އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުއާ ދެކޮޅަށް ހެކި ބަސް ދެއްވާފައިވާ ދަށު ކޯޓުގެ ދެ ގާޒީންނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބައެއް ކަމަށް ދެ ފަނޑިޔާރުންގެ ވަކީލުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ. އެ ދެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެ އެއް އަހަރާއި ހަތް މަހުގެ ޖަލުގެ ހުކުމެއް ދެ ފަނޑިޔާރުނަށް ވަނީ އައިސްފަ އެވެ.
ހައިކޯޓުގައި މިއަދު ވަނީ ދެ ފަނޑިޔާރުން ހުށަހެޅި އެ މައްސަލާގެ އިސްތިއުނާފު އަޑުއެހުންތައް ފަށާފަ އެވެ. އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ. ފުރަތަމަ ބޭއްވީ އުއްތަމަ ފަނޑިޔާރުގެ އަޑުއެހުމެކެވެ. އުއްތަމަ ފަނޑިޔާރުގެ ފަރާތުންނާއި ފަނޑިޔާރު އަލީ ހަމީދުގެ ފަރާތްޕުޅުން ވެސް ހުށަހެޅުއްވީ އެއް ނުކުތާތަކެވެ. އެގޮތުން 15 ނުކުތާއެއް ފާހަގަކުރައްވާފައިވެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލް ހިސާން ހުސެއިން ނުކުތާތަކުގެ ތަފްސީލް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ، މައްސަލާގައި ސިއްރުން ހެކި ބަސް ދެ ގާޒީންގެ ހެކި ބަހަށް އެކަނި ރިޔާއަތްކޮށް އެ މައްސަލާގައި ހުކުމް އިއްވާފައިވަނީ ހައިކޯޓުން މީގެކުރިން ނިންމާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެ ގާޒީންނަކީ މައްސަލާގައި އަނިޔާ ލިބުނު ދެ މީހުން ކަމަށާއި ހަމައެކަނި އެ ދެ މީހުންގެ ހެކި ބަހަށް ރިޔާއަތްކޮށް މައްސަލަ ނުނިންމޭނެ ކަމަށެވެ.
ގާޒީންނަށް ނުފޫޒު ފޯރުވުމަކީ ޖިނާއީ ކުށެއް އޭގައި ހިމެނޭ ކަމަކަށްވާއިރު މީގެކުރިން އެ ދެ ގާޒީން ފަނޑިޔާރުން ނުފޫޒު ފޯރުވާ ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް އިދާރާއަކަށް ހުށަހަޅާފައިނުވާކަން ހިސާން ފާހަގަކުރެއްވި އެވެ. ހިސާން ވިދާޅުވީ، އެ ދެ ގާޒީން ޝަކުވާ ހުށަހަޅާފައިނުވަނީ އެ މައްސަލަ ހުށަހެޅިޔަސް ކުރިއަށް ނުދާނެކަން އެނގޭތީ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި މައްސަލަ އުފަންވީ ދެ ގާޒީން ދެއްވި ބަޔާނަކާ ހިސާބުން ކަމަށާއި އެ ބަޔާންތަކަށް ބާރު ލިބޭ އެހެން ހެކިތައް މައްސަލާގައި ހުށަހަޅަންޖެހޭނެ ކަމަށެވެ.
ފަނޑިޔާރު އަލީ ހަމީދުގެ ވަކީލް އަބްދުﷲ އަހުމަދު އަފީފް ނުކުތާތަކުގެ ތަފްސީލް ވިދާޅުވެ ދެއްވަމުން ވިދާޅުވީ، މައްސަލާގައި ކުއްލިއަކަށް ގާޒީން ބަޔާން ދިނުމުން އެ ގާޒީންގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ. އެ ދެ ގާޒީން ފަނޑިޔާރުންގެ ނުފޫޒަށް ކަންކަން ކޮށްފައިވާނަމަ އެއީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމެއް ކަމަށް ގާޒީ ހުކުމްގައި ކަނޑައަޅުއްވައި އެ ގާޒީންގެ ހެކި ބަސް ގަބޫލުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
އަބްދުﷲ ވެސް ވިދާޅުވީ، މައްސަލަ އުފަންވީ އަދި ބިނާވަނީ ގާޒީން ދިން ބަޔާނަށް ކަމަށްވާއިރު އެ ގާޒީން ބަޔާނުގައި ބުނެފައިވަނީ ތެދެއްކަން ކަށަވަރުކުރަން އިތުރު ހެކި ފުލުހުން ހޯދަން ޖެހޭނެ ކަމަށެވެ. މީހަކު އޭނާ ގައިގާ ޖަހައިފިއޭ ކިޔާފަ ފުލުހަށް ޝަކުވާ ހުށަހެޅުމުން އޭނާގެ ހެކި ބަސް އެކަނި ނަގައިގެން އެ މައްސަލާގައި ކުށް ސާބިތުނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ވަކީލުން އިތުރަށް ވިދާޅުވި ގޮތުގައި، ހެކިވެރިޔާ އެކެއް ހެކި ބަސް ދެމުން އޭނާ އަމުރުތައް ނެރެފައިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގެވި ގޮތަށް ނޫން ކަމަށް ބުނެފައިވާ ކަމެވެ. ނަމަވެސް ހުކުމްގައި އެކަމަށް ރިޔާއަތްނުކޮށް ރިޔާއަތްކޮށްފައިވަނީ ހެކިވެރިޔާ ދީފައިވާ ތަހުގީގު ބަޔާނަށް ކަމަށެވެ. ބަޔާނުގައި އަމުރުތައް ނެރުނީ ނުފޫޒުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ ބަޔާން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިނުވާއިރު އަދި އެ ބަޔާނާ ހިލާފަށް ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސް ދިންއިރު އެ ބަޔާނަށް ރިޔާއަތް ކުރެވޭނެ ހަމައެއް ގާޒީއަށް ނޯންނާނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
