ހަބަރު

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން އޭޖީ ކޯޓަށް

May 30, 2018
12

އެމްޑީޕީއިން މިއަދު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ގާނޫނާ ހިލާފުވާނަމަ ހުއްޓުވައި ދިނުމަށް ފުލުހާއި ހޯމް މިނިސްޓްރީގައި އިލެކްޝަންސް ކޮމިޝަނުން އެދިފައި ވާތީ، އެމްޑީޕީ އިން މިއަދު ބާއްވާ ރިޔާސީ ޕްރައިމަރީ ހުއްޓުވުމުގެ އަމުރަކަށް އެޓާނީ ޖެނެރަލް އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން ފަށާނީ މިއަދު މެންދުރު 2:00ގަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެ މައްސަލަ އޭޖީ އިން ކޯޓަށް ހުށަހެޅިކަން އެކި މަސްދަރުތަކުން އަވަސް އަށް ވަނީ ޔަގީންކޮށްދީފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ އަދި ޝެޑިއުލް ކުރި ކަމެއް ނޭނގެ އެވެ.

އެ ކޮމިޝަނުން އިއްޔެގެ ވަގުތެއްގައި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު އަށާއި ހޯމް މިނިސްޓަރު އަދި އޭޖީ އޮފިހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެމްޑީޕީ އިން ރިޔާސީ ޕްރައިމަރީ ބާއްވަނީ ޖިނާއީ މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ޕްރައިމަރީ ބާއްވާ ނަމަ އެއީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ގެންދާ ޕްރައިމަރީއެއް ކަމަށާއި އެހެންކަމުން، އެމްޑީޕީ އިން ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް އެ އިދާރާތަކުގައި އެދޭ ކަމަށް ވެސް އީސީގެ ސިޓީގައިވެ އެވެ.

އެ ސިޓީއާ ގުޅިގެން، އޭޖީ ވަނީ މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެމްޑީޕީ އިން ބުނަމުން އަންނަނީ ދައުލަތުގެ މުއައްސަސާތަކުން ހުރަސްއެޅި ނަމަވެސް އެމްޑީޕީ ޕްރައިމަރީ ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ.