ރިޕޯޓް

ގައުމު ފަލީހަތް ކުރާ މީހުން ހުއްޓުވާ!

ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާު ދެ ބްލޮގަރަކު ރާއްޖެއަށް އައިސް ދިޔަތާ އަދި ގިނަ ދުވަހެއް ނުވެއެވެ. އެ ދެ މީހުން ވެސް ރާއްޖެއަށް އައީ އެއް ކަމެއް ކުރާށެވެ. ކުރި ކަމަކީ ކުރު ވީޑިއޯތަކެއް ހެދީ އެވެ. ބުނާ ގޮތުން ބޭނުމަކީ ގުދުރަތުގެ އަޖައިބެއްފަދަ ރީތިކަމެއް ލިބިފައިވާ ރާއްޖެ މީހުންނަށް ދައްކާލުމެވެ. އެ ވީޑިއޯތައް ފޭސްބުކްގައި ވައިރަލްވި އެވެ. ހަގީގަތުގުގައި އެ ވީޑިއޯތަކުގެ ބޭނުމަކީ މުޅީން އެހެން ކަމެކެވެ.

އެއް ވީޑިއޯގައި ރާއްޖޭގެ އާއި ސަގާފަތް ތަމްސީލު ކޮށްދިނީ ބުރުގާ ނަގަން ބޭނުންވެ، އެކަން ނުވެފައި ހުރި ޒުވާން އަންހެން ކުއްޖެކެވެ. ވީޑިއޯގައި އޭނާ ބުނެދޭ ގޮތުގައި ރާއްޖޭގައި ބޭނުން މީހަކާ ރައްޓެހި ވެވެއެވެ. ބޭނުން ވަގުތެއްގައި ވަރިވެސް ކުރެވެއެވެ. ނަމަވެސް އެއް ފަހަރު ވެސް ބުރުގާ އަޅައިފިނަ ދެން އެ ބުރުގާ ބޭލުމަކީ މުޖުތަމައުގައި ކުރެވެން ނޯންނަ ކަމެކެވެ. މީހުން އެއްޗެހ ކިޔާނެތީ އެވެ.

އޭނާގެ މި ވީޑިއޯއެއް ފެނި އެތަކެއް ދިވެހިން ރުޅި އައިސް ކެކި އުތުރި އަރައިގަތީ އެވެ. އެހެންވާނެ އެވެ. ދިވެހިންނާއި އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި ގަބޫލު ކުރާ ކުރުންތައް އެންމެ މީހަކާ ހަމައިން ނިންމައެއް ނުލެވޭނެ އެވެ. އެއަށްވުރެ ބޮޑަށް، މުޅި ރާއްޖެއާއި ދުނިޔޭގެ ކުރިމަތީގައި ދިވެއްސަކު ޖެހިލުމެއްނެތި ދިވެހިންގެ އަގީދާއާއި ގައުމާއި ދީނާ ބެހޭގޮތުން ބޭރު ދުނިޔެއަށް މުޅިން ދޮގު މަންޒަރެއް ދެއްކުމަށް އިސްނެގުމުން އެކަން ބަލައިގަންނަން ގިނަ ބަޔަކަށް ފަސޭހަ ނުވީ އެވެ.

"ވީޑިއޯ އިން ފެންނަ އެކްސް ]އަންހެންކުއްޖާ] ގެ ސަމާލުކަމަށް. އަންހެނުން އިސްތަށިގަނޑު ނިވާކުރަން މަޖުބޫރުކުރާ އެއްވެސް ގާނޫނެއް ރާއްޖޭގައި ހެދިފައެއް ނެތް. އަހަރެންނަކީ ދީންވެރި އާއިލާއަށް ނިސްބަތްވާ މީހެއް. އާއިލާގެ ހުރިހާ އަންހެނުން ބުރުގާ އަޅާ. އެކަމަކު ދުވަހަކު ވެސް އަހަންނަށް މަޖުބޫރެއް ނުކުރޭ ބުރުގާ އަޅަން،" ވީޑިއޯއަށް ފޭސްބުކްގައި ކޮމެންޓް ކުރި އަންހެނަކު ބުނެފައިވެ އެވެ.

