ހަބަރު

ފާއިޒު ދެ ފަނޑިޔާރުންނަށް: ސިއްރު ހެކި އާންމު އުސޫލަށްވީ އަމަލު ކުރެއްވި ގޮތުން

ސިއްރު ހެއްކާއި ސިއްރު ރިޕޯޓްތައް ބަލައިގަތުމުގައި ކުރިން ހަރުދަނާ އުސޫލެއް ގާއިމުކުރިނަމަ ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމުގެ މިހާރު އޮތް އުސޫލު އުފެދިގެން ނައީސް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ފާޑުވިދާޅުވެއްޖެ އެވެ.

ފާއިޒު މިހެން ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ގިނަ ސިއްރު ހެކިތަކެއް ހުށަހެޅުމުން އެކަމާ ފާޑުވިދާޅުވެ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވާފައިވާތީ އެވެ.

އެ ޝަރީއަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމާއި އެހެންވެ ރާއްޖޭގައި ސިއްރުން ހެކި ބަސް ނުނެގޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ތާއީދު ކުރައްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެކަށް ނުވާތީ ސިއްރުން ހެކި ބަސް ނެގުމާމެދު އެމަނިކުފާނު އިއުތިރާޒް ކުރައްވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވިއިރު އެމަނިކުފާނުގެ ތާއީދުއާއެކު ސުޕްރީމް ކޯޓުގައި ސިއްރުން ހެކި ބަސް ނަގައިގެން މައްސަލައެއް ސާބިތުކޮށްފައިވެ އެވެ. އެއީ ޖުމްހޫރީ ޕާޓީއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރުމަށް ހުށަހެޅި މައްސަލަ އެވެ. އެ މައްސަލާގައި 14 މީހެއްގެ ހެކި ބަސް ސިއްރުން ނެގި އެވެ. ސިއްރު ރިޕޯޓެއް ވެސް ހުށަހެޅި އެވެ. އެ މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒުގެ ރައުޔު ތަފާތެވެ.

އެކަމަށް އިޝާރަތް ކުރައްވާ ފާއިޒު ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މައްސަލާގައި އެމަނިކުފާނުގެ ރައުޔުގެ ބައެއް ވެސް ހިއްސާކުރައްވާފަ އެވެ. ފާއިޒުގެ ރައުޔުގައި ބުނެފައިވަނީ، ހެކި ބަސް ދިން މީހުންގެ ހެކި ބަހާ ގުޅިގެން ސާފުކުރަން ކަންތައްތަކެއް ހުރި ނަމަވެސް އެކަންތައްތަކާ ގުޅޭ ގޮތުން ސުވާލު ކޮށްފިނަމަ އެމީހުންގެ ސިއްރުކަން ގެއްލޭނެ ކަމަށެވެ. އެހެންވެ އެމީހުންގެ ހެކި ބަހާއި ސިއްރު ރިޕޯޓާ ގުޅޭ ގޮތުން ދައުވާ ލިބޭ ފަރާތަށް އެއްޗެއް ބުނުމުގެ ފުރުސަތު ލިބިފައި ނުވާތީ އެ ހެކިތަކަށް ރިއާޔަތް ނުކުރައްވާ ކަމަށް ފާއިޒުގެ ރައުޔުގައިވެ އެވެ.

ފާއިޒު ރޭ ވިދާޅުވީ، ޕްރައިމަރީ އެވިޑެންސް ސިއްރުކޮށް ޖަވާބުދާރީވާ ފަރާތް އަނދިރީގައި އޮތްވާ މައްސަލަ ސާބިތު ކުރުމާއި އެފަދަ ހެކި ބަލައިގަތުމާމެދު ރައުޔު ތަފާތުވުމުން އެމަނިކުފާނު ނިންމެވީ ވަކި ރައުޔެއް ލިޔުއްވުމަށް ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ނުކުރެވޭނެ ކަމަށް ކަމަށެވެ.

"ސުޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން އެ ދުވަހު ސިއްރު ހެއްކާއި ސިއްރު ރިޕޯޓް ބަލައި ނުގަތްނަމަ ނުވަތަ ލިމިޓެއް ކަނޑައެޅިނަމަ މިއަދު ޖިނާއީ މައްސަލަ ސާބިތު ކުރުމުގެ އާންމު އުސޫލަކީ ސިއްރު ހެއްކާއި ސިއްރު ރިޕޯޓް ގޮތުގައި ވެގެން ނުދިޔައީސް،" ފާއިޒު ވިދާޅުވި އެވެ.

ފާއިޒު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނަމަވެސް މިއަދު އެދަނީ ސިއްރު ހެއްކާއި ސިއްރު ރިޕޯޓްގެ އެހީގައި އެ ބޭފުޅުންގެ މައްޗަށް ދައުވާތައް ސާބިތުކުރަމުން ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މައްސަލަތަކެއް ހުރިކަން ވެސް ފާއިޒު ފާހަގަކުރައްވާފައިވެ އެވެ.