ޕްލޭން، ހުދު ޓީޝާޓް ލީ ޒަމާނެއް ދިޔަ އެވެ. އޭރުގެ ޓީ-ޝާޓްތަކުގައި ބޭނުން މަންޒަރެއް ރީތިކޮށް ކުރަހާލުންވީ ވުމަށްވުރެ ނުވުން ގާތް ކަމަށެވެ. ސަބަބަކަށްވީ އެ މަންޒަރު ސިފަ ކޮށްލަދޭނެ ސިކުނޑިއެއް ނެތުމެވެ. އެކަން ކޮށްދޭނެ އަތެއް ނެތީ އެވެ. އެކަމަކު 2008 ވަނަ އަހަރުން ފެށިގެން މި މަންޒަރު ބަދަލުވެއްޖެ އެވެ. މި މަންޒަރު ބަދަލުކޮށްދީ، ދިވެހި ހުދު ގަންޖުފަރާސްތަކުގައި ރާއްޖޭގެ ރީތި ތަސްވީރުތައް ކުރަހައި ދިނީ މި ނަމެވެ. އައިލެންޑް އާޓްގެ ނަމުގައި އާއިލީ ވިޔަފާރިއެއްގެ ތެރެއިން އުފަން ކުރުވި ނަމުންނެވެ. ދިވެހި ގަންޖުފަރާސްތަކުގައި ކުލަ ޖައްސައިދިނުމުގައި އެންމެ އިސްކޮށް ހުންނެވީ، އަބްދު ﷲ ހަސަން އެވެ.
ދެހާސް އަށް ވަނަ އަހަރު، އައިލެންޑް އާޓް ފުރަތަމަ އުފެދުނީ ވަރަށް ކުޑަކޮށެވެ. އޭރު ކުރި މަސައްކަތަކީ އަބްދުﷲ އުފަން ރަށް އއ. ރަސްދޫގައި ހަނދާނީ ހަދިޔާ އުފެއްދުމެވެ. ފުރަތަމަ މި ވިޔަފާރީގައި ކުރީ ކަހަނބުފަތާއި އެންދެރީގެ މަސައްކަތްތަކެވެ. އަދި ކުދި ދޯނި ފަދަ ގެސްޓުން ބޭނުންވާނެ ކުދިކުދި ސުވެނިއަ އޭނާ ދިޔައީ އުފައްދަމުން އެވެ. ނަމަވެސް ކަހަނބު ފަތާއި އެންދެރީގެ މަސައްކަތް ފަހުން ހުއްޓުނީ އެވެ. މި މަސައްކަތުގައި މުޅި އާއިލާ ބައިވެރިވި އެވެ. އޭގެފަހުން މި މަސައްކަތް ފުޅާ ކުރުމުގެ ބޭނުމުގައި މަސައްކަތް މާލެ އަށް ބަދަލު ކުރީ އެވެ. އެއަށްފަހު ހުޅުވި "އައިލެންޑް އާޓް" ފިހާރަވީ ދިވެހިންގެ އުންމީދާ ގުޅިލާމެހިގެން ދިޔަ ތަނަކަށެވެ. ހާއްސަކޮށް ރާއްޖެއަށް އަންނަ މެހުމާނުންނާއި މޫދު ކުޅިވަރުތަކުގައި މަސައްކަތް ކުރާ ޒުވާނުން ހިތް އުފާކޮށްދިން ތަނަކަށެވެ. ރާއްޖޭގެ ކަނޑުއަޑީގެ ރީތި ފޮޓޯތައް ގުދުރަތީ ހަގީގީ ކުލައިގައި ގަންޖުފަރާސްތަކާ ހަމައަށް ގެނެސްދިނެވެ. ރާއްޖެ އަންނަ މެހުމާނުން ފުރައިގެން ދާއިރު ރާއްޖޭގެ ރީތި ތަސްވީރެއް ހިފައިގެންދާން ފުރުސަތު ފަހިވެގެން ދިޔަ އެވެ.
