ހަބަރު

ރައީސްގެ މަންދޫބު މައުމޫނާ ބައްދަލުކުރައްވައިފި

ޓެރަރިޒަމްގެ ދައުވާ އުފުލައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައްދަލު ކުރައްވައިފި އެވެ.

ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ޖަލުގެ ހާލަތާ ބެހޭ ކަންބޮޑުވުންތަކާއި ޝަރީއަތް ހިނގަމުންދާ ގޮތުގެ ކަންބޮޑުވުންތައްފަދަ ކަންބޮޑުވުންތައް ރައީސް މައުމޫން ވަނީ ޑިފެންސް މިނިސްޓަރާ ހިއްސާ ކުރައްވާފަ އެވެ.

މީގެކުރިން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވެސް ވަނީ ރައީސްގެ މަންދޫބެއްގެ ގޮތުގައި ރައީސް މައުމޫންއާ ބައްދަލުކުރައްވާފަ އެވެ.

ޑިފެންސް މިނިސްޓަރު ޖަލަށް ވަޑައިގެން ރައީސް މައުމޫންއާ ބައްދަލުކުރެއްވިއިރު އެމަނިކުފާނުގެ ސިއްހީހާލުކޮޅު ވަނީ ގޯސްވެފަ އެވެ. ފަސް ފަހަރެއްގެ މަތިން އެމަނިކުފާނު ވެއްޓިވަޑައިގެންފައިވެސްވެ އެވެ. އެމަނިކުފާނު ދަނީ ތަކުރާރުކޮށް ބަންދަށް ލުޔެއް ދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް ބަންދެއް ލުޔުއް ނުދީ ގިނަ ޝަރީއަތުގެ އަޑުއެހުންތަކެއް ތާވަލުކުރަމުންނެެވ.

ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރުއްވުމުގައި ބައިވެރިވެ، ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.