ހަބަރު

ކޯލިޝަނުން އެއް ކެންޑިޑޭޓް ނެރޭނަން: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓް ނެރޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކޯލިޝަންގެ އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅުން ގެންގުޅުނު ވިސްނުމާ ހިލާފަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެ ކެމްޕޭން ފެއްޓެވުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުގެ ފާޑުކިޔުން ނަޝީދަށް އަމާޒުވެފައި ވަނިކޮށެވެ.

ޖަރުމަނުގައި ހުންނަވައި ގާސިމް މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި އެއް ބުރުން އިންތިހާބު ކާމިޔާބުވެސް ކުރާނެ ކަމަށެވެ.

އެއް ކެންޑިޑޭޓަކު ނެރޭނެ ކަމުގެ އިޝާރާތެއް ގާސިމް ދެއްވި އިރު، ނަޝީދު އަމިއްލަފުޅަށް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ނިންމައި ކެމްޕޭން ފަށާފައިވާތީ ޖޭޕީގެ ނައިބު ރައީސް އަމީން އިބްރާހިމް ވެސް މިއަދު ވަނީ ނަޝީދަށް ފާޑުވިދާޅުވެފަ އެވެ. އަމީން މިއަދު ވިދާޅުވެފައިވަނީ ނަޝީދު ޕްރައިމަރީ ވާދަކުރައްވައި، ވަކިން ކެމްޕެއިން ކުރައްވާތީ ކޯލިޝަންގެ އެއް ކެންޑިޑޭޓެއްގެ އުއްމީދުގައި ތިބި ރައްޔިތުން މާޔޫސްވެފައިވާ ކަމަށެވެ.

ގާސިމް އިބްރާހިމް މިއަދު ކުރެއްވި ޓުވީޓް --

ގާސިމް ވަނީ ޖަލު ހުކުމް ތަންފީޒުކުރާ ގައިދީންގެ ހަބަރު ގެނެސް އެފަދަ ފަރާތްތައް ޕްރޮމޯޓް ނުކުރުމަށާއި އެގޮތަށް މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓްރީން އެންގި އެންގުމާމެދުވެސް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުގެ ނަޒަރުގައި ގައިދީންނަކީ ކޮބައިތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ގާނޫނު އަސާސީއާ ހިލާފަށް އިޖުރާއަތްތަކާވެސް ހިލާފަށް ނުފޫޒު ފޯރުވައިގެން ބާރުގެ ބިރުދައްކައިގެން ހުކުމް ކުރުވާ، ބޮޑެތި އަނިޔާކުރުވާތީ އެވާހަކަތައް ދެއްކިޔަ ނުދީ އޮބެހެއްޓޭނެ ދުވަސް ނިމެން ވަރަށް ކައިރިވެއްޖެ،" ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ހަގީގީ ގައިދީންނަކީ ކޮން ބައެއްކަން ވަރަށް އަވަހަށް އެނގޭނެ ކަމަށެވެ.