ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިިއިރު ވެސް އޭގެ ކުރިން ވެސް އަދި ފަހުން ވެސް ޖިނާއީ ކުށެއް ކުރައްވާފައިނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ކުށެއް ކުރުމުގައި ބައިވެރިވަޑައިގެންފައިނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެކެއް ފެބުރުއަރީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ވެސް ކުރާއިރު އެ ދައުވާގެ ދެވަނަ އިބްތިދާއީ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދައުލަތުން މިއަދު ރައީސް މައުމޫންގެ ވަކީލުންގެ ހާޒިރުގައި ދައުވާ އިއްވެވި އެވެ.
އެ ދައުވާގައި ބުނެފައިވަނީ، ދިގު 30 އަހަރު ވެރިކަން ކުރައްވައި ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނަވައިގެން އެކި ފަހަރު މަތިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ރައީސް މައުމޫން އުޅުއްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއް ކަމަށްވާ އަބްދުﷲ ސަިނާނާއި އިލްހާމް އަހުމަދަށް ރިޝްވަތު ދީފައިވާ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކެއް ފެބުރުއަރީގެ އަމުރު ނެރެއްވާފައިވާ ކަމަށެވެ.
އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ރައީސް މައުމޫން އުޅުއްވާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
ދައުވާ ވަރަށް ކަނުލާ އަޑުއެއްސެވުމަށް އިންނެވުމަށްފަހު ގާޒީ އަހުމަދު ހައިލަމް ދައުވާ ސާފުވެއްޖެތޯ ސުވާލު ކުރެއްވުމުން ރައީސް މައުމޫން ވިދާޅުވީ، ދައުވާ ސާފުނުވާ ކަމަށެވެ. އަދި އެ ދައުވާގައި ވަނީ މުޅިން ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ. އޭގައިވާ އެއްވެސް ކަމަކީ އެމަނިކުފާނު ކުރެއްވި އަދި ކުރައްވަން އުޅުނު ކަންތައްތަކެއް ވެސް ނޫން ކަމަށެވެ.
"އެއްވެސް ޖިނާއީ އަމަލެއް އަޅުގަނޑު ނުހިންގަން، ބައިވެރިއެއް ވެސް ނުވަން، ރައީސް ކަމުގައި ހުރިއިރު ވެސް އޭގެ ކުރިން ވެސް ފަހުން ވެސް ޖިނާއީ ކުށެއް ނުކުރަން، ހުސް ބުހުތާނު ދޮގު ދައުލަތުން ހަދަނީ،"ކުރީގެ ރައީސް މައުމޫން
ރައީސް މައުމޫން ވަނީ ދައުވާއާ ގުޅިގެން ސުވާލުތަކެއް ވެސް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމަލުތަކެއް ހިންގާފައިވާ ކަމަށް ދައުލަތުން ބުނާއިރު އެމަނިކުފާނު ހުންނެވީ ކޮން މަގާމެއްގައިތޯ އެއްސެވި އެވެ. އެމަނިކުފާނު ހުންނެވީ ރައްޔިތެއްގެ ގޮތުގައި ކަމަށާއި އާންމު ރައްޔިތަކަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ފުލުހުންގެ ތެރެއިން ގާނޫނާ ހިލާފު ކަންތައްތަކެއް ކުރުމަށް ފުރުސަތު ނުލިބޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ނުފޫޒު ފޯރުވީ ކޮން ފަނޑިޔާރުންނަށް ކަމެއް ނުބުނި
ރައީސް މައުމޫނަށްފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތައް އެމަނިކުފާނުގެ ވަކީލް މައުމޫން ހަމީދު ވަނީ ތަފްސީލްކޮށް ދެއްވާފަ އެވެ. އެގޮތުން މައުމޫން ހަމީދު ވެސް ދައުވާ ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ ސުވާލުތަކެއް ދައުލަތަށް އަމާޒު ކުރެއްވި އެވެ. އެގޮތުން ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާއިރު އެއީ ކޮން ފަނޑިޔާރުންނަށް ކަމެއް އަދި އެއީ ކޮން މައްސަލަތަކެއްގައިކަން ސާފުކޮށްދިނުމަށް މައުމޫން ހަމީދު އެދިވަޑައިގަތެވެ. އަދި ސަރުކާރު ވައްޓާލަން ރައީސް މައުމޫން ކުރެއްވީ ކޮން އަމަލެއް ކަމާއި އެކެއް ފެބުރުއަރީގެ އަމުރު ނެރުމަށް އެމަނިކުފާނު ކުރެއްވީ ކޮން އަމަލެއްތޯ އާއި ގައުމުގެ ހަމަޖެހުން ނަގާލުމަށް ކުރެއްވީ ކޮން މަސައްކަތްޕުޅެއްތޯ ސާފުކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.
