ފަހަށް ފައިސާ ރައްކާ ކުރުމަށް މިހާރު މާކަގިނަ ގޮތްތަކެއް ނުހުރެ އެވެ. އެހެންވެ، ގިނަ މީހުން ކުރާ ކަމަކީ ފައިސާކޮޅު އެކައުންޓުގައި ބެހެއްޓުމެވެ. ސަބަބަކީ ފައިސާކޮޅު އިންވެސްޓްކޮށްގެން ނަފާ ހޯދޭނެ މަގުތައް ހަނި ކަމެވެ. ނަމަވެސް ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި އިންވެސްޓްކޮށްފައިވާ އެންމެ ބޮޑު އެއް ކުންފުނި، ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މިވަނީ ރާއްޖޭގެ އާއްމު މާކެޓަށް ހާއްސަކޮށް ބޮންޑެއް އިޝޫ ކުރުމާއެކު މިވަނީ އިތުރު ފުރުސަތެއް ހުޅުވިފަ އެވެ. ސުވާލަކީ ބޮންޑު ގަނެގެން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
"އަޅުގަނޑުމެން [އެޗްޑީއެފްސީ] އިން ފުރަތަމަ 2012 ވަނަ އަހަރު ބޮންޑެއް އިޝޫކުރީ. ފުރަތަމަ ބޮންޑުވީމަ މީހުންނަކަށް ނޭނގެ މާކަގިނަ އިންފޮމޭޝަންއެއް. އެހެންވެ ދެ ވަނަ ބޮންޑެއް މި ނެރުނީ. ފުރަތަމަ އެ ބޮންޑު ގަތް ފަރާތްތަކަށް ފައިސާ ހަވާލުކޮށްފައި މިހާރު ވަނީ،" އެޗްޑީއެފްސީގެ ސީނިއަ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވި އެވެ.
އެޗްޑީއެފްސީ މި ފަހަރު ވިއްކަން ފަށާ ފިކްސްޑް އިންކަމް ބޮންޑު ވިއްކަން ފެށުމުގެ ގޮތުން މައުލޫމާތު ހިމެނޭ "ޕްރޮސްޕެކްޓަސް" ވަނީ އާއްމުކޮށްފަ އެވެ. ބޮންޑް ގަންނަ ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. މި ފުރުސަތު 24 ވަނަ ދުވަހާ ހަމަ އަށް އޮންނާނެ އެވެ. ބޮންޑެއް ވިއްކަނީ 10،000 ރުފިޔާ އަށެވެ. ބޮންޑު ވިއްކަނީ އެޗްޑީއެފްސީގެ "މޯގޭޖު ހައުސިންގް ފައިނޭންސިން" މަޝްރޫއު ތަކަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.މި ބޮންޑުގެ މުއްދަތަކީ 10 އަހަރު ދުވަހެވެ. އަދި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް ހަތް ޕަސެންޓެވެ. ބޮންޑު ގަންނަ މީހުންނަށް އަހަރަކު ދެ ފަހަރު ފައިދާ ބަހާނެ އެވެ.
ކުންފުންޏާމެދު ބޮޑު ޔަގީންކަމެއް
އެޗްޑީއެފްސީ ބޮންޑު ގަންނަން ވިސްނާއިރު އޮތް އެންމެ ބޮޑު ޔަގީން ކަމަކީ އެ ކުންފުނީގެ ހިއްސާދާރުންގެ ވަރުގަދަ ކަމެވެ. އެޗްޑީއެފްސީ އުފެދިފައިވާ ގޮތެވެ. އެޗްޑީއެފްސީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓާއެކުގަ އެވެ. ދެން އޮތް އަނެއް އިތުބާރަކީ ކުންފުނީގެ މާލީ ހާލަތެވެ.
އެޗްޑީއެފްސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 81 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަނެއް ފައިދާއަކީ ކުންފުނީގެ ޓްރާންސްޕޭރެންސީ ކަމެވެ. އެޗްޑީއެފްސީއަކީ ކޮންމެ ކުއާޓާއެއްގައި އޮޑިޓް ކުރާ ކުންފުންޏެވެ. މިގޮތުން އެކްސްޓާނަލް އޮޑިޓާއި އިންޓާނަލް އޮޑިޓް ބަރާ ބަރަށް ކުރެ އެވެ. އޮޑިޓް ކުރުމުގައި ބޭރުގެ އެންމެ މަޝްހޫރު އެއް އޮޑިޓް ފާމްތައް މަސައްކަތް ކުރެ އެވެ.
ލޯނު ދޫކުރާ މާލީ އިދާރާތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ "ބޭޑްލޯން" އިތުރުވުމެވެ. ލޯނު ދޫކުރާ މީހުން ލޯނުތައް އަދާ ނުކުރާތީ "ނޮން- ޕާފޯމިން" ލޯނު އިތުރުވެ، މާލީ ގޮތުން ބަލިކަށިވުމެވެ. އެޗްޑީއެފްސީއިން މިދިޔަ އަހަރު އެކަނި 1.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. މީގެތޭގައި ނޮންޕާފޯމިން ލޯނުގެ ނިސްބަތް އުޅެނީއެއް ޕަސެންޓަށްވުރެ ދަށުގަ އެވެ. އެހެންވެ މިއީވެސް ކުންފުންޏާމެދު އޮތް ޔަގީން ކަމެކެވެ.
ހިއްސާގެ ފައިދާވެސް މަތި
އެޗްޑީއެފްސީއިން ދަނީ އަހަރަކުން އަހަރަށް ހިއްސާދާރުންނަށް ދޭ "ޑިވިޑެންޓް" ނުވަތަ ހިއްސާގެ ފައިދާވެސް އިތުރު ކުރަމުންނެވެ. ދެހާސް ފަަނަރަ ވަނަ އަހަރު ދީފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި 17ރ. އެވެ. ނަމަވެސް 2016 ވަނަ އަހަރު 20ރ. އަށް އިތުރުން 2017 ވަނަ އަހަރު ވަނީ މި އަދަދު 22ރ. އަށް އިތުރުކޮށްފަ އެވެ. އެހެންވެ މިއީވެސް ކުންފުނީގެ މޫނުމަތި ރީތިކަން ދައްކުވައިދޭ އެއް މިސާލެވެ.
ބޮންޑް ގަންނަ މީހާއަށް އޮތް ފައިދާ
ބޮންޑް ގަންނަ މީހާ އަށް އޮތް ފައިދާއަކީ ކޮބައި ހެއްޔެވެ؟ ހަގީގަތުގައި އެނގެން ބޭނުންވަނީ މި އެވެ. ސަބަބުތައް މަދެއްވެސް ނޫނެވެ. ރާއްޖޭގައި ފައިސާ ރައްކާކުރަން އާއްމުކޮށް މި އޮންނަނީ "ފިކްސް ޑޮޕޮސިޓް" އެވެ. މިގޮތަށް ފައިސާ ބަހައްޓުމުން ރޭޓް އުޅެނީ އެއް ޕަސެންޓާއި ތިން ޕަސެންޓެވެ. ނަމަވެސް ބޮންޑު ގަތުމުން އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު، ހަތް ޕަސެންޓް ލިބޭނެ އެވެ. އެހެންވެ މިއީ ލިބޭނެ ހިތް ހަމަޖެހުމެވެ. އަނެއް ފައިދާއަކީ މި ބޮންޑް ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ވިއްކާލުމުގެ ފުރުސަތު އޮތުމެވެ. ބޮންޑު ވަނީ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފަ އެވެ. އެހެންވެ، ހިއްސާގެ ބާޒާރުގައި ބޮންޑު ވިއްކާލުމުގެ ފުރުސަތު އޮންނާނެ އެވެ.
އެޗްޑީއެފްސީ އިން މިވަނީ ބޮންޑު ވިއްކަން ނިންމާފަ އެވެ. މިއާއެކު، އަނެއްކާވެސް މިވަނީ ރައްކާ ކުރުމަށް އިތުރު ދޮރެއް ހުޅުވިފަ އެވެ.