ދުނިޔެ

އިންޑިއާގައި ބަސް އެކްސިޑެންޓެއްްވެ އަށް މީހުން މަރުވެއްޖެ

އިންޑިއާގެ ތެލަންގާނާ ސްޓޭޓްގެ އަވަށެއް ކަމަށްވާ މަނަކޮންޑޫރުގައި މިއަދު ހިނގި ބަސްް އެކްސިޑެންޓެއްގައި އަށް މީހުން މަރުވެ 15 މީހުން ޒަހަމްވެއްޖެ އެވެ.

ދަ ހިންދޫ ނޫހުން ބުނީ ތެލަންގާނާ ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަން (ޓީއެސްއާރްޓީސީ) ގެ ބަހުގައި ލޮރީއަކުން ޖެހުނީ މީހުން ފޭބުމަށް މަޑުކޮށްފައި އޮއްވާ ކަމަށާއި އެހެން ލޮރީއެއްގެ ކަައިރިން އޯވަޓޭކްކޮށްފައި އައި އެ ލޮރީ ދުއްވިލެއް ބާރުކަމުން ބަހާއި އެކުގައިވެސް އެތައް ހިސާބަކަށް ދުވި ކަމަށެވެ.

ބަހާއި ލޮރީ ޖެހުނުލެއް ބާރުކަމުން ދެ އުޅަނދު އޮތީ ތަތްވެފައި ކަމަށާއި މަރުވި އަށް މީހުންގެ ތެރެއިން ހަމީހުންނަކީ ދެ އުޅަނދު ޖެހުމާއެކު ވަގުތުން މަރުވި މީހުން ކަމަށް ވެސް ނޫހުން ބުންޏެވެ. އަނެއް ދެ މީހުން މަރުވީ ފަރުވާ ދެމުން ދަނިކޮށެވެ.

ތެލަންގާނާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ އެވެެ. އެއީ ޒަހަމްވީ މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ނާޒުކު ކަމުންނެވެ. ޒަހަމްވީ މީހުންނަށް ފަރުވާ ދެމުން އަންނަނީ ކަރިންމަނަގަރުގައި ހުންނަ އިންޑިއާ ސަރުކާރުގެ ހޮސްޕިޓަލެއްގަ އެވެ.

ދުވަސްވެ ބާވެފައިވާ އުޅަނދުތައް ގިނަ އިންޑިއާގައި ކޮންމެ އަހަރަކުވެސް މަގުމަތީގެ އެކްސިޑެންޓުތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެއެވެ.