ހަބަރު

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ ރަނގަޅަށް ކަމަށް އީސީ އިން ނިންމައިފި

ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު "އަވަސް" އަށް ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓީކެޓު މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނަށް ދިނުމަށް ނިންމައި މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އަދި ޕާޓީން ކޮމިޝަނަށް އެކަން ހުށަހެޅުމުން ޕީޕީއެމްގެ އެ ނިންމުމަކީ ޕާޓީގެ އަސާސީ ގަވާއިދާއެއްގޮތަށް ނިންމި ނިންމުމެއްތޯ ބެލުމަށް އެކޮމިޝަނުން ބަލަންޖެހޭ ލިޔެކިޔުންތައް ބަލައި ދިރާސާކުރި ކަމަށާއި އެ ބެލި ބެލުމުން ރައީސް ޔާމީނަށް ރިޔާސީ ޓިކްޓް ދޭން ނިންމީ ގަވާއިދާ އެއްގޮތަށް ކަން އީސީއަށް ގަބޫލުކުރެވިފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

" ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދާއެއްގޮތަށްތޯ ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދައި އެކަން ދިރާސާކުރި. އަދި އެ މައްސަލާގައި އީސީން ނިންމާފައިވަނީ ޓިކެޓު ދިނީ ރަނގަޅަށް ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ޕީޕީއެމުން ނިންމީ މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވީ ރައީސް ޔާމީނެވެ. ރިޔާސީ ޕްރައިމަރީއަކާ ނުލާ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމުމުން އެގޮތަށް ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށްކަމަށް ބުނެ އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ.

އީސީ އިން ދާދި ފަހުން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް އަންގާފައި ވަނީ ރިޔާސީ ޕްރައިމަރީ ބާއްވަން ޖެހޭނީ ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ފަރާތްތައް ބައިވެރިކޮށްގެން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. މި މަހުގެ 30 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް ހަމައެކަނި ކުރިމަތިލީ ނަޝީދު އެކަންޏެވެ. އީސީ އިން ވަނީ އެގޮތަށް ޕްރައިމަރީ ބާއްވައިފި ނަމަ، އެ ޕްރައިމަރީ ބާތިލްކޮށް ޕާޓީއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.