ހަބަރު

ދޮންބެގެ މިސާލާއެކު ޖަމީލުގެ ހަމަލާތައް ނަޝީދަށް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ ނުސީދާ ގިނަ ހަމަލާތަކެއް އަނެއްކާވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައިފި އެވެ. އެ ދެ ބޭފުޅުން މީގެ ކުރިން ވަނީ އެކުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕްޒިޝަން އުފައްދަވާފަ އެވެ.

ޖަމީލު މިހާރު ނިސްބަތްވާ ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަރަށް ޖޯޝުގައި ޖަމީލު ވަނީ އެމްޑީޕީއަށް ހާއްސަކޮށް ނަޝީދަށް ފާޑުވިދާޅުވެފަ އެވެ. ފުރަތަމަ ޖަމީލު ވިދާޅުވީ، ރާއްޖޭގެ މައްސަލަތައް ހައްލު ކުރެވޭނީ ހަމައެކަނި ތިމަންނައަށޭ ވިދާޅުވުމުގެ ހައްގެއް އެއްވެސް ބޭފުޅަކަށް ނެތް ކަމަށެވެ. ވަކިވެގަނެގެން ލިބޭނެ ފައިދާއެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ނޫން.. މިއަދު މައްސަލަތައް ހައްލު ކުރެވޭނީ އެކީގަ، ގުޅިގެން، ގައުމީ ވިސްނުން ވިސްނައިގެން، ކާކުތޯ ގުރުބާނީ ނުވަނީ، ރަނގަޅު އެންމެންނާ ދޭތެރޭ ނާއިންސާފުން ކަންކަން ކުރިމަތިވީ، ކުރީގެ ރައީސް މަގާމުން ދުރުކުރެވުނު ގޮތާމެދު ދެރަވޭ، އަޅުގަނޑުމެން އެކަންކަން ކުށްވެރިކުރަން، ހަމައެހެން އަޅުގަނޑުމެން ވެސް ދުރަށް ޖެހި މިތިބީ ޑިމޮކްރަސީގެ މިސާލުގެ ތެރެއަކުން ނޫން، އަޅުގަނޑުމެން މިކަން ކުރަން ޖެހޭނީ އެކުވެރިކަމާއެކު،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، އެކުވެރިކަން ދެމެހެއްޓޭނީ އިތުބާރު ގާއިމުކޮށްގެން ކަމަށެވެ. ވަރުގަދަ ތަނބެއްގެ މަތީގައި ތިބެގެން ކަމަށެވެ. އިތުބާރު ހިފެހެއްޓުމުގެ މާނައަކީ ހިޔާލާއި ފިކުރު ދޫކޮށްލުމެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީއަކީ ވަކި ފިކުރެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އެ ފިކުރުގެ ހައްގެއް ރައްޔިތުންނަށްޓަކައި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ ބުރަކައްޓަށް ވަޅި ހަރާލަންޖެހޭ ފަހަރެއް ނޫން، އެކަން އެގޮތަށް ކޮށްގެން ނުވާނެ، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން،" ޖަމީލު ވިދާޅުވި އެވެ.

ދޮންބެއަށް މީރު ކާ އެއްޗެހި މަށަށް މީރު ނުވެދާނެ، ދޮންބެއަށް މީރު ބުއިން މަށަށް މީރު ނުވެދާނެ، އޭގެ މާނައަކީ ބުރަކައްޓަށް ވަޅި ހަރާލުމެއް ނޫން،"
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު

ޖަމީލު މީގެކުރިން ވަނީ ރައީސް ނަޝީދުގެ ބަރުލަމާނީ ނިޒާމްގެ ވިސްނުމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ ހައްލެއް ނޫން ކަމަށް ޖަމީލު ވިދާޅުވެފައިވެ އެވެ. ޖަމީލު މިރޭ ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް މައްސަލަތަކަށް ހައްލެއް ހޯދައިދެއްވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

އިދިކޮޅު ޕާޓީތައް ކޯލިޝަނެއްގެ ތެރޭގައި އޮތް ނަމަވެސް އެ ކޯލިޝަން އެކުގައި މަސައްކަތް ކުރާ ތަން މިހާރު ނުފެނެ އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވަކި މެނިފެސްޓޯއަކާއެކު ރިޔާސީ ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް ނަޝީދާއި ޖަމީލުގެ ގާތް އެކުވެރި ކަމެއް މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް އޮތްއިރު އެ ދެ ބޭފުޅުން މިހާރު އެކުގައި އެއްގޮތަކަށް ވެސް ނުފެެނެ އެވެ. ޖަމީލު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވީ ވެސް ރައީސް ނަޝީދާ ހިޔާލު ތަފާތުވި ފަހުންނެވެ.