ހަބަރު

12 މެންބަރުންގެ މައްސަލަ ކޯޓުގައި އޮތްވާ ނިހާންގެ އިންޒާރެއް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތްވާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ ވަރުގަދަ އިންޒާރެއް އެ މެންބަރުންނަށް ދެއްވައިފި އެވެ.

މި އިންޒާރު ނިހާން ދެއްވީ، ސޯޝަލް މީޑިއާގައި އެ 12 މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނާ ދެމެދު ރޭ ހިނގި ޒުވާބެއްގަ އެވެ. އިންޑިއާއަށް ނޭރުވި މައްސަލާގައި ނިހާން ގެންދަވަނީ އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އެއީ ބުލީކުރުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ނިހާން އެފަދަ ވާހަކަތައް ދައްކަވަން ފެށުމުން އިދިކޮޅުގައި ތިއްބެވި ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް ބަންދުކޮށްފައިވާ މެންބަރުން ރުޅިގަދަވި އެވެ. އަދި ނިހާން ބަހުގެ ހަމަލާތައް ފޮނުވަން ފެއްޓެވި އެވެ.

"ޕާސްޕޯޓްތައް ހިފަހައްޓާ، އެތައް ބަޔަކަށް ދަތުރު ނުކުރެވޭ ގޮތް ހަދާ، އަތްޖަހަން ހުރި މީހަކު އިންޑިއާއަށް ނުވަދެވުމުން ދެފައި ތަޅާފަ ރޮއެގަތް މަންޒަރު މި ފެންނަނީ،" ޕާސްޕޯޓް ހިފަހައްޓާފައިވާ މެންބަރު މުހައްމަދު އަމީތު ވިދާޅުވި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވެސް އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ. ބޭސްފަރުވާއަކަށް އިންޑިއާއަށް ނިހާން ނުދެވުނު ކަމަށް ވިދާޅުވާއިރު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ހުންނެވީ ދަރިފުޅުގެ ބޭސްފަރުވާއަށް ބޭރަށް ނުފުރިފަކަން ޝާހް ފާހަގަކުރެއްވި އެވެ. ފައިސަލް ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެނގުނީ ވެސް ދަރިފުޅު ގޮވައިގެން ފުރަން އެއާޕޯޓަށް ދިޔުމުންނެވެ. މިފަހުން އަމީތުގެ ކާފަގެ ޖަނާޒާއަށް ދާން ވެސް ޕާސްޕޯޓް ދޫކޮށްފައިނުވާކަން ޝާހް ފާހަގަކުރެއްވި އެވެ.

އަލީ ޝާހް ވަނީ ކުށެއް ނެތި ބަޔަކު ޖަލަށްލާ އަނިޔާކުރަމުންދާކަން ނިހާންއަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ގާނޫނީ ނިޒާމް ހަލާކުކޮށް، އަނިޔާވެރިކަން އިސްކޮށް ނުހައްގުން އަދަބުތައް ދެމުން ދަނީ ނިހާންމެންގެ ސަބަބުން ކަމަށް ވެސް ޝާހް ވިދާޅުވެފައިވެ އެވެ. ނިހާންއާމެދު ގައުމަކުން އެޅި ކުޑަ ފިޔަވަޅަކުން އެވަރަށް އަސަރުކުރިއިރު ދެން ފިޔަވަޅު އަަޅާނީ މުޅި ދުނިޔެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތަކުގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވެސް ބައިވެރިވަޑައިގަތެވެ. އޭނާ ހަނދާން އާ ކުރެއްވީ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވިލިނގިއްޔަށް ވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ދެންނެވި އެ ރަށު ކައުންސިލަރުން ސަސްޕެންޑްކޮށް އެ ރަށުން އޭނާ ފޭބުމަށް ކުރި މަޖުބޫރެވެ. އެފަދަ އަމަލުތައް ހިންގެވިއިރު މިފަދަ ފިޔަވަޅެއް އަޅާނެ ކަމަށް ހިތްޕުޅަށް އަރާވަޑައިނުގަންނަވާތޯ ސައުދު ސުވާލު ކުރެއްވި އެވެ. އޭރު ވެސް ދުނިޔެއިން ދިޔައީ އަނިޔާވެރިކަމުގެ އަމަލުތަކަށް ފާރަލަމުން ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ލަތީފާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ނިހާންއަށް ފާޑުވިދާޅުވެފަ އެވެ. ލަތީފް ވިދާޅުވީ، ނިހާންއަށް އިންޑިއާއަށް އެރުމަށް ހުއްދަ ނުލިބުމުން އެނގިގެން ދަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި މި ސަރުކާރު ބަލިކަށިވަމުންދާކަން ކަމަށެވެ.

