލަކީ "މޫޑީސް" އާއި "ފިޗް" އިން އެ ބުނީ ކީކޭ ހެއްޔެވެ؟
"މޫޑީސް" އާއި "ފިޗް" އިން ނެރެފައިވާއިރު، ރާއްޖޭގައި މިހާރުވެސް އިގްތިސާދީ ގިނަ މަޝްރޫއު ތަކެއް ދަނީ ހިނގަމުން އެވެ. އަދި މި މަޝްރޫއުތައް ހިނަގް ނެގި ބޮޑެތި ލޯނުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި މި ވަނީ ދުވަހަކު ނުދާވަރަށް މައްޗަށް ޖެހިފަ އެވެ. "ފިޗް" އާއި "މޫޑީސް" އިންވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ސަބަބަކީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި 1.1 ބިލިއަން ޑޮލަރަށް އަރައި، މީގެ ކުރިން ދަރަނި ހުރި ވަރަށް ވުރެ 26 ޕަސެންޓް އިތުރުވެފައި ވާތީ އެވެ. މިއީ ހަގީގަތުގައި ވެސް ވިސްނަން ޖެހޭ ކަންބޮޑުވުމެކެވެ.
ރާއްޖޭގެ ޓޫރިޒަމުން މިދިޔަ އަހަރު ރަނގަޅު އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައި. އެހެންވެ، މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރި. މިއީ ވެސް ސަބަބެއް ރާއްޖެއާ މެދު ކްރެޑިޓް ރޭޓިން ކުންފުނި ތަކުން އިތުބާރު ބޮޑުވުމުގެ ސަބަބެއްއިގްތިސާދީ ދާއިރާގެ ބޭފުޅެއް
އިގްތިސާދީ މާހިރުން ދެކިލައްވާ ގޮތުގައި ކްރެޑިޓް ރޭޓިން އެޖެންސީ ތަކުން ރޭޓިން އެއްވަރެއްގައި ދަމަހައްޓާ މައިގަނޑު އެއް ސަބަބަކީ އިގްތިސާދުގެ މައިގަނޑު ބަހާތަށް ވަރުގަދަކޮށް ހުރުމެވެ.
ރާއްޖޭގެ ދެވަނަ ރޭޓިން ހޮންކޮންގްގެ ފިޗް ރޭޓިން އިން އެންމެ ފަހުން "ބީ- ޕްލަސް" ރޭޓިން ދެމެހެއްޓުމަށްފަހު، އެ ކުންފުނިން ބުނެފައިވަނީ މި ރޭޓިން ދިނުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސާދުގެ ދުވެލި ރަނގަޅުވުމާއި ޓޫރިޒަމް ދާއިރާ ރަނގަޅުވެ ދައުލަތުގެ އާމްދަނީ އިތުރުވަމުން ދިއުމެވެ. އެ ކުންފުނިން ބުނީ މި ސަބަބުތަކައްޓަކައި ދައުލަތުގެ ދަރަނި އަދި ރިޒާވްތައް މިހާރު ހުރި މިންވަރުގައި ހިފެހެއްޓޭނެ ކަމަށް ފިޗްއަށް ބެލެވޭ ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމުން މިދިޔަ އަހަރު ރަނގަޅު އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައި. އެހެންވެ، މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރި. މިއީ ވެސް ސަބަބެއް ރާއްޖެއާ މެދު ކްރެޑިޓް ރޭޓިން ކުންފުނި ތަކުން އިތުބާރު ބޮޑުވުމުގެ ސަބަބެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
ރޭޓް ކުރުމުން ލިބޭ ފައިދާއަކީ ކޮބާ؟
ސުވާލަކީ ކޮންމެ އަހަރަކު ރޭޓިން ނެރެމުންދާއިރު މީގެ ސަބަބުން ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މީގެ ފައިދާއެއް މިހާރު ފެނޭ ހެއްޔެވެ؟ ރޭޓިންގައި ބަލަނީ ކޮން ކަންތަތަކަށް ހެއްޔެވެ؟ މިއީ އިގްތިސާދެއް މިންކުރާ އިރު ކޮންމެހެން ވެސް އެނގެން ޖެހޭ މައުލޫމާތެވެ. އެ މައުލޫމާތުތައް ދެނެގަންނަމާ ހިނގާށެވެ.
ކްރެޑިޓް ރޭޓިންގައި ބަލާ ކަންތައްތައް:
- ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތު
- އިޤްތިސާދީ ދުޅަހެޔޮކަން
- ދައުލަތުގެ އިދާރީ ނިޒާމުގެ ހަރުދަނާކަން
- ސިޔާސީ މާހައުލުގެ ހަމަޖެހުން
ރޭޓިންއަކީ އިގްތިސާދުގެ ބޮޑު މަންޒަރު އިންވެސްޓަރުންގެ މޭޒުމައްޗަށް ގެންގޮސްދޭ އެއްޗެކެވެ. މި ރޭޓިން ރަނގަޅުވާނަމަ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެންދާނެ އެވެ. މި ޔަގީންކަމުގެ ސަބަބުން ހަމައެކަނި އިންވެސްޓްކުރަން އަންނާނީ ސަރުކާރުގެ މަޝްރޫއުތަކަށް އެކަންޏެއްވެސް ނޫނެވެ. ޕްރައިވެޓް ސެކްޓާއަށް މީގެން ފައިދާތަކެއް ލިބޭނެ އެވެ. ސުވާލަކީ ކްރެޑިޓް ރޭޓިންއިން
ޕްރައިވެޓް ސެކްޓާއަށް ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ވަރަށް ކުޑަ މިސާލެކެވެ. ރާއްޖޭގެ ޓޫރިޒަމަށް ބަލާއިރު ދުނިޔޭގެ ނަން މަޝްހޫރު ހުރިހާ ބްރޭންޑެއް އިންވެސްޓްކޮށްގެން އެބަތިއްބެވެ. އަދި މިހާރު ތިބި އިންވެސްޓަރުންގެ ވިޔަފާރި ދަނީ ފުޅާ ކުރަމުންނެވެ. ސުވާލަކީ އިގްތިސާދާމެދު ޔަގީންކަމެއް ނެތްނަމަ މިލިއަން، މިލިއަން ޑޮލަރުން ފައިސާ އަޅާނެ ހެއްޔެވެ؟
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި ކްރެޓިޑް ރޭޓިންއަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ހެވެކެވެ.
