ހަބަރު

ވެކްސިން ނުލިބޭ ރަށްރަށަށް ވެކްސިން ފޯރުކޮށް ދޭނެ: އެޗްޕީއޭ

އިންފްލުއެންޒާ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ އެޗްޕީއޭއިން އިއްޔެ ވަނީ އިންފްލުއެންޒާއިން ދިފާއު ވުމަށް ޖަހާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށް، މާލެ ސަރަހައްދުގައި އެ އޭޖެންސީގެ ފަރާތުން ހޮސްޕިޓަލްތައް މެދުވެރިކޮށް ވެކްސިން ޖަހައިދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށާފަ އެވެ. ނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުން އަދިވެސް ވެކްސިން ލިބެން ނެތުމުން އެކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެސްޓީއޯ ފާމަސީތައް މެދުވެރިކޮށް ހުރިހާ ރަށަކަށް އިންފްލުއެންޒާ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް ހުރިހާ ރަށަކަށް ވެކްސިން ފޯރުކޮށްދެވިފައި ނުވާ ކަމަށާއި ވީހާވެސް އަވަހަށް ވެކްސިން މިހާރު ނެތް ރަށްރަށަށް އެސްޓީއޯ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

"ރަށްރަށުގައި ވެކްސިން ޖެހުމުގެ މަސައްކަތްތައް އިއުލާންކޮށްލާނީ އޭރުން. ވީހާވެސް އަވަހަށް މި މަސައްކަތް ނިންމާލުމަށް މިދަނީ މަސައްކަތް ކުރަމުން،" އަފްޒލް ވިދާޅުވި އެވެ.

އިންފްލުއެންޒާ ވެކްސިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވިއްކަނީ 125 ރުފިޔާއަށެވެ. ބޭސް ފިހާރަތަކުން ވެކްސިން ދޫކުރާނީ ޑޮކްޓަރުގެ ޕްރެސްކްރިޕްޝަނެއް އޮތްނަމަ އެވެ.

އިންފްލުއެންޒާ ވެކްސިނަކީ އެޗް1 އެން1 އިންފްލުއެންޒާ ވައިރަސްގެ އިތުރުން ދެ ބާވަތެއްގެ އިންފްލުއެންޒާ ވައިރަސް އަކަށް އަމާޒުކޮށްގެން ހަދާފައިވާ ވެކްސިނެކެވެ. މި ވެކްސިން އެންމެ މުހިއްމު ވަނީ އިންފްލުއެންޒާ ޖެހިގެން ނުރައްކާވެފާނެ ފަދަ ކަމެއް ހުންނަ ފަރާތްތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މިފަދަ ބަލިމީހުންނާ ކުރިމަތިލާންޖެހޭ ފަރާތްތަކަށެވެ. --ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފެނިފައި ވަނީ އިންފްލުއެންޒާގެ ބާވަތެއް ކަމަށްވާ އެޗް3 އެން2 އެވެ --

އިންފްލުއެންޒާ ވެކްސިން ޖަހަން އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު އެ އޭޖެންސީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިންފްލުއެންޒާގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭ އިން ވަނީ ވެކްސިން ޖެހުމުގެ އިތުރަށް ބަލި ޖެހުމުން ރައްކާތެރިވެތިބުމަށް ސާފުތާހިރުކަމަށް އިސްކަންދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.