މުސްތަފާ ވިދާޅުވީ، ރައްޔިތުންނަށް އަނިޔާވުމަށްފަހު ދުނިޔެއަށް ފިލައިގެން ނޫޅެވޭނެ ކަމަށާއި ނިހާންއާއެކު މި ސަރުކާރުގެ ވެރިން ފަޟީހަތްވެފައިވާ ކަމަށެވެ.

ނިހާންގެ ރުޅިގަނޑު ފަޅައިގެން!

މެންބަރުންގެ އެ ވާހަކަތަކާއެކު ނިހާންގެ ރުޅިގަނޑު ފަޅައިގެން ގޮސް ރައްދު ދެއްވާ ޓްވީޓެއް ކުރެއްވި އެވެ. ނިހާން ވިދާޅުވީ، "ހަރާމް ބަޣާވާތެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑި ވިއްކި ޓީމަށް މެންބަރުކަން ގެއްލުނީ މަށާ ހެދިއެއް ނޫން،" ކަމަށެވެ. އެއަށްފަހު އެ މެންބަރުންނަށް ވަރުގަދަ އިންޒާރެއް ދެއްވި އެވެ.

"ކިތަންމެ ވަރަކަށް ރޮއެ ހޭރުނަސް ދެން އެ ގޮނޑިތަކެއް މި ދައުރަކު ނުލިބޭނެ، އިރާދަކުރެއްވިއްޔާ އަދި ފަހުން ވެސް ނުލިބޭނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން މިހެން ވިދާޅުވިއިރު މެންބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުކޮށްފަ އެވެ. އެ އަމުރުގެ ބޮޑު ބައެއް ބާތިލުކޮށްފައިވީ ނަމަވެސް މިހާތަނަށް އެ ބައި ބާތިލެއް ނުކުރެ އެވެ. އެ ބައި ވެސް ބާތިލުކޮށްދިނުމަށް ބަންޑާރަ ނައިބު އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވާތީ އޮތީ ވަގުތީ ގޮތުން އަމުރުގެ އެ ބަޔަކަށް އަމަލުކުރުން މަޑުޖައްސާފަ އެވެ. މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު މިހާތަނަށް އެއްވެސް ހުކުމެއް އިއްވާފައެއް ނުވެ އެވެ.

ނިހާންގެ ރައްދާއެކު މެންބަރުން ވެސް ވަނީ ހޫނު ޖަވާބުތައް ދެއްވާފަ އެވެ. އަމީތު ވިދާޅުވީ، ރައީސ އަބްދުﷲ ޔާމީނަށް އެތައް ބަޔަކަށް އަނިޔާ ދޭން ފުރުސަތު ނުލިބުނީ ނިހާންމެންފަދަ ބޭފުޅުން އަތްޖަހަން ތިއްބެވުމުން ކަމަށެވެ. ހުސް އަނިޔާގެ ބައިވެރިން ކަމަށާއި އޭގެ ބަދަލު އަރާ ހަމަކުރާ ކަމަށެވެ.

މުސްތަފާ ރުޅިގަދަވެ، ނިހާން ވެސް ބަޣާވާތަކާ އަޅުވާލި އެވެ. އެގޮތުން މުސްތަފާ ވިދާޅުވީ، ހަރާމް ބަޣާވާތެއް ކުރަން އުޅުނީ 12 މެންބަރުން ނޫން ކަމަށާއި އެކަން ކުރަނީ ނިހާންމެން ކަމަށެވެ.

"ރައީސް ޔާމީން ވަނީ ނިހާންގެ މައްޗަށް ވަރަށް ބޮޑަށް ތުހުމަތު ކޮށްފަ، ފިނިފެންމާ ލޯންޗު ގޮވީމަ ސެލެބްރޭޓް ކުރީ ވެސް ގަމަ ނިހާންމެން ދޯ،" މުސްތަފާ ވިދާޅުވި އެވެ.

ޝާހް ވެސް ވިދާޅުވީ، ބަޣާވާތް ކުރީ އެ މެންބަރުން ނޫން ކަމަށެވެ. ބަޣާވާތް ކުރުމަކީ ގާނޫނު އަސާސީ ފުނޑާލުން ކަމަށެވެ. އޭނާ ވިކުނުނަމަ ހުންނާނީ ނިހާންމެންއާއެކު ނޫންތޯ ވެސް ޝާހު ސުވާލުކުރެއްވި އެވެ.

ނިހާން މައްސަލާގައި އިދިކޮޅު މެންބަރުންގެ ބޮޑު ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވެފައިވާއިރު މިހާތަނަށް އިންޑިއާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެއީ ކިހިނެއްވީ ކަމެއްކަން ވެސް ސާފެއްނުކޮށްދެ އެވެ. އިދިކޮޅުން ބުނަނީ އެއީ އިންޑިއާއިން އެޅި ހަރުކަށި ފިޔަވަޅެއް ކަމަށެވެ.