ހަބަރު

ޕީޕީއެމް މެންބަރުން ވިދާޅުވަނީ "ބޮޑާ ކަމެއް ނެތް" ކަމަށް

ރިޔާސީ އިންތިހާބުގެ އަހަރުކަމުން ކެމްޕެއިންގެ މޮޅު އުކުޅުތައް ފެންނާނެކަން އެއީ ޔަގީންވާ ކަމެކެވެ. ހުރިހާ ޕާޓީތަކެއްގެ ވެސް ކެމްޕެއިން ޓީމްތައް މިހާރު ރަށްރަށަށް ދަތުރުކުރަމުންދާއިރު ތަފާތު ފޮޓޯތައް ދަނީ ހިއްސާކުރަމުންނެވެ. މިކަމުގައި ޕީޕީއެމްގެ މަޖިލިސް މެންބަރުން އުޅުއްވަނީ ވަރަށް ކުރީގަ އެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޕްރޮމޯޓް ކުރައްވަން ވިދާޅުވަމުން ގެންދަވަނީ "އެންމެ ގާތުން" ރައްޔިތުންގެ ހާލު ބައްލަވަމުންދާ ކަމަށެވެ. އަދި އެއްވެސް ބޮޑާ ކަމެއް ނެތް އެ މެންބަރުންގެ ނެތް ކަމަށް ވެސް އަމިއްލައަށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު އިތުރުން އެހެން މެންބަރުންތަކާއެކު ރަށެއްގެ މަގުމަތީ ބޮޑުވެފައި އޮތް ފެންގަނޑެއްގެ މެދުގައި ކުޑައެއް އަޅުއްވައިގެން ނަންގަވާފައިވާ ފޮޓޯއަކާ އެއްކޮށް ވިދާޅުވަނީ، "ބޮޑާ ކަމެއް ނެތި ރައްޔިތުންގެ އަރިހަށް" ކަމަށެވެ.

ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް މިހާރު އުޅުއްވާ ރީކޯ މޫސާ މަނިކު ރަށު ޕިކަޕެއް، އެހެން މެންބަރުންތަކެއް އަރުވައިގެން ދުއްވާ ފޮޓޯއަކާއި އަންހެނުންތަކަކާއެކު ގުޅަ ހަދަން އިންނަވާ ތަން ފެންނަ ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދިގެ މިފަދަ ފޮޓޯތަކެއް ވެސް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރެއްވި އެވެ. އިންސްޓަގްރާމް ސްޓޯރީއަށް މިނިސްޓަރު ސައީދު ލެއްވީ ރަށެއްގައި ބޮޑުވެފައި އޮތް ފެންގަނޑެއް ހުރަސް ކުރެއްވުމަށް މިނިސްޓަރު މަސައްކަތް ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

މިފަދަ މަންޒަރުތައް އިންތިހާބު ގާތްވި މިންވަރަކުން އިތުރުވަމުންދާނެ އެވެ. ކޮންމެ ބަޔަކު ވެސް އެ ބަޔަކީ ރައްޔިތުންނާ އެންމެ ގާތް މީހުންކަން ދެއްކުމަށް މަސައްކަތް ކުރަމުންދާނެ އެވެ.