އެ މައުލޫމާތުތައް ނޭނގި ދައުވާއަށް ޖަވާބުދާރީވެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެއަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ ވިދާޅުވީ، 2013 އަހަރު ފެށިގެން ހައްޔަރުކުރަންދެން ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ނުފޫޒު ފޯރުވާފައިވަނީ އެއް ފަނޑިޔާރުންނަށްވުރެ ގިނަ ފަނޑިޔާރުންނަށް ކަމަށެވެ. އެއީ ކޮން ފަނޑިޔާރުން ކަމެއް މި މަރުހަލާގައި ނުބުނެވޭނެ ކަމަށާއި އެ މައުލޫމާތުތައް ހިއްސާކޮށްފިނަމަ ސިއްރު ހެކިވެރިއެއްގެ މައުލޫމާތު ހާމަވެގެން ދާނެ ކަމަށް ފަޒުނާ ވިދާޅުވި އެވެ.
ފަޒުނާ ވިދާޅުވީ، ކަޅު ފޮށިން ފެނުނު ލިޔުންތަކުން ވެސް ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާކަން ވެސް އެނގޭ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް އެކި އިރުޝާދުތައް ދީފައިވާކަން އެނގެން އެބަ އޮތް ކަމަށެވެ. އަދި، ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމަށް ބޭނުންވާ އަދަދަށް މެންބަރުން ހޯދުމަށް ރިޝްވަތު ވެސް ދީފައިވާ ކަމަށާއި ޑިއުޓީގައި ތިބި ފުލުހުންނާ ކުރިމަތިލުމަށް އެހެން ފުލުހުންތަކެއް ގެނެސް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ. އެ ހުރިހާ ކަމަކުން ވެސް އެނގެނީ ރައީސް މައުމޫންގެ މޯޓިވްއަކީ ސަރުކާރު ވައްޓާލުންކަން އެނގޭ ކަމަށް ފަޒުނާ ވިދާޅުވި އެވެ.
ދެން ވެސް މައުމޫން ހަމީދު ވަނީ ސުވާލުތައް އަމާޒުކުރައްވާފަ އެވެ. އެއީ ނުފޫޒު ފޯރުވި ފަނޑިޔާރުން ފަޒުނާ ވިދާޅުނުވުމުންނެވެ. މައުމޫން ހަމީދު ވިދާޅުވީ، އެ މައުލޫމާތު ހާމަކުރަން ޖެހޭ ކަމަށާއި އެންމެ ކުޑަމިނުން ހެކިވެރިޔާގެ ހެކި ބަހުން އެއީ ކޮން ފަނޑިޔާރުންނެއް ކަމެއް އަދި ކޮން ހުކުމްތަކެއްކަން އެނގޭނެކަން ބުނަންޖެހޭނެ ކަމަށެވެ. އެހެންނޫންނަމަ މެޖިސްޓްރޭޓުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބޮލުގައި ރިޝްވަތުގެ ތުހުމަތު އެޅިފައި އޮންނާނެ ކަމަށާއި ހުރިހާ ފަނޑިޔާރުންގެ ބޮލުގައި އެފަދަ ތުހުމަތެއް އެޅޭ ގޮތަށް ދައުލަތުން ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.