މީހުން ކިޔާފާނެ އެއްޗަކަށް ބިރުން، މިހާ ދުވަހު ބުރުގާ ނަގަން ނުކެރިފައި ހުރި އަންހެންކުއްޖާ އެންމެ ފަހުން "ބޮޑާހާކައި" ޝަކުވާ ބޭރުކޮށް ބޮލުގައި އޮތް ބުރުގާ ނަގައި އެއްލައިލީ މުޅި ދުނިޔޭގެ ކުރިމަތީގަ އެވެ. ވީޑިއޯގައި ހޭދަވި އެއް މިނިޓްގެ ތެރޭގައި ދިވެހިންނާއި ރާއްޖެ ފަލީހަތްކޮށްލާފަ އެވެ. މާތް ވެގެންވާ އިސްލާމް ދީނަށް އިހުތިރާމް ކުޑަކޮށްލުމަށް ފަހު އެވެ.

"ބުރުގާ އަޅަން އެ އަންހެންކުއްޖާއަށް އެކަކުވެސް މަޖުބޫރު ނުކުރާ ކަމަށް އޭނާ އެބަ ބުނޭ. ބުރުގާ އެޅީ އަމިއްލައަށް ބޭނުންވެގެން. ބުރުގާ ނަގަންވީމަ ހަމައެކަނި ބަހަނާއަކަށް ދެއްކީ މީހުން އެއްޗެހި ކިޔާނެތީ. މީހުން އެއްޗެހި ނުކިޔާނެ ކަމެއް މީހަކަށް ކުރެވޭތޯ އަޅެ މަސައްކަތް ކޮށްލަބަލަ. ރަނގަޅު ކަމެއް ކުރިޔަސް ގޯސް ކަމެއް ކުރިޔަސް އަބަދުވެސް ފާޑުކިޔާނެ މީހުން ތިބޭނެ،" އިތުރު މީހަކު ކޮމެންޓެއް ކޮށްފައިވެ އެވެ.

ފާޑުކިޔުމަކީ ހަމައެކަނި ދިވެހިން ކުރާ ކަމެއް ނޫނެވެ. ކޮންމެ މުޖުތަމައެއްގައި ވެސް އެކަން އޮވެއެވެ. މީހަކު އެއްޗެއް ނުބުނާ ގޮތަކަށް ކަމެއް ނުކުރެވޭނެ އެވެ. ދާދި ފަހުން ވެސް ރާއްޖޭގެ ސެލެބްރިޓީއަކު ބުރުގާ ނެގި އެވެ. މަޖިލިސް މެންބަރަކުވެސް ބުރުގާ ނެގިއެވެ. ފާޑުކީ ބަޔަކު ކީ އެއްޗެއް ކިޔައި މިހާރު އެކަން ވެސް އޮބިއްޖެެ އެވެ. ފަހަރެއްގައި ދިވެހިންނަކީ މުސްލިމުންނަށް ވާތީ ބުރުގާ ނެގުން ފަދަ ކަމެއް ކުރުމުން ފާޑުކިޔާ މީހުން ގިނަ ވެދާނެ އެވެ. އެކަމަކު މުޅި ދުނިޔޭގެ ކުރިމަތީގައި ގައުމަށް ޖޯކްކަހައި ފަލީހަތް ކޮށްގެން ނުވާނެ އެވެ.

ގައުމުތަކުގެ ރަށްވެހީން އެމީހުން ނުކުރާނެ ކަމަކީ އެ މީހެއްގެ ގައުމު ފަލީހަތް ކުރުމެވެ. އެކަމަކު އަމިއްލަ ގައުމު ފަލީހަތްކޮށް ބަދުނާމް ކުރުމުގައި މިހާރު ރާއްޖެއަށް ވުރެ ކުރީގައި އުޅޭ ބައެއް ނެތޭ ބުނެވެން އެބައޮތެވެ.