އިންޑިއާގެ އަމްރިޝްތާރު ނަމަކަށް ކިޔާ ރަށުގައިވާ ރެއިލްވޭ އެއްގެ މަތީގައި ތިބި ބައެއްގެ ގައިގައި ރޭލުން ޖެހި 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ދަ ހިންްދޫ ނޫހުން ބުނީ ރެއިލްވޭ މަތީގައި މީހުން ތިބީ ހިންދޫ ދީނުގެ މީހުން ފާހަގަކުރާ އިހުތިފާލަކަށް އެއްވެ ތިބި ތިބުމެއްގައި ކަމަށެވެ. އެ އިހުތިފާލުގައި ބުދެއް އެންދުން އޮންނަ އިރު ރޭލު ދަނގަނޑު މައްޗަށް މީހުން ފެތުރިގަތީ ބުދު އަނދައިގަތުމުން އަލިފާނުގެ އަސަރުކޮށްފާނެތީ ކަމަށް ވެސް އެނޫހުން ބުންޏެވެ.
ބުދު އަނދަމުން ދިއުމާއި ހަވާ އެރުވުމުގެ އަޑުފައްގަނޑު އިވެމުން ދިއުމުގެ ސަބަބުން ބާރު ދުވެލީގައި އައި ދެ ރޭލުގެ އަޑު އެމީހުންނަށް ނީވުނީ ކަމަށާއި އޭގެ ތެރެެއިން އެއް ރޭލު މީހުންގެ ގައިމަތިން ދުއްވާފައި ދިޔަ ކަމަށް ވެސް އިންޑިއާ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންޏެވެ. ރޭލު ދަގަނޑު މަތީގައި އެވަގުތު ތިބީ ކިތައް މީހުން ކަމެއް ނޭނގޭ އިރު ރޭލުގެ ދަށުވެ މަރުވި މީހުންގެ އަދަދެއް އަދި އޮޅުމެއް ނުފިލައެވެ. ނަމަވެސް އިންޑިއާ ފުލުހުން ބުނެފައި ވަނީ މަރުވި މީހުންގެ އަދަދު 50 ނުވަތަ 60 އަށް ވުރެ މަތިވާނެ ކަމަށެވެ. މަރުވި މީހުންގެ އިތުރުން ޒަހަމްވީ އެތައް ބަޔަކަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާދެމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ވަނީ ނަރެންދުރާ މޯދީ އެހާދިސާއާ މެދު ހިތާމަފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެހާދިސާގެ ސަބަބުންް ގެއްލުން ލިބުނު އާއިލާތަކަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އޮފިޝަލުންނަށް އަންގަވާފައިވާ ކަމަށެވެ.