އައިލެންޑް އޭވިއޭޝަންގެ ދަށުން ދޭ ހިދުމަތްތައް ތިމާވެއްޓާ ރައްޓެހިކުރުމަށް ފަށާފައިވާ ޕްރޮގްރާމްގެ ދަށުން އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ކަރުދާސް ތަށި ބޭނުންކުރަން އެ ކުންފުނިން ނިންމައިފި އެވެ.
މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހު އައިލެންޑް އޭވިއޭޝަނުން ވަނީ ޕްލާސްޓިކް މަދުކޮށް، ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުމަށް ދުނިޔޭގެ ފެންވަރުގައި ފަށާފައިވާ ހަރަކާތްތަކަށް ހިއްވަރުދިނުމުގެ ގޮތުން އަންނަ އަހަރުގެ ނިޔަލަށް ހަތަރު ކަމެއް ކުރުމަށް އަޒުމް ކަނޑައަޅާފަ އެވެ. އެގޮތުން އެއާޕޯޓްގައި ސޯލާ ޕެނަލް ބެހެއްޓުމާއި ކުންފުނީގެ ބޭނުންތަކުގައި ރީސައިކަލްކުރެވޭ ސާމާނު ބޭނުންކުރުމާއި އެއާޕޯޓާއި އެ ކުންފުނީގެ އޮފީސްތަކުގައި ލެޑް ލައިޓް ހަރުކުރުން ހިމެނެ އެވެ.
ތިމާވެށީގެ ދުވަހާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ކުރަން ނިންމާފައިވާ ކަންތައްތަކާ ބެހޭގޮތުން އެ ކުންފުނިން މިއަދު ބުނީ، މޯލްޑިވިއަންގެ ފްލައިޓްތަކަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ތަށި ސަމްސާ ގިނަ އަދަދަކަށް ބޭނުންކުރާ ފްލައިޓްތަކަކަށް ވާތީ، އެއާލައިންގެ ފްލައިޓްތަކުގައި ކަރުދާސް ތަށި ބޭނުންކުރަން ފެށުމަކީ ޕްލާސްޓިކް މަދުކުރަން ފަށާފައިވާ ކެމްޕޭނަށް އެ ކުންފުނިން ދެވޭނެ ވަރަށް ބޮޑު އެއްބާރުލުމެއް ކަމަށެވެ. ހަމަ އެއާއެކު ކާބަން މަދުކުރުމުގެ ގޮތުން އައިލަންޑް އޭވިއޭޝަންގެ ދަށުން ހިންގާ ހުރިހާ ތަނެއްގެ ލައިޓްތައް ލެޑަށް ބަދަލުކުރާނެ ކަމަށް ވެސް ބުންޏެވެ.
"ލެޑް ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. ދެން އޮތީ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް. މި މަސައްކަތް ފަށާނީ އަންނަ އަހަރު،" އައިއޭސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގައި އަންނަ އަހަރު ހަރުކުރާ ސޯލާ ޕެނަލްތަކުން އެއާޕޯޓް ޓާމިނަލާއި ހޭންގާއަށް ދުވާލު ގަޑީގައި ބޭނުންވާ ކަރަންޓު އެއްވެސް ދަތިކަމެއްނެތި ޖެނަރޭޓް ކުރެވޭނެ ކަމަށެވެ.