އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ފަހު އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ. މައްސަލާގެ އަޑުއެހުންތައް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ދެ ބޭފުޅުންނަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ސާބިތުވެގެނެވެ.
މި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުންތަކުގައި އިސްތިއުނާފުކުރާ ނުކުތާތައް ވަނީ ހުށަހަޅާފަ އެވެ. އެއީ ދެ ފަނޑިޔާރުންގެ ފަރާތުން ވެސް 15 ނުކުތާ އެވެ. ދެ ފަނޑިޔާރުންގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.
އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޖަވާބުދާރީވެފަ އެވެ. އެހެންވެ މާދަމާ އޮންނަ އަޑުއެހުމުގައި އޮންނާނީ ކުރީގެ އަޑުއެހުންތަކުގައި ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ބަހުސްކުރުމެވެ. އެކަމަށް ފުރަތަމަ 30 މިނެޓްގެ ފުރުސަތެއް ދެ ފަރާތަށް ވެސް ދޭނެ އެވެ. އެއަށްފަހު ފަހު ފުރުސަތުގެ ގޮތުގައި 10 މިނެޓް ދޭނެ އެވެ.
އުއްތަމަ ފަނޑިޔާރުގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފައިވަނީ ހެނދުނަށެވެ. ފަނޑިޔާރުގެ އަލީ ހަމީދުގެ މައްސަލަ ތާވަލުކޮށްފައިވަނީ މެންދުރުފަހަށެވެ.
އިސްތިއުނާފު މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވާ ބެންޗަކުންނެވެ. ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.
ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.