ހަބަރު

ޔާމީނާއެކު ނުހުންނާނަމޭ ވެސް ހުންނާނަމޭ ވެސް ނުބުނާނަން: ގާސިމް

ރައީސް އަބްދުﷲ ޔާމީންއާއެކު ނުހުންނާނެ ކަމަށް ވެސް އަދި ހުންނާނެ ކަމަށް ވެސް ވިދާޅުނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖަރުމަންވިލާތުގައި މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ޕާޓީއަކީ މާފުކުރާ އަދި މަޝްވަރާގެ މަތިން ކުރިއަށްދާ ޕާޓީއެއް ކަމަށެވެ. އެހެންވެ ކަންކަން އިސްލާހު ކުރައްވައިފިނަމަ ރައީސް ޔާމީންއާއެކު ހުންނެވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ރައީސްއޭ، އަނިޔާވެރިކަމަށް ކާމިޔާބެއް ނުލިބޭނެ، އެންމެންނަށް ފުރުސަތު ދެއްވައި ގާނޫނު އަސާސީގައިވާ ފުރުސަތުތައް ދެއްވައި ނާއިންސާފުން ކަންކަން ނުކުރައްވައި ހައްގުގަ މަސައްކަތް ކުރައްވާ، އަޅުގަނޑު މަނިކުފާނާއެކު ނުހުންނާނެކަން ކިހިނެއްތޯ އެނގިވަޑައިގަންނަވަނީ، އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ހުންނާނަމެކޭ ވެސް ނޫން، އަޅުގަނޑު މި ދަންނަވަނީ ނުހުންނާނަމެކޭ ވެސް ނޫން، އެކަމަކު މިއޭ އަޅުގަނޑު ސިޔާސީ މައިދާނުގަ މިކުރާ މަސައްކަތަކީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ދެވަނަ ވިސްނުމަކަށްދާ ޕާޓީއެއް ކަމަށެވެ. އެހެންވެ މިހާރު ވެސް އެދިވަޑައިގަންނަވަނީ ރައީސް ޔާމީން އިންސާފުން ކަންކަން ކުރެއްވުން ކަމަށެވެ. އޭރަށް އެ ޕާޓީން ދެވަނަ ވިސްނުމަކަށް ގޮސްދާނެ ކަމަށެވެ. ސިޔާސީ ފަރާތްތަކަށް އިންސާފު ހޯދުމަށް ޝަރީއަތްތައް ދަރުބާރުގޭގައި ބާއްވައިގެން ވިޔަސް 15 ވަރަކަށް ދުވަސް ތެރޭގައި އެކަން ނިންމުމަށް ގާސިމް އެދިވަޑައިގަތެވެ. އަދި އިންތިހާބުގައި ވާދަ ކުރައްވަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ދެއްވައި، އިންތިހާބުގައި ވާދަކުރުމަށް ވެސް ރައީސް ޔާމީނަށް ގޮވާލެއްވި އެވެ.

މިހާރު ރައީސް ޔާމީންގެ އަމަލުފުޅުތައް ހުންނެވި ގޮތުން އެމަނިކުފާނަށް ކާމިޔާބީއެއް ނެތް ކަމަށާއި އަނިޔާވެރިކަމަށް ދުވަހަކު ވެސް ކާމިޔާބީއެއް ނުލިބޭނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ. ގާސިމް ވަނީ ރައީސް މުހައްމަދު ނަޝީދާއި މައުމޫން އަބްދުލް ގައްޔޫމާއި ކާނަލް މުހައްމަދު ނާޒިމާއި ފާރިސް މައުމޫނާއި އިމްރާން އަބްދުﷲ ފަދަ ބޭބޭފުޅުންނަށް ރައީސް ޔާމީން އަނިޔާ ދެއްވަމުންދާކަން ފާހަގަކުރައްވާފަ އެވެ.

