ރިޕޯޓް

އިމާރާތް ކުރަން ފިލާތިބި ބިދޭސީން މުއްސަނދީންނަށް!

May 25, 2015
2

އެ މީހުންގެ ބޮޑު މީހަކީ ކާކު ކަމެއް ނޭނގޭނެ އެވެ. ބޮޑު މީހާ ނުވެސް ފެންނާނެ އެވެ. ނަމަވެސް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް ދެ އެވެ. މިއީ ރާއްޖޭގައި "ފޮރުވިގެން" ތިބެ މަސައްކަތް ކުރާ ބިދޭސީން ކޮންޓްރެކްޓަރުންގެ ވާހަކަ އެވެ. އިމާރާތް ކުރަން ފިލާތިބި ބިދޭސީން ދަނީ މަހުޖަނުން ނަށް ބަލަދަލުވަމުންނެވެ. ފިލައިތިބެ ގަވައިދާ ހިލާފަށް އިމާރާތްތައް ކުރަމުންނެވެ.

"އެ މީހުން މާލޭގައި ތިން ހަތަރު އިމާރާތް އެއް ފަހަރާ ހަދާ. ލާރި ހޯދާ ގޮތެއް ވެސް ނޭނގެ،" ރާއްޖޭގައި "ވަގަށް މަސައްކަތްކުރާ ކޮންޓްރެކްޓަރުން" ގެ ހަރަކާތައް ކައިރިން ބަލަމުން އަންނަ ވިޔަފާރިވެރިއަކު ބުންޏެވެ.

މާލޭގައި "ވަގު ކޮންޓްރެކްޓަރުން" ގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންގެ ސީދާ އަދަދެއް ބުނަން ނޭނގެނު ނަމަވެސް މި މަސައްކަތް ވަރަށް ފުޅާކޮށް ކުރާ ބިދޭސީން އެބަ ތިއްބެވެ. މިފަދަ ބައެއް މީހުން މަސައްކަތް ކުރަނީ ހުއްދަ ހޯދައިގެންނެވެ. ހުއްދަ ނަގާފައި ވަނީ ކޮންމެ ވެސް ދިވެއްސެއްގެ ނަމުގަ އެވެ. މި މަސައްކަތުގެ ބޮޑުންގެ ގޮތުގައި ތިބީ އަވަށްޓެރި ސްރީލަންކާ އާއި ބަންގްލަދޭޝަންގެ މީހުންނެވެ. އެމީހުންގެ ތެރޭގައި ރާއްޖޭގައި ވަގަށް މަސައްކަތް ކުރާތާ 20 އަހަރުވެފައި ތިބި މީހުން ހަރަކާތްތެރިވެ އެވެ. ނަމަވެސް ފުލުހުންނާއި އިމިގްރޭޝަންގެ "ދުރުމިއަށް" މިފަދަ މީހުން ވަނީ ގެއްލިފަ އެވެ. މި މީހުންނަށް ވިޔަފާރީގެ ހުއްދަ ހޯދައި ދެނީ ދިވެހިންނެވެ. މި ހުއްދަ ނަގައިދޭ ދިވެއްސަށް ބަދަލުގައި ކޮންމެ މަހަކު 5،000ރ. ދެ އެވެ. މިއީ ކޮންމެ މަހަކު ވެސް އޭނާ އަށް "ބަދަލުގައި ތިބޭ" އުޖޫރަ އެވެ.

މި މަސައްކަތުގައި އުޅޭ ބިދޭސީންނާ ރާއްޖޭގައި ހުރި ބޭރުގެ ބޭންކުތަކުގެ ލޯނު ދިނުމުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާ އޮންނަނީ "ލިންކު" އަޅާފަ އެވެ. އެހެންކަމުން އެ މީހުންނަށް ފަސޭހަކަމާއެކު ލޯނު ވެސް ލިބެ އެވެ. އިމާރާތް ލިބޭއިރަށް ބިން ދައްކާލާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލޯނު އޯކޭ ކޮށްލަ އެވެ. މީގެ ބަދަލުގައި ލޯނު ދޫކުރަން ތިބޭ ބިދޭސީ މުވައްޒަފުން ނަށް ރަނގަޅު "ކަޓެއް" ދެ އެވެ. މިގޮތަށް ކުރާ އިމާރާތްތައް ހެދުމުގައި ހަރަކާތްތެރިވަނީ މާލެ އާއި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. އެ މީހުންނަށް ދުވާލެއްގެ މައްޗަށް 200ރ. ދިނުމުން ފުދުނީ އެވެ. ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުން އެމީހުން ފޮނުވާލަނީ އެވެ. އެ މީހުންނަށް ނިދުމާއި ކެއުމުގެ ހިދުމަތް މިފަދަ "ކޮންޓްރެކްޓަރުން" ނަށް ދޭކަށް ނުޖެހެ އެވެ.

"މިގޮތަށް އުޅޭ ބޭރު މީހުން އެބަހަދާ މާލޭގައި އަށް ބުރީގެ ބޮޑެތި އިމާރާތް. އެމީހުން މިފަދަ އިމާރާތްތައް ހަދަނީ ދިގު މުއްދަތައް ނަގައިގެން. އެހެންވެ އަބަދު ވެސް އެ މީހުންނަށް ފައިސާ ލިބި ލިބި ތިބޭ،" އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުންޏެއްގެ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލްކުރާ ޖަމިއްޔާ، މަސީގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ " އެފަދަ މީހުން އުޅޭ ކަމުގެ އަޑުތައް" އެ ޖަމިއްޔާ އަށް ވެސް އިވެމުންދާ ކަމަށެވެ. އަދި އެފަދަ ފަރާތްތައް މެދުވެރިކޮށް މަސައްކަތް ކުރުމުން ބޮޑު ގެއްލުންތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު އަބްދުﷲ ދެއްވި އެވެ.

"ބޮޑު ހަރަދެއް ކޮށްގެން އިމާރާތް މިކުރަނީ 30 ނޫނީ 40 އަހަރު ހުންނާނެ ކަމަށް. ނަމަވެސް އިމާރާތް ކުރުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން 10 އަހަރު ނޫނީ ތިން އަހަރުން އިމާރާތް ހަލާކުވެގެން ދާނަމަ އެވާނީ ބޮޑު ގެއްލުމަކަށް. މީގެ ސަބަބުން ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ފަރާތްތަކުގެ ސަބަބުން މުޅި އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ.

"މީގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އަގު ވެއްޓެމުން މި ދަނީ. މިފަދަ މީހުންގެ ސަބަބުން ސަރުކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ،" އަބްދުﷲ ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިންޑަސްޓްރީ އެވެ. ނަމަވެސް މި އިންޑަސްޓްރީގައި ތިބި މިފަދަ ބިދޭސީންގެ ސަބަބުން މުޅި އިންޑަސްޓްރީއަށް ދަނީ ގެއްލުން ލިބެމުންނެވެ. އެހެންކަމުން މިއީ ހުއްޓުވަން ޖެހޭ ބައެކެވެ.