"މިއީ ރާއްޖޭގެ މުސްތަގުބަލަކަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް. ކްރެޑިޓް ރޭޓިންގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ޔަގީންކަމެއް ލިިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ތިން ވަނަ ފަރާތެއް މެދުވެރިކޮށް ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލުގެ މުހިންމު މައުލޫމާތުތައް ދުނިޔެ އަށް އާއްމު ކުރަން ފެށުން، ވެގެން ގޮސްފައިމިވަނީ ރާއްޖޭގެ ވިޔަފާރީގެ މުޅި މާހައުލުގައި ތިބި ފަރާތްތަކާއި ބޭރުގެ ބްރޭންޑްތަކުގެ އިތުބާރު ބޮޑު ވެގެންދާނެ ކަމަށް މާހިރު ގަބޫލު ކުރެ އެވެ.
ރާއްޖެ އާއި ބޭރުގައި ރިސޯޓު މަޝްރޫއުތައް ހިންގާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވެފައިވާ ގޮތުގައި ރޭޓިންގެ ސަބަބުން ހީނުކުރާ ވަރުގެ ފައިދާ އިގްތިސާދަށް ކުރާނެ އެވެ.
"މި [ރޭޓިން] ކަމަކީ އަޅުގަނޑުމެން ނުހަނު އެދި އެދި ތިބި ކަމެއް. މިއީ އަދި ފެށުމެއް މި ކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު މިހާރަށްވުރެ ވެސް ބޮޑު ވާނެ،" ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.
އަވަށްޓެެރިންނާ ކައިރީގައި
ރާއްޖެ އަށް މިހާތަނަށް ދީފައިވާ ރޭޓިން ބުނެދެނީ ރާއްޖޭގައި އިންވެސްޓުކުރުމުގައި ކޮންމެ ވެސް ވަރެއްގެ ރިސްކެއް އޮތް ނަމަވެސް ޖުމްލަ ގޮތެއްގައި ގައުމުގެ ހާލަތު ރަނގަޅު ކަމެވެ. އެހެންވެ ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި އިގްތިސާދުތައް ހިމެނޭ މި ރޭޓިން ރާއްޖެ އަށް ދިނުމުގެ އެއް ސަބަބަކީ މިއީ އެވެ. ރޭޓިން އަށް ބަލާއިރު މި ސަރަހައްދުން އެންމެ ކުރީގައި އުޅެނީ އިންޑިޔާ އާއި ސްރީލަންކާ އެވެ. އިންޑިޔާ އުޅެނީ އިންވެސްޓްމަންޓަށް އެންމެ ފަހި "ބީއޭއޭ 3" ރޭޓިންގަ އެވެ. އަދި ސްރީލަންކާގެ މިދިޔަ އަހަރުގެ ރޭޓިންއަކީ "ބީޕްލަސް" އެވެ. ދެން އޮތީ މި މަސައްކަތުގެ އެންމެ ބުރަ ބައެވެ. އެއީ މިހާރު ލިބިފައިވާ ރޭޓިން ދެމެހެއްޓުމެވެ. ސުވާލަކީ މި ރޭޓިން ދަމަހައްޓަން ކުރަން ޖެހޭނީ ކޮން ކަމެއް ހެއްޔެވެ؟
އިގްތިސާދީ މާހިރުން ދެކިލައްވާ ގޮތުގައި ކްރެޓިޑް ރޭޓިން ދަމަހައްޓަން ބޭނުންނަމަ ރޭޓިންދޭ ކުންފުނީގެ އިރުޝާތުތައް ފޮލޯކުރަން ޖެހެއެވެ. އެހެންނޫނީ ރޭޓިން ބަދަލުވުމުގެ ޗާންސް އޮންނާނެ އެވެ. މިހާތަނަށް ނެރުނު ދެ ރޭޓިންގައިވެސް ރާއްޖޭގެ ހަމަޖެހުން މުހިންމު ކަމަށް ބުނެފައިވެ އެވެ. އަދި ދަރަނި މާ މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ލަފާދީފައިވެ އެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ މަޝްރޫއުތައް ހިންގަން ޖެހިފައި މި އޮތީ ވަރަށް ވިސްނައިގެން އެވެ. އަދި ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް ގައުމުގެ ހަމަޖެހުމަށް ވެސް މި އޮތީ ވިސްނަން ޖެހިފަ އެވެ.