ހަބަރު

އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދު ދާދިދެންމެއަކު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ. އަލީ ވަހީދު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވީ އެމްޑީޕީއިން ވަކިވެވަޑައިގަތުމަށްފަހު އެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ޖަރުމަނު ވިލާތުގައި ކުރިން ރިކޯޑް ކުރުމަށް ފަހު މިރޭ ވީޓީވީން ދެއްކި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ މަނިކުފާނުގެ އެޑްވައިޒާ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި އަލީ ވަހީދު އެ ޕާޓީގެ މަސައްކަތްތަކުން ދުރަށްޖެހިވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު އެމްޑީޕީއިން މަސައްކަތްކުރަން ފެށި ހިސާބުންނެވެ. އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މޭޑޭގެ މުޒާހަރާއަށްފަހު އޭނާ ހައްޔަރުކޮށް ދޫކޮށްލުމުންނެވެ.

އަލީ ވަހީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އެމްޑީޕީއަށް އަލީ ވަހީދު ގުޅިވަޑައިގެންނެވީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެފަހުން އަލީ ވަހީދަކީ އެމްޑީޕީގެ ކުރީ ސަފުގައި އުޅުއްވި ބޭފުޅެކެވެ. އެމްޑީޕީގެ އިސް ބޭފުޅަކު ޖުމްހޫރީ ޕާޓީއަށް ބަދަލުވިއިރު އެ ދެ ޕާޓީން މަސައްކަތް ކުރަމުން ދަނީ އެއް އިއްތިހާދެއްގެ ތެރޭގަ އެވެ.

އެމްޑީޕީއިން ވަކިވެވަޑައިގަންނަވަމުން މިއަދު އަލީ ވަހީދު ވިދާޅުވެފައިވަނީ، "ލޯބިވާ އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންނަށް ހިތުގެ އިހްލާސްތެރި ޝުކުރު ދަންނަވާ،" ކަމަށެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިވަގުތު ވަކިވެލީ، އެހެނަސް އަޅުގަނޑުމެންފެ ހިތާ ހިތުގެ ގުޅުމެއް ނުފޮހެވޭނެ،" އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.