ފަޒުނާ ވިދާޅުވީ، ހެކީގެ ހެކި ބަހުން މައުމޫން ނުފޫޒު ފޯރުވީ ކޮން ފަނޑިޔާރުންނަކަށް ކަމަށާއި ކޮން ހުކުމްތަކެއް ނުފޫޒު ނެރެފައިވާކަން އެނގޭ ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ، ހެކީގެ ހެކި ބަހުން އެކަން އެނގޭނެނަމަ މި މަރުހަލާގައި އެކަން ހާމަނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ، ހެކި ބަހުން ހާމަވާ ކަންކަން ކޮންމެހެން މި މަރުހަލާގައި ހާމަކުރަން ނުޖެހޭ ކަމަށެވެ. މިއަދުގެ އަޑުއެހުމަކީ ހަމައެކަނި ދައުވާގެ ސީގާގައިވާ އިބާރާތް ސާފުތޯ ބެލުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.
ގާޒީ ހައިލަމް ވިދާޅުވީ، ދައުލަތުގެ ވަކި ހެއްކެއް ބަލައިނުގަތުމަށް ބުނާ ގާނޫނާ ސަބަބުތަކާއި ދައުވާގައިވާ އުނިކަންކަން ފާހަގަކޮށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅަން ފުރުސަތު ލިބޭނެ ކަމަށާއި ވަކި މައުލޫމާތުތަކެއް ހާމަކޮށްދިނުމަށް އެދި ވެސް ހުށަހެޅުންތައް ހުށަހެޅޭނެ ކަމަށެވެ. އެހެންވެ ދިފާއުން ސާފުކުރަން ބޭނުންވާ ކަންކަން ހުށަހެޅުންތަކުގެ ގޮތުގައި ހުށަހަޅަން ގާޒީ އެދިވަޑައިގަތެވެ. އަދި ދައުވާއަށް ޖަވާބުދާރީވުމަށް ރައީސް މައުމޫނަށް އެންގި އެވެ.
ދައުވާއަށް ޖަވާބު ދެއްވުމުގެ ގޮތުން ރައީސް މައުމޫން ވިދާޅުވީ، "ދައުވާއަށް ސަތޭކައިން ސަތޭކަ އިންކާރު ކުރައްވާ" ކަމަށެވެ. އެއްވެސް ހެއްކެއް ވެސް ނޯންނާނެ ކަމަށާއި ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ދައުވާއަށް އިންކާރު ކުރެއްވުމުން އެމަނިކުފާނާ ދެކޮޅަށްހުރި ހެކި ހާމަކުރުމަށް ދައުލަތަށް ގާޒީ އެންގެވި އެވެ.
ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވި ގޮތުގައި އެ މައްސަލާގައި 33 ހެއްކެއް ރައީސް މައުމޫންއާ ދެކޮޅަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ގިނައީ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވާ މީހުންނާއި އެ ފޮށީގައިވާ ބައެއް މައުލޫމާތުތައް އެނގޭ މީހުންނެވެ. އޭގެ އިތުރުން ހަތަރު ސިއްރު ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އޭގެ ތެރޭގައި ކަޅު ފޮށި އެއް ތަނުން އަނެއް ތަނަކަށް ގެންދިޔަ މަންޒަރު ފެންނަ ސީސީޓީވީގެ ސެނެޕްސްތަކެއް ހިމެނެ އެވެ. ކަޅު ފޮށި ފެނުނު ތިން ފުލުހަކާއި އިތުރު ހަ ފުލުހެއް ވެސް ހުށަހެޅި އެވެ.
ރައީސް މައުމޫނާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުމުން ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ދިނެވެ. މައުމޫން ހަމީދު އެދިވަޑައިގަތީ ހެކި ހުށަހަޅަން ފުރުސަތެއް ދެއްވުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތުން ވެސް ބޭނުންވާތީ އެކަމަށް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް މުއްދަތެއް ދެއްވި އެވެ.