އެ ގާޒީންނަކީ އެ ގާޒީންގެ ހުވާ ހިލާފުވެ، ގާޒީންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ މިންގަނޑުތައް ނެތް ގާޒީންނަށްވާއިރު އެ ގާޒީން ބުނެފައިވަނީ ތެދުކަން ކަށަވަރުކުރި ގޮތެއް ހުކުމްގައި ބަޔާން ނުކުރާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެ ގާޒީންނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ގާޒީން ކަމަށާއި އެހެންކަމަށްވާއިރު އެފަދަ ހެކި ބަސް ޝަރީއަތަށް ގަބޫލުކުރެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވަކީލް ހިސާން ވިދާޅުވީ، ހެކިވެރިޔާ އެކެއް ވެސް އަދި ހެކިވެރިޔާ ދެއަކަށް ވެސް ހާދިސާގެ މައުލޫމާތު ކަށަވަރު ނުވާ ކަމަށެވެ. އެއީ ހެކިވެރިޔާ އެކެއް ހެކި ބަސް ދެމުން ބުނެފައިވަނީ އޭނާއަށް އުއްތަމަ ފަނޑިޔާރު ގުޅާފައިވަނީ އެކެއް ފެބުރުއަރީގެ ފަހުން ކަމަށާއި އޭގެ ކުރިން ގުޅާފައިނުވާ ކަމަށެވެ. އަދި ގުޅާފައިވަނީ އުއްތަމަ ފަނޑިޔާރުގެ ފޯނުން ކަމަށް ނުވާއިރު އެއީ އުއްތަމަ ފަނޑިޔާރުކަން ސީދާ ޔަގީންކަމާއެކު ހެކިވެރިޔާ އެކަކަށް ބުނަން އެނގޭނެ ގޮތެއް ނޯންނާނެކަން ވެސް ފާހަގަކުރެއްވި އެވެ. އެހެންކަމަށްވާއިރު އެ މައްސަލާގައި ހެކި ބަސް ދީފައިވަނީ ކަށަވަރު ކަމެއް ނެތް މައުލޫމާތުތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ހެކި ބަހަކީ ގަބޫލު ކުރެވޭ ގޮތާ ގުޅޭ ގޮތުން ދޭ އެއްޗެއް ނޫން ކަމާއި އެއީ ފެންނަ ފެނުމެއް ނުވަތަ އިވޭ އަޑެއްގެ މައްޗަށް ދޭ އެއްޗެއްކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރަށް ހިސާން ވިދާޅުވި ގޮތުގައި އެ މައްސަލައަކީ ކުރިމިނަލް ކޯޓަށް ބެލޭނެ މައްސަލައެއް ވެސް ނޫނެވެ. އެއީ އެ މައްސަލާގައި ނުފޫޒު ފޯރުވާފައިވަނީ ކުރިމިނަލް ކޯޓުގެ ގާޒީންނަށް ކަމަށް ބުނާއިރު އަދި މައްސަލާގައި ހުށަހަޅާފައިވާ އަމުރުތަކަކީ ވެސް އެ ކޯޓުގެ ގާޒީން ނެރެފައިވާ އަމުރުތަކަށްވާއިރު އޭގައި ވަރަށް ބޮޑަށް މަސްލަހަތު ފުށު އަރާ ކަމަށެވެ. މިސާލެއް ވެސް ހިސާން ދެއްކެވި އެވެ. އެއީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަޒްފުކުރި މައްސަލައެއް އެ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުން ސުޕްރީމް ކޯޓުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ސިޓީއެއް ފޮނުވާ އެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން އެންގި ހާދިސާ އެވެ. އެގޮތަށް އެންގީ އެ މައްސަލާގައި އަނިޔާ ލިބުނު ފަރާތަކީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށްވެފައި މައްސަލާގައި ހެކި ބަސް ދޭން ތިބީ ވެސް އެ ކޯޓުގެ ގާޒީން ކަމަށްވާތީ އެވެ.
މައްސަލަ ބެއްލެވި ގާޒީ ހުސެއިން ޝަހީދު ނެރުއްވާފައިވާ އަމުރުތަކެއް ވެސް މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާއިރު އެ މައްސަލަ އެ ގާޒީއަށް ބެއްލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. ނަމަވެސް މައްސަލައިން ގާޒީ ތަނާޒަލްނުވިކަން ފާހަގަކުރެއްވި އެވެ.
ދައުވާގައި ފުރިހަމަ ވާން ޖެހޭ ކަންކަން ފަދަ، ހާދިސާ ހިނގި ގަޑި އާއި ތާރީހު ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ދައުވާ ފޯމްގައި ޕްރޮސިކިއުޓާ ޖެނަރަލް ނޫން ފަރާތެއް ސޮއިކުރައްވާފައިވާއިރު އެއީ ހުއްދަ ދީފައިވާ ފަރާތެއްކަން ދައުވާ ފޯމްގައި ބަޔާންކޮށްފައިނުވާކަން ވެސް ފާހަގަކުރެއްވި އެވެ.
އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ޖެހުނުއިރު މިއަދު އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ތަފްސީލްކޮށް ދެވުނީ 15 ނުކުތާގެ ތެރެއިން އަށް ނުކުތާ އެވެ. އަލީ ހަމީދުގެ ފަރާތްޕުޅުން ތަފްސީލްކޮށް ދެވުނީ 11 ނުކުތާ އެވެ. ބާކީ ހުރި ނުކުތާތައް ހުށަހެޅުމަށާއި ދައުލަތުން ޖަވާބު ހުށަހެޅުމަށް އެހެން އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ.