ހަބަރު

އަޑޭއާއެކު އެމްޑީޕީ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރި އަސްހަދު އަލީ (އަޑޭ) ޖުމްހޫރީ ޕާޓީއަށް ގުޅިއްޖެ އެވެ. އަޑޭ މީގެ ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުނެވެ. އޭނާއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ރައީސެވެ.

އަޑޭއަކީ އެމްޑީޕީގެ ކުރީ ޗެއާޕާސަން އަލީ ވަހީދުގެ ގާތް ކުޅުންތެރިޔެކެވެ. އަލީ ވަހީދު ވެސް މިރޭ ވަނީ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފަ އެވެ. އަޑޭ އާއި އަލީ ވަހީދުގެ އިތުރުން ވެސް އެމްޑީޕީގެ އެހެން ބައެއް މެންބަރުން ވެސް މިރޭ ޖުމްހޫރީ ޕާޓީއަށް ގުޅުނެވެ.

އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ހަސަން ސުޖާއު އާއި އއ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ސަމީރާއި އެމްޑީޕީގެ މެންބަރު މުހައްމަދު ޝައްފާޒާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މަތިވެރި ދާއިރާގެ ރައީސް މުހައްމަދު ސަމީރު ވަނީ ސޮއިކޮށްފަ އެވެ. އޭގެއިތުރުން ވަކީލާ ހަނީފާ ހާލިދު ވެސް މިރޭ އެ ޕާޓީއާ ވަނީ ގުޅިފަ އެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ވަނީ "ހޭވައްލާ ޖޭޕީ" ގެ ނަމުގައި ކެމްޕެއިނެއް ފަށާފަ އެވެ. އެ ކެމްޕެއިން ފަށެމުގެ ގޮތުން ޕާޓީއާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.