"ވެރިކަމަށް ކުރިމަތިލާފާނެ ކަމަށް ހީވިޔަސް ޖަލުގަ، ދެ ނައިބު ރައީސުން ޖަލުގަ، ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއް ވިއްޔާ ބޮޑަށް ޖަލުގަ، ކާނަލް ނާޒިމް އެހެނުންނެވީ އެމަނިކުފާނު ކުރެއްވި ކުށަކުންތޯ، އިހުލާސްތެރިކަމާއެކު ވިދާޅުވެ ދެއްވާ، ކޮން ފަދަ އަނިޔާއެއްތޯ އެއީ އެ ގޮޅީގަ، ފިކުރު ކުރައްވަބަލަ، ހުވާގައި އޮތީ ރައްޔިތުންގެ ހައްގުތައް އިހްތިރާމް ކުރައްވައި، މައުމޫން އެ ހުންނެވީ ކުށެއް ކޮށްގެންތޯ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ކުނި ފުކެއްގެ މިންވަރަށް ވެސް ރައީސް ޔާމީންގެ އިހްސާންތެރި ކަމެއް ނެތް ކަމަށެވެ. ރައީސް މައުމޫންއާމެދު އަމަލު ކުރައްވާ ގޮތުން އެކަން ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ. ރައީސް ޔާމީންގެ ވިސްނުންފުޅުގައި މައްސަލަތަކެއް އުޅޭ ކަމަށް ވެސް ވިދާޅުވި އެވެ. ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށާއި ދެމުން ދަނީ އަނިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައިގަ އަތް ނުލާ އަތްދޮއޭ އެ ކިޔަނީ، އީސީގެ ބަޔާން، ޕްރައިމަރީގައި ނަޝީދު ވާދަކުރި، ސުޕްރީމް ކޯޓަށް ހުށަހެޅީ، ކުކުޅަށްވުރެ ބިސް ތޮށި ނުވޭ، އެއީ ތިބޭފުޅުންގެ ކަމެއް ނޫނޭ، ނަޝީދަސް ގާސިމަސް މައުމޫނަކަސް ފައިސާލާކުރެވުނަވި ގޮތެއް ނިންމަންޖެހޭނީ އިންސާފުވެރިކޮށް

"ހެޔޮ ނުވާނެ ތިގޮތަށް ކަން ކުރައްވަން، އިހްސާންތެރި ވެވަޑައިގަންނަވާށޭ، ޓެރަރިޒަމްގެ ދައުވާ މި ކުރަނީ ކޮންމެ މީހަކަށް އެ ދައުވާ ކުރާނެ ތަނެއް ނެތް، ހެކި ހަދައިގެން ސިއްރުކޮށްގެން، ކާކު ރިލީޒްކޮށްގެން އުޅޭ އެއްޗެއްތޯ މި ސިއްރު ހެއްކަކީ، މިވަރުގެ ބޮޑު ޖިނާއީ މައްސަލައެއްގައި ސިއްރު ހެކި ބަސް ދިނުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ވެސް ނޫން، ހިޔާލު ތަފާތުވާ ކޮންމެ މީހަކު ދަން ޖައްސާ ވާގަނޑުތޯ ޓެރަރިޒަމްގެ ދައުވާއަކީ،" ސިޔާސީ ގިނަ ފަރާތްތަކަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ މައްސަލާގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެހީވެވަޑައިގެންނެވީ ފުލުހުންނާއި ސިފައިން އެދިގެން ކަމަށާއި މިހާރު ގައުމަށްޓަކައި ސިފައިންނާއި ފުލުހުން ތެދުވާންވެއްޖެ ކަމަށެވެ. އަދި އިސްލާހަށް މަސައްކަތް ކޮށްދޭން ޖެހޭ ކަމަށެވެ.

ގާސިމް ވަނީ ޖުމްހޫރީ ޕާޓީން ގުޅޭ ފަޅިއެއް 70 ޕަސެންޓްގެ ވޯޓާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވެސް މިރޭ ވިދާޅުވެފަ އެވެ.