ހަބަރު

އަލީ ވަހީދު އިހްތިޔާރު ކުރި މަގުން ކާމިޔާބީއަށް އެދެން: އެމްޑީޕީ

މިއަދު އެމްޑީޕީއިން ވަކިވެވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދަށް އަބަދުވެސް އެދެނީ ކާމިޔާބީއަށް ކަމަށް އެ ޕާޓީން ބުނެފި އެވެ. އަލީ ވަހީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށެވެ.

އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލީ ވަހީދު އެ ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އޭނާ އިހްތިޔާރު ކުރެއްވި މަގުން ކާމިޔާބު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަންގެ ޓްވީޓް

އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި އަލީ ވަހީދު އެ ޕާޓީގެ މަސައްކަތްތަކުން ދުރަށްޖެހިވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު އެމްޑީޕީއިން މަސައްކަތްކުރަން ފެށި ހިސާބުންނެވެ. އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މޭޑޭގެ މުޒާހަރާއަށްފަހު އޭނާ ހައްޔަރުކޮށް ދޫކޮށްލުމުންނެވެ.

އަލީ ވަހީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އެމްޑީޕީއަށް އަލީ ވަހީދު ގުޅިވަޑައިގެންނެވީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެފަހުން އަލީ ވަހީދަކީ އެމްޑީޕީގެ ކުރީ ސަފުގައި އުޅުއްވި ބޭފުޅެކެވެ. އެމްޑީޕީގެ އިސް ބޭފުޅަކު ޖުމްހޫރީ ޕާޓީއަށް ބަދަލުވިއިރު އެ ދެ ޕާޓީން މަސައްކަތް ކުރަމުން ދަނީ އެއް އިއްތިހާދެއްގެ ތެރޭގަ އެވެ.

އެމްޑީޕީއިން ވަކިވެވަޑައިގަންނަވަމުން މިއަދު އަލީ ވަހީދު ވިދާޅުވެފައިވަނީ، "ލޯބިވާ އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންނަށް ހިތުގެ އިހްލާސްތެރި ޝުކުރު ދަންނަވާ،" ކަމަށެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިވަގުތު ވަކިވެލީ، އެހެނަސް އަޅުގަނޑުމެންފެ ހިތާ ހިތުގެ ގުޅުމެއް ނުފޮހެވޭނެ،" އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.