ހަބަރު

އިބޫގެ އަނބިކަނބަލުންގެ ތަފާތު ޓްވީޓެއް

އެމްޑީޕީގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ބަހުސް ބޮޑުވެފައިވަނިކޮށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ. އިބޫ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ބައެއް މެންބަރުން ދަނީ ތާއިދުކުރަމުންނެވެ.

އިބޫ އިދިކޮޅުގެ އެއް ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ބައެއް މެންބަރުން ތާއިދުކުރި ނަމަވެސް އެކަން ލީޑަޝިޕުން އަދި އެއްބަސްނުވެވޭ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމަށް އިޝާރާތްވާ ގޮތަކަށް އިބޫގެ އަނބިކަނބަލުން ކުރައްވާފައިވަނީ ހުސެއިން ސޮލާހުއްދީންގެ ޅެންބައިތެކެވެ. އެ ޓްވީޓް ކުރެއްވީ އަންގާރަ ދުވަހު އެވެ.

"ވީމާ މޮޅު ނަސަބަކުން އަޔަތީ، ތިމާމެން ކިނބުރުވެރި މިވަނީ ރިމާދަށް ފުރޮޅިގެން އެ ދަނީ، ދިމާޔަށް އަނގުރު އަލިފާނޭ،" ޅެން ބައިތުގައިވެ އެވެ.

މި ޅެން ބައިތު މިހާރު އެމްޑީޕީގެ ތެރޭގައި އޮތް ހާލަތާ ވަރަށް ގުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އިބޫއަކީ ހިންނަވަރަށް އުފަން ބޭފުޅެކެވެ. މާލޭގެ ގަދަރުވެރި އާއިލާއެއްގެ ބޭފުޅެއް ނޫނެވެ. ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ މާލޭގެ ބޮޑު އާއިލާއެއްގެ ބޭފުޅެކެވެ. ދެން އެންމެ އިސްކޮށް ހުންނެވި އަބްދުﷲ ޝާހިދަކީ ވެސް މާލޭގެ ގަދަރުވެރި އާއިލާއެއްގެ ބޭފުޅެކެވެ.

މިކަމަށް އިތުރަށް ބާރު ލިބޭފަދަ ޓްވީޓެއް އިބޫގެ ދައްތަ، އައިމިނަތު ސޯލިހު އިއްޔެ ކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވެފައިވަނީ، "އެމްޕީ އަހުމަދު މަހުލޫފް ފާޅުކުރެއްވި ހިޔާލާ ގުޅިގެން ބަޔަކު ރަން ބުއްދިވެ އިބޫގެ ބޯ ކަނޑާލާ ހަވަރަށް ދޭން ގޮވަންޖެހެނީ ކީއްވެބާ، ހާދަ ދެރަވަރޭ،" ކަމަށެވެ.

އިބޫގެ އަނބިކަނބަލުން ފަޒްނާއަކީ ރައީސް ނަޝީދާ އާއިލާ ގުޅުން އޮންނަ ބޭފުޅެކެވެ. އަދި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ވެސް ބޭފުކެވެ. އެމަނިކުފާނު މިނިވަންކުރުމަށް ތަކުރާރުކޮށް ގޮވާލައްވައި ބައެއް ހަރަކާތްތަކުގައި ވެސް ބައިވެރިވަޑައިގަންނަވާ ބޭފުޅެކެވެ.

ފަޒްނާގެ ޓްވީޓް ރީޓްވީޓް ކުރައްވާ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވަނީ "އިބޫއަށް އެމްޑީޕީގެ ކެންޑިޑޭސީ ހައްގު" ކަމަށެވެ.

ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭނެ ހުރިހާ ގާނޫނީ ދޮރެއް ބަންދު ނަމަވެސް އެމަނިކުފާނު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އިތުރު "ބެކަޕެއް" ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މަހުލޫފް ވަނީ ރައީސް ނަޝީދަށް ވާދަ ނުކުރެއްވޭނަމަ އިބޫ ކުރިއަށް ނެރެން ތާއިދުކުރައްވާފަ އެވެ. އެ ހިޔާލަށް އެމްޑީޕީގެ އެހެން ބައެއް ބޭފުޅުން ވެސް ތާއިދު ކުރެއްވި އެވެ. މައުލޫމާތު ލިބޭ ގޮތުގައި އިއްތިހާދުގެ އެހެން ޕާޓީތަށް ވެސް އިބޫއަށް އެއް ބަހެވެ.