އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ދެވަނަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ. މައްސަލާގެ އަޑުއެހުންތައް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ދެ ބޭފުޅުންނަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ސާބިތުވެގެނެވެ.
ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދެ ބޭފުޅުންގެ ފަރާތުން ވެސް ވަނީ އިސްތިއުނާފުކުރުމަށް 15 ނުކުތާއެއް ފާހަގަކުރައްވާފަ އެވެ. އެ އަޑުއެހުމުގައި އޭގެ ތެރެއިން ބައެއް ނުކުތާތައް ތަފްސީލްކޮށްފައިވެ އެވެ. މާދަމާ އޮންނަ އަޑުއެހުމުގައި އޮންނާނީ ބާކީ ހުރި ނުކުތާތައް ތަފްސީލްކުރުމާއި ދައުލަތުން ޖަވާބުދާރީވުމެވެ. ދެ ފަނޑިޔާރުންގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ.
އިސްތިއުނާފު މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވާ ބެންޗަކުންނެވެ. ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.
ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.