ހަބަރު

އަދީބާ ބައްދަލެއް ނުވޭ، ގެންގުޅެނީ ތަފާތުކުރުން: ވަކީލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަކީލުންގެ ބައްދަލުވުންތައް ނުދޭ ކަމަށް ވިދާޅުވެ، އޭނާގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދީބަށް ވަކީލް ބައްދަލުވުން ހޯދަން ވަކި އިޖުރާއަތަކަށް އަމަލުކުރަން ޖެހިފައިވާ ކަމަށް ވަކީލުން ވިދާޅުވެ އެވެ.

އަދީބުގެ ވަކީލް މޫސާ ސިރާޖު ވަނީ އެކަމުގެ ކަންބޮޑުވުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއާ ހިއްސާ ވެސް ކުރައްވާފަ އެވެ. ސިރާޖު ފޮނުއްވި ސިޓީއެއްގައިވާ ގޮތުން މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން އަދީބަށް ވަކީލުންގެ ބައްދަލުވުމެއް ނުލިބެ އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ފުރަތަމަ ވަކީލުންގެ ބައްދަލުވުން ހުއްޓާލީ ބައްދަލުކުރަން އެދޭ ގަޒިއްޔާއަކީ މިހާރު ނިމި ހުކުމް ތަންފީޒުކުރަމުންދާ ގަޒިއްޔާއެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެ ގަޒިއްޔާއަކީ ހައިކޯޓުގައި އިސްތިއުނާފުކޮށް މިހާރު ވެސް ކުރިއަށްދާ ގަޒިއްޔާއެއް ކަމަށް ސިރާޖު ވިދާޅުވި އެވެ.

ވަކީލް ބައްދަލުވުން ނުދިނުމަށް ދެވަނަ އުޒުރެއްގެ ގޮތުގައި ދައްކާފައިވަނީ ބައްދަލުވުމަށް އެދޭ ފޯމްގައި ވަކީލް އިބްރާހިމް ޝިޔާމްގެ ނަން އޮތުންކަން ސިރާޖު ފާހަގަކުރެއްވި އެވެ. އެއީ އަދީބުގެ ވަކީލުންގެ ލިސްޓްގައި ޝިޔާމްގެ ނަން ހިމެނިފައިނުވާ ކަމަށް ބުނެ އެވެ. ނަމަވެސް ޝިޔާމްއަކީ ފެށުނީންސުރެ ސިރާޖާއެކު އަދީބުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ކުރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ވެސް ވަޑައިގެންނެވި ވަކީލެކެވެ. އަދި މީގެކުރިން ވަކީލްގެ ބައްދަލުވުންތަކުގައި ޝިޔާމް ބައިވެރިވި ކަމަށާއި އޭނާގެ ނަން ވަކީލުންގެ ލިސްޓްގައި ނޯޓްކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ދެން އުޒުރެއްގެ ގޮތުގައި ދެއްކީ، ބައްދަލުވުން ދެވޭނީ މައްސަލަ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ކަމުގެ ލިޔުމާއި ވަކީލުން އައްޔަން ކުރެވިފައިވާ ލިޔުން ދެއްކުމުން ކަމަށެވެ. ނަމަވެސް އެފަދަ ލިޔުމަކީ ކޯޓުން އެއްވެސް އިރެއްގައި ދޫކުރާ ލިޔުމެއް ނޫން ކަމަށް ސިރާޖު ވިދާޅުވި އެވެ. އަދި އެ ލިޔުމަކީ އެހެން އެއްވެސް ގައިދީއަކު ހުށަހަޅަންޖެހޭ ލިޔުމެއް ނޫންކަން ފާހަގަކުރެއްވި އެވެ.

ސިރާޖު ވިދާޅުވީ، މައްސަލަތަކަށް އައްޔަން ނުވެ ޝަރީއަތަށް ވަޑައިނުގަންނަވާ ވަކީލުންނަށް ވެސް ގައިދީންއާ ބައްދަލުކުރެވޭ ކަމަށާއި ނަމަވެސް އަދީބާ އެގޮތަށް ބައްދަލުނުކުރެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އެހެންވެ ސިރާޖު ވަނީ އަދީބަށް ވަކީލުންގެ ބައްދަލުވުން ހޯދުމުގައި ހާއްސަ އުސޫލަކަށް އަމަލުކުރަންޖެހޭ ސަބަބާއި އެހެން ގައިދީންނާ ތަފާތުކުރުން އަދީބާމެދު ގެންގުޅެނީ ކީއްވެގެންތޯ ސާފުކޮށްދިނުމަށް ވަނީ އެދިފަ އެވެ. އަދީބު މިހާރު ވެސް ޖަލުގައި ހުންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދިވެސް އޭނާގެ ބައެއް މައްސަލަތައް ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު ހައިކޯޓަށް ވެސް މައްސަލަތަކެއް ވަނީ ވައްދާފަ އެވެ.