"ޓޫރިޒަމް އަބަދު ވެސް ރަށުގައި އޮވޭ. އެންމެ ފުރަތަމަ މިކަމުގައި އުޅުނީ ބޭބެމެން. އެހެންވެ މީގެ ތެރެއިން މިކަން ފެށިގެން މިދިޔައީ،" މަސައްކަތް އެންމެ ފުރަތަމަ ކުރި ގޮތް އަބްދުﷲ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ރޭންޖް
ޓީޝާޓް ޕްރިންޓިންގެ މަސައްކަތްތަކަކީ ދުނިޔޭގައި މިގޮތަށް ކުރާ އެންމެ ފުޅާ އެއް މަސައްކަތެވެ. އެހެންވެ އައިލެންޑް އާޓްގެ މައި ފޯކަސްއަކަށްވީ ދުނިޔޭގެ ފެންވަރަށް މި މަސައްކަތް ރާއްޖޭގައި ފުޅާ ކުރުމެވެ. އެހެންވެ، އައިލެންޑް އާޓުން މި މަސައްކަތް ކުރަން ބޭނުންވާ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އާލާތްތައް ރާއްޖެ ގެނަ އެވެ. ނަމަވެސް، ޓީޝާޓްގައި ޕްރިންޓް ކުރަން ފެށިއިރު އެންމެ ބޮޑު ގޮންޖެހުމެއް ދިމާވީ، ޓީޝާޓްގެ ސްކްރީން ޕްރިންޓިންއަށް ބޭނުންވާނެ މެޓީރިއަލް ހޯދުމެވެ. އެހެންވެ، އައިލެންޑް އާޓުގެ ފޯކަސްއަކަށްވީ މި މަސައްކަތަށް ބޭނުންވާނެ އެންމެ ފަހުގެ އާލާތްތައް ރާއްޖެއިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
"މި މަސައްކަތްކުރާ މީހުންނަށް ބޭނުންވާނެ މެޓީރިއަލް ގެނެސް ދިނުންވެސް ވީ ފޯކަސް އަކަށް. އެ މަސައްކަތުން މިހާރު ކެމިކަލްސް އާއި ކުލަ މި ނޫންވެސް އެހެނިހެން މެޓީރިއަލްސް މިހާރު ލިބެން ހުންނާނެ،" އަބްދުﷲ ވިދާޅުވި އެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީ
ޓީޝާޓް ޕްރިންޓިންގައި މިހާރު އައިލެންޑް އާޓް ޖަހައެއް ނުލެވޭނެ އެވެ. އަބްދުﷲ ގެ މަސައްކަތުން މިހާރު މި ކުންފުންޏަކީ އެންމެ ފަހުގެ ޓެކްނޮލޮޖީސް އާއި އެންމެ ފަހުގެ އާލާތްތައް ހުރި އެއް ކުންފުންޏެވެ. އަބްދުﷲ ގަބޫލު ކުރައްވާ ގޮތުގައި މި މަސައްކަތުގައި ކުރިން އޮތް ގޮންޖެހުމަކީ މަސައްކަތުގެ މައުލޫމާތު ނޭނގުމެވެ.
"މިހާރު އިންޓަނެޓުން ހުރިހާ މައުލޫމާތެއް ލިބެން އެބަހުރި. މިހާރު ވަރަށް ބޮޑަށް ތަފާތު ވެއްޖެ. މިހާރު ބޭނުން މައުލޫމާތެއް ބޭނުން ވަގުތަކުން ލިބެން އެބަހުރި. މިއީ އެންމެ ބޮޑު ފަސޭހައަކީ. ކުރިން 200 އެއްހާ ޓީޝާޓްގައި ޕްރިންޓް ކުރަންޏާ އެއީ ގާތްގަނޑަކަށް އެއް ދުވަސް. އެކަމަކު މިހާރު އެއީ ވަގުތުކޮޅެއްގެ ކަމެއް،" އަބްދުﷲ ވިދާޅުވި އެވެ.
އެކަމަކު މިހާރު އައިލެންޑް އާޓްގައި ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން 200 ޓިޝާޓް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާލަ އެވެ. މި ޓީޝާޓުތަކުގައި ކުރެހުމާއި މިނޫންވެސް އެހެން މަސައްކަތްތައް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާލުމަކީ ވަރަށް އާދައިގެ ކަމެކެވެ. މަސައްކަތް އެތައް ގޮތަކުން ލުއި ފަސޭހަކޮށްދީފި އެވެ.
އަބްދުﷲ ގެ އުންމީދަކީ މި ދާއިރާގެ ތެރެއިން ޓޫރިޒަމް ދާއިރާއަށްވެސް ނުކުތުމެވެ. މަގުސަދަކީ ވިޔަފާރި އިތުރު މަގުތަކަށް ކަފިކުރުމެވެ. މި ވިސްމުގައި އައިލެންޑް އާޓްރާ ޖެހިގެން ހުރި ރެޓްރޯ ކެފޭ ނަގައި ވަނީ ހިންގަން ފަށާފަ އެވެ. ތަފާތު ހިތް ގައިމު މާހައުލެއް އޮންނަ މިތަންވެސް ވެގެންދަނީ ފެންވަރު ރަނގަޅު ހިދުމަތެއް ދޭ ތަނެއްގެ ގޮތުގަ އެވެ.
"ރެޓްރޯ ވެސް މިއީ ހަމަ އާޓްގެ ބައެއް އެހެންވެ ތަފާތު ގޮތަކަށް މި ފެންނަނީ. މި ދާއިރާގައި އުޅެންޏާ ޖެހޭނެތާ ތަފާތު ކޮށްލަން. ވަރަށް ގިނަ މީހުންގެ ހިޔާލުމީ. ހާއްސަކޮށް ވަރަށް ގާތް ރައްޓެއްސެއްގެ މަސައްކަތް. އެންމެ އިސްކޮށް އުޅުއްވީ އޭނަ،" އަބްދުﷲ ވިދާޅުވި އެވެ.
ތަފާތު މަސައްކަތެއްގައި އަބްދުﷲ އެދަނީ ތަފާތު ހުނަރެއް ދައްކަމުންނެވެ. މި މަސައްކަތުގެ ނަތީޖާއަކީ ދިވެހިންގެ ގަންޖުފަރާސްތައް ކުލަކޮށްލަ ދިނުމެވެ. ރީތި ފަރުމާތަކެއް ގެނެސްދިނުމެވެ.